ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ބާއްވައި ހާއްސަ އެހީގެ ކުދިން ހެއްވާލައިފި

އޮކްޓޫބަރ 23، 2019: ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮއްގެން ދިރާގުން ކުރިއަށް ގެންދާ "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ދިރާގުން ކުރިއަށްގެންދިޔަ "ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" ކާމިޔާބު ކަމާ އެކު ބާއްވައިފި އެވެ.

އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުރިއަށް ދިޔަ މި އިވެންޓަކީ 2011 ވަނަ އަހަރުން ފެށިގެން ދިރާގުން މެދު ކެނޑުމެއް ނެތި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިވެންޓެކެވެ. ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ނަމުގައި ދިރާގުން ބާއްވާ މި ހަރަކާތަކީ ކުޅިވަރު ކުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ޝާމިލްކޮށް އެ ދާއިރާއިން އެކުދިން ކުރިއެރުވުމަށްޓަކައި ދިރާގުގެ ސީއެސްއާރް ޕްރޮގްރާމުގެ ދަށުން ހިންގާ ފެސްޓިވަލެކެވެ.

އޮކްޓޫބަރ 23، 2019: ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮއްގެން ދިރާގުން ކުރިއަށް ގެންދާ "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެގޮތުން އިއްޔެ ކުރިއަށް ދިޔަ މި ފެސްޓިވަލްގައި ހަތަރު އެންޖީއޯއަކާއި 14 ސްކޫލަކުން ޖުމުލަ 400 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

މި ސްޕޯޓްސް ފެސްޓިވަލް އެންމެ ފުރަތަމަ ފަހަރަށް 2011 ވަނަ އަހަރު ބޭއްވި އިރު ބައިވެރިވީ އެންމެ 17 ކުދިންނެވެ. ނަމަވެސް އަހަރަކަށް ވުރެ އަހަރެއް މި ފެސްޓިވަލްގައި ބައިވެރިވާ ކުދިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

އިއްޔެގެ އެ ފެސްޓިވަލުގައި ނައިބު ރައީސް ފައިސަލް ނަސީމްއާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އެ ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އެ ފެސްޓިވަލުގެ ސަބަބުން ދިވެހިންގެ ތެރޭގައި ބާކީ ކުރުމުގެ އެއްވެސް ސިޔާސަތެއް ނުގެންގުޅޭކަން ފާހަގަވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެންވެސް ގަބޫލު ކުރަން ޖެހޭނެ ކުއްޖެއް ގައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ، މުޖުތަމައުން ބާކީކޮށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ގަބޫލުކުރަން ޖެހޭނެ ސަބަބެއް ނޫންކަން،" ފައިސަލް ވިދާޅުވި އެވެ. "އަޅުގަނޑުމެން ހީނުކުރާ ފަދަ ހުނަރުތަކެއް މިކުދިންގެ ގައިގައި އެބަހުރި، އެ ހުނަރުތައް ހޯދައިގެން އެކަމުން ފައިދާ ލިބިގަންނަން ޖެހޭ،"

މީގެ އިތުރުން ބައިނަލް އަގުވާމީ އެކި އެކި މުބާރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ފަހަކަށް އައިސް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން އަންނަކަން ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވީ، އެކަމުން ވެސް ދޭހަވަނީ އެކުދިންނަށް އެހެން މީހުންނެކޭ އެއްފަދައިން ފުރުސަތު ހޯދައިދިނުމުގެ މުހިއްމުކަން ކަމަށެވެ.

އޮކްޓޫބަރ 23، 2019: ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮއްގެން ދިރާގުން ކުރިއަށް ގެންދާ "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން މި އިވެންޓު ބޭއްވުމުގެ މަގުސަދަކީ ކުޅިވަރުގެ ދާއިރާއިން އެކުދިންނަށް ވެސް ފުރިހަމައަށް ފުރުސަތު ހޯދައިދުނުން ކަމަށެވެ.

"2011 ވަނަ އަހަރު އަޅުގަނޑުމެން މި ފެސްޓިވަލް ބޭއްވީ 17 ކުދިންނާ އެކު. އެކަމު މިއަދު މި ފެސްޓިވަލުގައި 400 އަށް ވުރެ ގިނަ ކުދިން ބައިވެރިވޭ. މީގެން މި އިނގެނީ މިކަން އާލާ ކުރުމަށް ކުރި މަސަައްކަތުގެ ކާމިޔާބުކަން." ސީއީއޯ ވިދާޅުވި އެވެ.

މިފަހަރުގެ ފެސްޓިވަލްގައި ތަފާތު ކުޅިވަރުތައް ހިމެނޭއިރު އޭގެ ތެރޭގައި ކޮމްޕެޓިޓީވް ރަނިންގ، ވީލް ޗެއަރ ރަނިންގ އަދި ބޯޝުއަރ ފަދަ ކުޅިވަރުތައް ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް