މާލޭގެ މިނީބަހުގެ ހިދުމަތް ޖެނުއަރީ މަހު ފަށަނީ

މާލޭގައި މީގެ ކުރިން ބަހުގެ ހިދުމަތް ދިން ދުވަސްވަރު -- ސަން ފައިލް ފޮޓޯ

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިއަދު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ، އެ ހިދުމަތް ފަށަން މިނިސްޓްރީ އިން ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ،

"އެކަން ފައްޓަން ޖެހޭ މަސައް ކޮން ބަހެއް ކިހިނެއް ކަން ހަދަންވީ. ކޮން ސައިޒެއް ކަމެއް، ސީޓުން ހުންނަން ޖެހޭ ވަރާއި، މި ހުރިހާ ކަމެއް ކަނޑައެޅި ނިމިފައި ވަނީ. އަޅުގަނޑުމެން ވާނީ އެމްޓިސީސީއާ ހަވާލުކޮށްފައި،" ނަހުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދެން މިހާރު ބާކީ އޮތީ އެމްޓީސީސީ އިން އެ ހިދުމަތް ފެށުން ކަމަށެވެ. އެމްޓީސީސީ އިން އެކަން ކުރިއަށް ނުގޮސް ހުރީ ބޭނުންވާ ފައިނޭންސް ހަމަނުޖެހިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހުރިހާ ކަމެއް ނިމި ހިދުމަތް ފެށޭނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާއި ޖުމްލަ ގޮތެއްގައި ސަރުކާރާ ބެހޭ ގޮތުން ނަހުލާ ގިނަ ވާހަކަތަކެއް ދެއްކެވި އެވެ.

ރެޖިސްޓްރީގެ މައްސަލަ ހައްލު ކުރާނެ

މާލޭގައި އެއް ގަރާޖެއްގައި ގިނަ އަދަދެއްގެ ވެހިކަލްތައް ރަޖިސްޓްރީ ކުރާ މައްސަލައަކީ މާލެ ތޮއްޖެހުމަށް މަގުފަހިވާ ކަމެކެވެ. އެކަން ހައްލު ކުރަން ކުރަން ޖެހޭ ކަންތައްތައް ކުރާނެ ކަމަށް މީގެ ކުރިން މިނިސްޓްރީއިން ބުންޏެވެ.

ނަހުލާ މިއަދު ވިދާޅުވީ، އެގޮތަށް ރެޖިސްޓްރީކޮށްފައިވާ ވެހިކަލްތައް ކުއްލިއަކަށް ބޭރުކޮށްލައިފި ނަމަ އެތައް ބަޔަކަށް ދަތިވާނެ ކަމަށެވެ. އެހެންކަމުން، ސަރުކާރެއްގެ ހައިސިއްޔަތުން އެކަހަލަ ކަންތައްތައް ދިމާވެފައި ހުރި މީހުންނަށް ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެ އެ ހައްލު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"އެ ގޮތްތައް ހޯދުމަށް ފަހު ރަޖިސްޓްރީތައް ބަދަލުކުރެވިގެން ދާނީ." ނަހުލާ ވިދާޅުވި އެވެ.

އޭގެ އިތުރުން، މިހާރު ރެޖިސްޓްރީ ކުރެވޭ ވެހިކަލްތަތުގައި އެކަހަލަ މައްސަލަތަކެއް ނުހުންނާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.

އެއް ގަރާޖެއްގައި ގިނަ ވެހިކަލް ރަޖިސްޓްރީ ކުރާ މައްސަލައަކީ ޓްރާންސްޕޯޓު އޮތޯރިޓީ ހިމެނޭ ގޮތަށް ވަރަށް ބައިވަރު މީހުން ގުޅިގެން ހިންގާ ކަމެއް ކަމަށް ނަހުލާ ވިދާޅުވި އެވެ. އެހެންކަމުން، ހަމައެކަނި އެކަން ކުރާ އާންމު މީހާއަށް އަދަބު ދިނުމުގެ ބަދަލުގައި މުޅި މައްސަލައަށް ހައްލެއް ހޯއްދަވަން ބޭނުންފުޅުވާ މޭރުމަކުން އޭނާ ވާހަކަފުޅު ދެއްކެވި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްުޔާސް

ޓްރާންސްޕޯޓު އޮތޯރިޓީގައި ކޮރަޕްޝަންގެ މައްސަލަތައް އެބަ ހުރި

ޓްރާންސްޕޯޓު އޮތޯރިޓީގައި ކޮރަޕްޝަންގެ މައްސަލަތައް ހުރި ވާހަކައަކީ އާންމުކޮށް ދައްކާ ވާހަކައެކެވެ. ނަހުލާ ވިދާޅުވީ، އެފަދަ މައްސަލަތައް އެ އޮތޯރިޓީގައި ހުރި ކަމަށެވެ. އަދި އާންމުން ތުހުމަތުގެ އިނގިލިތައް ދިއްކުރަނީ އެކަމުގައި ހަގީގަތެއް އޮތުމުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެފަދަ މައްސަލަތަކަށް އިސްކަމެއް ދީގެން އެކަންތައްތައް ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއީ ކުރީންސުރެ ފެށިގެން ކުރިއަށްދާ ކަންތައްތައް ކަމުން، އެކަންތައްތައް ހުއްޓުވަން ދަތިވާ ކަމަށް ވިދާޅުވި އެވެ.

މާފަރު އެއާޕޯޓު ނުހުޅިގެން އުޅެނީ ޓެކްނިކަލް މައްސަލަތަކެއް އުޅޭތީ

ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި ފެށި މާފަރު އެއާޕޯޓުގެ މަސައްކަތް މިހާރު ގާތްގަނޑަށް ނިމިފައިވާ އިރު އަދި ވެސް އެ އެއާޕޯޓު ހުޅުވާނެ ތާރީހެއް އެނގިފައި ނުވެ އެވެ.

ނަހުލާ ވިދާޅުވީ، އެ އެއާޕޯޓުގެ ފައިނޭންސްގެ މައްސަލަތަކެއް ދިމާވުމުން، އޭނާ އަބޫ ދާބީއަށް ވަޑައިގެން އެއާޕޯޓުގެ ފައިނޭންސް ހައްލު ކުރެއްވި ކަަމަށެވެ. އެއީ އޭނާ ކުރެއްވި ފައިދާ ހުރި ދަތުރެއް ކަމަށް ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވި ގޮތުގައި މާފަރު އެއާޕޯޓު ނުހުޅުވިގެން އުޅެނީ ޓެކްނިކަލް ދަތިތަކެއް އުޅޭތީ އެވެ. އެކަމަކު، އެއީ ކޮން ޓެކްނިކަލް ދަތިތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

"ތޮއްޖެހުން ހައްލު ކުރެވޭނީ ވިސްނުން ބަދަލުކޮށްގެން"

މާލޭގައި އުޅަނދުތައް ގިނަވެ މަގުތައް ތޮއްޖެހޭ މައްސަލައާ ގުޅޭ ގޮތުން ވެސް މިއަދު ނަހުލާ ވާހަކަފުޅު ދެއްކެވި އެވެ.

އޭނާ ވިދާޅވުީ ޓްރެފިކް ތޮއްޖެހޭ މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ. އެކަމަކު، އެކަމަށް ވަގުތު ނަގާނެ ކަމަށާއި، އާންމުންގެ ވިސްނުން ވެސް ބަދަލު ކުރަން ޖެހޭ ކަމަށް އެނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގެން ޖެހޭ ކޮންމެ ދެމަފިރިއެއްގެ އަތުގައި ދެ ކާރާއި ދެ ސައިކަލާ މި ގޮތަށް އޮވެގެން އަޅުގަނޑުމެންނަށް ފަސޭހައެއް ނުވާނެކަން. އަމިއްލަ ވިސްނުމުގައި ނުވަތަ އަމިއްލައަށްވާ ފައިދާއަށް ވުރެ ބޮޑަށް އެންމެންނަށް ފައިދާވާނީ ކޮން ގޮތަކަށްތޯ ބަލައި، އެއަށް ވިސްނުމަށް އަޅުގަނޑުމެންގެ ވިސްނުން ބައްޓަން ކުރުން މުހިންމު،" ނަހުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެއަކީ ބޮޑެތި އުޅަނދުތައް ދުއްވަން އެކަށީގެންވާ ތަނެއް ނޫނެވެ. އެހެންކަމުން، މާލެއާ ގުޅޭ މޮޑެލްއެއް ހޯދަން ޖެހޭ ކަމަށް ދޭހަވާ ގޮތަށް އޭނާ ވާހަކަފުޅު ދެއްކެވި އެވެ.

"ސަރުކާރު ސްލޯ ކަމަށް ގަބޫލެއް ނުކުރަން"

ސަރުކާރުގެ މަސައްކަތްތައް ދާލެއް ލަސް ކަމަށް ބުނެ ސިޔާސީ މީހުން ފާޑުކިޔައެވެ. އެކަމަކު، ނަހުލާ އެކަން ގަބޫލުފުޅެއް ނުކުރައްވަ އެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް އެ ވާހަކަ ގަބޫލެއް ނުކުރަން. ސަބަބަކީ ސަރުކާރެއް ބަދަލުވެގެން އައި ހާލަތު ރައްޔިތުންނަށް އެނގޭނެ. ވަރަށް ބޮޑަށް ހަމަ ބަލައިވެސް ގަންނާނެ،" ނަހުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމުގައި ސަރުކާރުގެ ސްޕީޑު އަވަސް ކަމަށެވެ.

"މަސައްކަތްތަކާއި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ގެނެސްދިނުމަށް ޓަކައި މިއަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހަމަ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ދަނީ." ނަހުލާ ވިދާޅުވި އެވެ.

comment ކޮމެންޓް