ޕީޖީގެ މަގާމުގައި ބިޝާމް ބަހައްޓަނީ ބަޔަކު ބަދުނާމު ކުރަން: އާމިރު

ރައްޔިތުން މަޖިލީހުގެ 2018 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ / ރައްޔިތުން މަޖިލީސް

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި އައިޝަތު ބިޝާމް ބެހެއްޓުމަށް ޝަރުތުކުރީ އޭނާގެ ދޫ ބޭނުން ގޮތަކަށް ބޭނުންކޮށް ބައެއް ފަރާތްތައް ބަދުނާމު ކުރުމަށް ކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ބައެއް މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ތިބި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވެސް ހިމެނޭ ކަމަށް ޕީޖީ ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަކުރުމަށް ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަމުން އާމިރު ވިދާޅުވީ ހިޔާނާތުގެ ފައިސާގައި އޭނާ ޖެހުނު ކަމަށް ބުނެ މީޑިއާތަކުގައި ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ކަމަށެވެ.

"ވަކި މީހަކު ބުނެގެން ކަނޑައެޅިގެން އަބުރު ކަތިލުމަށް ޓަކައި ހާމަކޮށްފައިވާ ހާމަކުރުމެއް ކަމަށް އަޅުގަނޑު ދަންނަވަން." އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ ޕީޖީގެ މަގާމުގައި އައިޝަތު ބިޝާމް ބެހެއްޓުމަށް ޝަރުތުކުރީ އޭނާގެ ދޫ ބޭނުން ގޮތަކަށް ބޭނުންކޮށް ބައެއް ފަރާތްތައް ބަދުނާމު ކުރުމަށް ކަމަށެވެ. އަދި އެއަށް އިންސާފެކޭ ނުކިޔޭނެ ކަމަށް އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައަކީ ވަރަށް ރަނގަޅަށް ބެލެން ޖެހޭނެ މައްސަލައެއް ކަމަށެވެ. އަދި ހިޔާނާތުގެ މަންފާ ލިބިފައިވާ ފަރާތްތަކުގެ މައްސަލަތައް ވަރަށް ރަނގަޅަށް ބެލެން ޖެހޭނެ ކަމަށް އާމިރު ވިދާޅުވި އެވެ.

"މީގެ މަންފާ ޖާއިޒު ގޮތުގައާއި ނާޖާއިޒުގޮތުގައި ޑައިރެކްޓް ކޮންނާއި އިންޑައިރެކްޓްކޮށް ލިބިފައިވާ ފަރާތްތަކަކީ ކޮބައިކަން އެނގިގެން ދާނެ." އާމިރު ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވާ ގޮތުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތު ކުރެވޭ މަޖިލިސް މެމްބަރުންނާއި މި ސަރުކާރުގެ ވަޒީރުން ވެސް އެބަތިއްބެވެ.

comment ކޮމެންޓް