ދާދި ފަހުން ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުން ވަކިގޮތެއް ހަމަޖައްސައިދެންދެން އެނދިގޭގޭގެ ވެރިފަރާތްތަކަށް ގާކޮށީގެ ފްލެޓްތަކުގައި ދިރިއުޅެވޭނެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.
އެންޑީއެމްއޭއިން ބުނީ ސަރުކާރުން ވަކިގޮތެއް ހަމަޖައްސައިދެންދެން އެނދިގޭގޭގެ ވެރިފަރާތްތަކަށް ކެއުމުގެ ހަރަދުތަކަށްވެސް ވަކި އެލަވަންސްތަކެއް ދޭން މިހާރު ނިންމާފައިވާ ކަމަށެވެ.
ވަގުތީ ހިޔާވަހިކަމުގައި 24 އާއިލާއެއްގެ 141 މިހުން އެބަތިބިއްބެވެ.
އެންޑީއެމްއިން ބުނީ، އެ އާއިލާތަކުގެ ތެރެއިން އަނދައިގެން ދިޔަ ގެތަކުގައި ކުއްޔަށް އުޅުނު މީހުންނަށް، އެހެން ތަންތަންތަނަށް ބަދަލުވުމަށް ތިން މަސްދުވަހުގެ ކުލިވެސް މިހާރު ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި އެ އާއިލާތަކަށް މިމަހުގެ ނިޔަލަށް ގާކޮށީގައި ތިބުމާއި ކެއިން ބުއިމުގެ ހަރަދުތައް ހަމަޖައްސައިދޭނެކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެއަށް ފަހު، ގާކޮށީގައި ހުސްކޮށް ހުރި ފުލެޓްތަކަށް އެނދި ގެތަކުގެ ވެރިފަރާތްތައް ބަދަލު ކުރާނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް އަނބުރާ އެ މީހުންގެ ގެތަކަށް ދެވެންދެން ނޫނީ ސަރުކާރު ވަކިގޮތެއް އަންގަން ދެން އެތަންތަނުގައި ތިބެވޭނެ ކަމަށް ވެސް އެ އޮތޯރިޓީއިން ބުންޏެވެ.
ހެންވޭރުގެ އަލިފާނުގެ ހާދިސާގައި ހަ ގެއެއް އަނދައި އެކަކު ވަނީ މަރުވެފަ އެވެ. އަދި އެއްކޮށް އެނދި ގެތައް މިހާރު ވެސް ދަނީ ތަޅާލުމުގެ މަސައްކަތް ކުރަމުން އެވެ.