ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަނު ކޮށްދިނުމަށް ރައީސް، އިބްރާހިމް މުހައްމަދު ސޯލުހި މަޖިލީހަށް ފޮނުއްވާފައިވާ، ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އަދި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަން، ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފި އެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަނަށް އަޅުގަނޑަށް ފޮނުވާފައިވާ ނަންފުޅުތަކުގެ ތެރެއިން ގދ. މަޑަވެލި މޭނާ، މަހާޒް އަލީ ޒާހިރު އާއި ސ. ހުޅުދޫ ގޯރަން ވިލާ ފާތިމަތު ދިއާނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނު ކުރުމަށް އަޅުގަނޑަށް ފެންނާތީ އެބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ހުށަހަޅުވައި ދެއްވާ އެ މަޖިލީހުން ނިންމެވި ގޮތް އެންގެވުން އެދެމެވެ،" ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު ޖޭއެސްސީއިން ރައީސްއަށް "ހައިލީ ރިކޮމެޑް" ކޮށްފައިވަނީ ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދާއި، ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ފެންނަ ކަމަށެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ ޖޭއެސްސީއިން އިންޓަވިއު ކުރި ބޭފުޅުންގެ ނަންތަކަށްވެސް މަޖިލީހުގައި ވޯޓަށް އަހާނެ އެވެ. މިހާރު ހައި ކޯޓުގައި މަސައްކަތްކުރައްވާ ތިން ފަނޑިޔާރުން ކަމުގައިވާ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލާފަ އެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ. އަބްދުﷲ ދީދީ ވަކިކުރީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނުކުރަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު އެ މަޖިލީހުން ރުހުން ހޯދުމަށްފަހު އެވެ.