ޖަޕާނުގެ ޑިޒާސްޓާ ޕްރިވެންޝަން ސެންޓަރުގެ މަސައްކަތް ރައީސް ބައްލަވައިފި

މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން އެގައުމުގެ މެރިޓައިމް ޑިޒާސްޓާ ޕްރިވެންޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފި އެވެ.

ރައީސްގެ ދެކަނބަލުން އެ ސެންޓަރަށް ޒިޔާރަތް ކުރެއްވީ މިއަދު ހެނދުނު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. ޑިޒާސްޓާ ޕްރިވެންޝަން ސެންޓަރުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އެ ސެންޓަރުގެ ރައީސް ނަޖަޖްމާ ސަޓޯޝީއެވެ.

ރައީސްގެ ޒިޔާރަތުގައި ކަނޑުމަތީގެ ހާދިސާތަކުން ދުރާލާ ރައްކާތެރިކަން ހޯދުމާއި އެފަދަ ކަންކަމަށް ތައްޔާރުވުމާ ބެހޭ ދާއިރާއިން ޖަޕާނުން ހޯދާފައިވާ ކުރިއެރުންތަކާ ބެހޭ މައުލޫމާތު ވަނީ ހޯއްދަވައިފައެވެ.

ހަމައެއާއެކު އެ ސެންޓަރުގައި ތަމްރީނު ފުރިހަމަ ކުރަމުންދާ އެމްއެންޑީއެފްގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެމީހުންގެ ތަމްރީނާގުޅޭ މައުލޫމާތު ވެސް ވަނީ އޮޅުންފިލުއްވައިފައެވެ.

މެރިޓައިމް ޑިޒާސްޓާ ޕްރިވެންޝަން ސެންޓަރުގައި ހިންގޭ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރޭގައި ތެޔޮ ލީކުވުން ފަދަ ހާދިސާތައް ކޮންޓްރޯލް ކުރުމާއި އަލިފާން ނިއްވުމާ އަދި ވިހަ މާއްދާތައް ލީކުވެ ފެތުރިގެންދާ ހާލަތުގައި އެފަދަ މާއްދާތަކުން ރައްކާތެރިކަން ހޯދުންފަދަ ތަމްރީނު ޕްރޮގްރާމުތައް ހިމެނެއެވެ.

ރައީސްގެ މި ޒިޔާރަތުގައި އޮއިލް ސްޕިލް ކޮންޓްރޯލް ޓްރެއިނިން ސްޓޭޝަން އަދި އައްސޭރިފަށް ސާފުކުރުމުގެ ތަމްރީނުތައް ކުރިއަށްގެންދާ ސަރަހައްދަށް ވެސް ޒިޔާރަތްކުރެއްވިއެވެ.

މިއަހަރުގެ ކުރީކޮޅު ޖަޕާނު ސަރުކާރުން ވަނީ އަލިފާން ނިއްވުމަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި 2018 ވަނަ އަހަރު އެގައުމުން ވަނީ ތެޔޮ ލީކުވުން ފަދަ ހާދިސާތައް ކޮންޓްރޯލުކުރުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ޖަޕާނުން އަންނަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން މާލެ ވަށައިގެން ލާފައިވާ ތޮށްޓަކީ ވެސް މިދާއިރާއިން ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެހީއެކެވެ.

comment ކޮމެންޓް