އެމްޑީޕީ މެންބަރުން ސަރުކާރަށް: ބާރު ދެވިއްޖެ، ވީކަމެއް ނެތް

އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު، ނިހާދު އަދި އަނދުން ހުސެއިން (ކ-ވ)

ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުންނަށް ފިޔަވަޅު އަޅަން މި ސަރުކާރަށް ދޭން ޖެހޭ ހުރިހާ ގާނޫނީ ބާރެއް ދީފައިވީ ނަމަވެސް، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅެއް ނޭޅޭ ކަމަށް ބުނެ، ސަރުކާރު ކޯލިޝަންގެ މާއި ޕާޓީ އެމްޑީޕީ ބައެއް މަޖިލިސް މެންބަރުން މިއަދު ނުރުހުން ފާޅު ކުރައްވައިފި އެވެ.

ޓެރަރިޒަމްގެ އަމަލު ހިންގާ ފަރާތްތައް ހިފާ ހައްޔަރުކޮށް، މައްސަލަތައް ބަލަން ފަސޭހަ މަގެއް ފަހިކޮށްދިނުމަށް ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ވަރަށް ފަހުން ވަނީ ގެނެސްފަ އެވެ. ޓެރަރިޒަމް ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީ ރައްޔިތުންގެ މަޖިލިސް ފުރަތަމަ ދައުރު ނިންމައި ޗުއްޓީގައި އޮއްވަ އެވެ. މަޖިލިސް ޗުއްޓީގައި އޮވެ އެ ބިލު ފާސްކުރީ ސަރުކާރުން އަވަސް ކޮށްދޭން އެދިގެންނެވެ.

މިއަދު މަޖިލީހުގައި އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ މަޖިލިސް ޗުއްޓީގައި އޮވެ މެމްބަރުން ނުކުމެ ޓެރަރިޒަމްގެ ބިލު ފާސްކުރީ ރައްޔިތުން ބޭނުންވާ އިންސާފު ފޯރުކޮށްދިނުމަށް ކަމަށެވެ.

"އެހެންނަމަވެސް އަދާ ހަމައަށް އައިއިރު މީގެން އެއްވެސް މައްސަލައެއް. އެއްވެސް ކަމެއް ބެލޭތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ކީއްވެގެންތޯ އަޅުގަނޑުމެން ސުވާލުކުރަން އެބަޖެހޭ." މެމްބަރު ނިހާދު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަދި ކޮމިޝަނަރު އޮފް ޕޮލިސްއަށް އެ މައްސަލަތަކުގައި ފިޔަވަޅު އަޅަން ނުކެރިގެން އުޅޭ ސަބަބު ދިވެހި ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށް ނިހާދު ވިދާޅުވި އެވެ. ސަރުކާރަށް އަހަރުވެ މަޖިލީހަށް ހަމަސް ވެގެންދާއިރު އެއްވެސް ކަމަކަށް އިންސާފު ނުލިބި ރައްޔިތުން މަގުމަތީގައި ތިބެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށްވެސް ނިހާދު ވިދާޅުވި އެވެ.

ނިހާދު ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން ވޯޓު ދިނީ އިންސާފުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް ސަރުކާރަށް އަހަރެއް ވެގެން ދާއިރު އިންސާފު ނުލިބި ދިގުލައިގެން ދިޔުމަކީ ރައްޔިތުންގެ ކަންބޮޑު ވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގޮވާލަނީ ދިވެހި ސަރުކާރަށް އަދި ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށްވެސް ގާނޫނީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ބިރު ފަހަނައަޅާ ނުކުމެ ދިވެހި ރައްޔިތުުންނަށް އިންސާފު ހޯދައިދިނުމަށް ޓަކައި މަސައްކަތް ކޮށްދެއްވާށޭ. ވަގުން ހިފާ ހައްޔަރުކޮށްދެއްވާށޭ." މެމްބަރު ނިހާދު ވިދާޅުވި އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ނުގޮސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޭލާ ތިބެގެން ޓެރަރިޒަމާއި ގޮތް ނޭންގޭ މަރުތަކުގައި ޝާމިލުވާ މީހުން ހައްޔަރު ކުރުމުގެ ބާރު "މުތުލަގަށް" ދައުލަތުގެ އިދާރާއަށް ދޭން ގާނޫނު ފާސްކޮށްދިން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕްމްޖޯރިޓީއާ އެކު 65 ގޮނޑި އެމްޑީޕީއަށް ދިނުމުން ގޮނޑި ހޫނުކުރަން ތިބެވެން ނެތް ކަމަށާއި ގާނޫނާ ހިލާފު ކަންކަން ބަލަން ޖެހޭ ކަމަށް ހުސައިން ޝަހީމް ވިދާޅުވި އެވެ.

"ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް އަޅުގަނޑު މިދަންނަވަނީ މަނިކުފާނޭ މިކަމުގައި ތެދުވެ ވަޑައިގަންނަވާށޭ. އަޅުގަނޑުމެން މިތިބީ މަނިކުފާނު އަރިހުގައޭ. މިކަމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަމޭ." މެމްބަރު ހުސައިން ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް އަދި މި ސަރުކާރަށް ވޯޓު ދިނީ ގޮތް ނޭންގި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދޭން އެދިގެން ކަމަށެވެ. އަދި ވައްކަން ކުރި މީހުންނަށް ހައްގު އަދަބު ދިނުމަށް އެދިގެން ކަމަށެވެ. އެކަން ނުވާނަމަ "އަޅުގަނޑުމެން މަޖިލީހުގައި ތިބޭނެ ކަމެއް ނެތް" ކަމަށް ވައްޑޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ ރެޔާ ދުވާލު ހުޅުވާފަ ބަހައްޓައިގެން ނަމަވެސް މިކަން ކުރަން. މިކަން ނުކޮށް ހޭދަވާ ކޮންމެ ދުވަހަކީ މިގައުމުގެ ހަޔާތުގައި ނުރައްކާތެރި ދުވަހެއް. މި ފިތުނަ ފަސާދަ އުފައްދާ މީހުން. މި ބިރުވެރިކަން ކަން ހިނގާ މީހުން މި އަޑީ ދައުލަތުގެ އަނދިރި ދައުލަތުގެ މީހުން މިރާއްޖެ އުފެއްދި ބޮޑެތި ވަގުން. ކަންލި އޮޑިއެއްގެ ބަރާކުރާހާ ފައިސާ ލޫޓުވާލި މީހުން. މިގައުމު އަނެއްކާ ބޮޑު އަޑިގަނޑެގެ ތެރެއަށް ވައްޓާލި މީހުން. މިގައުމު ފަސާދަ ކުރަން. މިގައުމުގެ ތެރޭގައި ބައިބައިވުން އުފައްދަައި މިގައުމުގައި އަހުލީ ހަނގުރާމައަކަށް ދިއުމުގެ ކުރިން އަޅުގަނޑުމެން އެބަޖެހޭ ހުރިހާ ކަމެއް ހުއްޓާފައިވެސް މިކަމައިގެން އުޅެން." މެމްބަރު ވައްޑޭ ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިގެން ގޮސްފަ އެވެ. އެ ގާނޫނުގެ ދަށުން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކުރި ކަމެއް އަދި ނުކުރާ ކަމެއްވެސް ސާފެއް ނުވެ އެވެ. އެ މައުލޫމާތެއް މަރު ކޮމިޝަނަކުންވެސް އަދި ފުލުހުންވެސް ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތައް ބަލައި ރިޔާސީ ކޮމިޝަނާއި މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަނަށް ބާރުތަކެއް ދޭން ވެސް މަޖިލީހުން ފާސްކޮށްފައިވެ އެވެ.

comment ކޮމެންޓް