މިނިސްޓަރު ޝާހިދު ޖަޕާނުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު ޝާހިދު ޖަޕާނުގެ ފޮރުން މިނިސްޓަރާ ބައްދަލުކުރެއްވުން -- ފޮޓޯ: ޖަޕާން ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނުގެ ފޮރިން މިނިސްޓަރު މޮޓޭގީ ޓޮޝިމިޓްސު އާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޖަޕާނަށް ވަޑައިގެން ހުންނެވި މިނިސްޓަރު ޝާހިދު، ޖަޕާނުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ޖަޕާނުގެ ތަހުތަށް އާ އެމްޕެރާ އިސްކުރެވުމާ ގުޅިގެން އެކަމަށް މަރުހަބާ ދަންނަވައިފައެވެ. އަދި ފޮރިން މިނިސްޓަރުގެ މަގާމަށް މޮޓެގީ އައްޔަނު ކުރެއްވުމާއި ގުޅިގެން އެކަމަށްވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މިނިސްޓަރު ޝާހިދު ވަނީ ޖަޕާނަށް ބާރުގަދަ ތޫފަނެއް އަރައި، ލިބުނު ގެއްލުންތަކާ ގުޅިގެން ހިތާމަފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ރައްދުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީގައި ދެ ގައުމުގެ ގުޅުން އިތުރުކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

އަދި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި، ދެ ޤައުމުގެ ގުޅުން އިތުރުކުރުމާގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޒަމާނުއްސުރެ ޖަޕާނުން ރާއްޖޭގެ ތަރައްގީއަށް، ހާއްސަކޮށް މަސްވެރިކަމާއި ތިމާވެށްޓާއި ތައުލީމީ ދާއިރާ ތަރައްގީކުރުމަށާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވެދޭ އެހީ ފާހަގަކުރައްވާ ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް