ރާއްޖޭގެ މިޒަމާނުގެ އެންމެ ކާމިޔާބު އިލްމުވެރިޔާއަކީ ކޮބާހޭ ސުވާލުކޮށްލައިފި ނަމަ އެންމެ ފުރަތަމަވެސް ވިސްނުމަށް އަންނާނީ އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީގައި މަސައްކަތްކުރައްވަމުން ގެންދަވާ ހިސާބު އިލްމުވެރިޔާ އަދި ކޮމްޕިއުޓަރު ސައިންޓިސްޓް ޕްރޮފެސަރު ހަސަން އުގެއިލް އެވެ. އައްޑުއަތޮޅުގެ ފަޚުރުވެރި ދަރިއެކެވެ.
ސަން އޮންލައިންގެ 50 މިނިޓު ޕްރޮގްރާމުގައި މިހާތަނަށް ގެނެސްދެމުން އައީ ސިޔާސީ މޫނުތަކެވެ. ނަމަވެސް މި ހަފްތާގައި ތަފާތުކޮށްލަނީއެވެ. މިއީ މިހާތަނަށް 50 މިނިޓުގައި ބައިވެރިވާ އެންމެ ތަފާތު މެހެމާނެވެ.
އެންމެ ކުޑައިރުއްސުރެ ހިސާބު އިލްމަށް ހިތްޖެހިފައި ހުންނެވި ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވީ، ކުޅިވަރު ވެސް ވަރަށް ކުޅޭހިތްވާ ކަމަށާއި ނަމަވެސް ދޭތިން އެކަތި ޚިޔާރުކުރަން ޖެހޭ ނަމަ ހިއްޕަވާނީ ހިސާބު އިލްމުގައި ކަމަށެވެ.
"ކުޑައިރު ފުޓުބޯޅަ ކުޅެން އަޅުގަނޑުގެ ރައްޓެހިން މަގުމަތީގައި އުޅޭއިރު ވެސް، އަޅުގަނޑު ހިސާބު ފޮތެއް ހިފައިގެން އަލްޖެބްރާ ކިޔަވަން ހުންނަ ހަނދާން ވޭ،" ކުޑައިރުގެ ހަނދާންތައް އުގެއިލް ހިއްސާކުރެއްވި އެވެ.
ރާއްޖެ ފަޚުރުވެރިވާ ޕްރޮފެސަރު ވިދާޅުވި ގޮތުގައި، އޭނާ އެ ހިސާބަށް ދިޔައީ ހަމަ ވަރުގަދައަށް މަސައްކަތްކޮށްގެންނެވެ. އައްޑުއަތޮޅު ހިތަދުއަށް އުފަން، އަދި އެ ރަށުގައި އުޅެ ބޮޑުވަމުން އައި އިރު ކިޔެވުމަށް ހިތްޖެހިފައި ހުރި ވަރުން، ބައްޕަގެ ނަމުގައި އަމިއްލައަށް ސިޓީއެއް ލިޔެގެން ޕްރައިމަރީ ސްކޫލަށް ވަނުމަށް މަސައްކަތް ވެސް ކުރި އެވެ. އޭރު އެ ފުރުސަތު ނުލިބުމާއި، އިތުރު ގޮންޖެހުމާއި ފެއިލިއާތަކާ ވެސް ދިމާވި އެވެ.
"ވަރަށް ގޮންޖެހުންތަކާ އެކު ނަމަވެސް އަޅުގަނޑު ކުރިއަށް ނެރުނީ އުންމީދީ ވިސްނުން. ގަދަ އަޅައި މަސައްކަތްކުރީ،" ހިސާބު އިލްމާއި ކޮމްޕިއުޓަރު ސައިންސްގެ ދާއިރާއިން އަރައި ހުންނެވި ޕްރޮފެސަރު އުގެއިލް، ކަންކަމުގައި ކުރައްވާ އުންމީދާއި ހިތްވަރުގެ ވާހަކަތައް ވިދާޅުވި އެވެ.
އުގެއިލް ވިދާޅުވި ގޮތުގައި ކޮންމެ މީހަކުވެސް ކާމިޔާބުވުމަށް ކުރަންޖެހޭ ކަމަކީ ބޭނުންވާ ކަމެއް ފާހަގަކޮށް، ފޯކަސްކުރުމެވެ. އަދި މައިންބަފައިންނާއި މުދައްރިސުން ވެސް އެކަމަށް މަގުފަހިކޮށްދިނުމެވެ. މަސްވެރިކަން ކުރަން ބޭނުންވިޔަސް އެ ކަން އިސްނަގައިގެން ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"ވަރަށް ބޮޑު ނަސީބެއް އަޅުގަނޑުގެ މައިންބަފައިން، އަޅުގަނޑު ކައިރީ ވަކި ދާއިރާއަކުން މަސައްކަތް ކުރާށޭ ނުވަތަ ނުކުރާށޭ ވެސް ނުބުނުމަކީ. އަޅުގަނޑަށް އޮތް ބޭނުން ދާއިރާއަކުން ކުރިއަށް ދާން އޮތް އެ ފުރުސަތު،"
އުގައިލް ވިދާޅުވީ މިހާރު ތައުލީމީ ދާއިރާ ބައްޓަންވަނީ އިމްތިހާނުން އެންމެ މަތިން ނަތީޖާ ހޯދައިގެން ގަދަ 10 ގައި ހިމެނުމަށް ކަމަށާއި ނަމަވެސް މިއީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ހަގީގަތުގައި ބޭނުމަކީ އުފަލުގައި ދިރިއުޅުން. އަޅުގަނޑު ކާމިޔާބު ޑިފައިންކުރާ ގޮތަކީ އެންމެ ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގައި އުޅުން. އަޅުގަނޑު މިވަގުތު މިހުރީ އަޅުގަނޑު އެންމެ ހިތްހަމަޖެހޭ އެންމެ އުފާވެރި ވަޒީފާގައި. ބޭނުމެއް ނެތް ބަދަލުކުރާކަށް ވެސް،"
ކާމިޔާބަށް ވާސިލުވުމަށް ޓަކައި އުންމީދު ވެސް ވަރަށް މުހިންމެވެ. ވަޒީފާގައި މަސައްކަތްކުރުމަކީ އަބަދު ފަސޭހަކަމަކަށް ނުވާ އިރު، ގިނަ ފަހަރަށް ޓާސްކެއް ފަށަނީ ހޯދަން ބޭނުންވާ ސޮލިއުޝަން ލިބޭނެ ގޮތެއް ނޭނގި އެވެ. ނަމަވެސް ސޮލިއުޝަން ފެންނާނީ އުންމީދީ ވިސްނުން ކުރިއަށް ނެރެގެން ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ޕްރޮޖެކްޓެއް ފަށާއިރު އަޅުގަނޑު ބުނަނީ މި ލަނޑުދަނޑި ހާސިލުކުރާށޭ މި އުޅެނީ. އެހެނަސް ގިނަ ފަހަރަށް ދިރާސާ ކުރާއިރު ނޭނގޭ ލަނޑުދަނޑި ހާސިލުކުރާނެ ގޮތެއް. ހިނގާނެ މަގެއްވެސް ނޭނގޭ. އެހެން ނަމަވެސް ހިނގައިގަންނަނީ. ނުބައި މަގުން ދެވުނީމަ އެ މަގު ބަދަލުކޮށްފައި ކާމިޔާބީއަށް ދެވެންދެން މަސައްކަތްކުރަނީ،"
"ގިނަ ފަހަރަށް ވާ ގޮތަކީ، ކާމިޔާބު ހޯދަން ބޭނުންވާ މީހާ އޭގެ މަގުގެ ދެބައިކުޅަ އެއްބަޔަށް ހިނގާފައި މާޔޫސްވެގެން އަނބުރާ އަންނަނީ. ނަމަވެސް އެހެން ނައިސް، ކުރިއަށް ދިއުން މުހިންމީ،" ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވި އެވެ.
އުގެއިލް ކިޔައިދެއްވި މި ވާހަކަތައް އޭނާ ޚުލާސާކޮށްދެއްވީ ވަރަށް ސިމްޕަލް ފޯމިއުލާއަކުންނެވެ. އެއީ ފޯކަސް ނުގެއްލި، އުންމީދީ ވިސްނުމާއެކު ކުރިއަށް ދިއުމެވެ. ވަރަށް އާދައިގެ ތިން ބަހެވެ. ނަމަވެސް އެ ތިން މަހުގެ މާނަ އެހާ ފުޅާވެފައި، އޭގެ ބާރު ވެސް އެހާމެ ގަދަ އެވެ.