"ރަނގަޅަށް މަސައްކަތް ކުރާ ބޭފުޅުންނަށް ވުރެ މިތާ ތިބީ ވަރަށް ހިތާމަވެރިކޮށް، ވަރަށް ދެރަވަރުކޮށް، ވަރަށް ދަށް ފެންވަރުގައި މަސައްކަތްކުރާ ބޭފުޅުން،" ޓުރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންނާ މުހާތަބު ކުރައްވާ، ޓްރޯންސްޕޯޓު މިނިސްޓަރު، އާއިޝަތު ނަހުލާ ވިދާޅުވި މިވާހަކަ އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް ހިނގި އެވެ.
މިނިސްޓަރުގެ މި ޖުމްލަ އަމާޒުވީ ޓްރާންސްޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމުގައި ވީނަމަވެސް، މި ވާހަކަތައް އެހާ ބޮޑަށް ހިނގީ މިއީ ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ 25،186 މީހުންނާ ދޭތެރޭ ގިނަ ބައެއްގެ ސިކުނޑީގައި ކުރެހިފައިވާ ތަސައްވަރަކަށް ވާތީ އެވެ.
އާންމުންގެ ފަރާތުން އަބަދުވެސް އިވެނީ ސިވިލް ސާވަންޓުންގެ ފަރުވާ ކުޑަ ކަމާއި، މަސައްކަތު އަހުލާގު ދަށް ވާހަކަ އެވެ. ސަރުކާރު އޮފީހަކަށް ގުޅައިގެން އެ އޮފީހުން ފޯނު ނުނަގާ ކަމުގެ ޝަކުވާތަކެވެ. ކައުންޓަރުތަކުގައި ހިދުމަތް ދޭން ތިބޭ މުވައްޒަފުން ރުޅި މޫނު ދައްކައިގެން ތިބެ ހިދުމަތް ހޯދަން ދާ މީހާއާ ރުންކުރުކޮށް މުހާތަބު ކުރާ ވާހަކަ އެވެ. އޮފީހަށް ވަދެ "ސައިންއިން" ކޮށްލާފައި ނުކުމެ ބޭރުތެރޭގައި އުޅޭ މުވައްޒަފުން ގިނަ ވާހަކައާއި، މުސާރަ ނަގައިގެން އޮފީސްތަކުގެ ގޮނޑި ހޫނުކުރަން ތިބޭ ސިވިލް ސާވަންޓުން ގިނަ ވާހަކަ އެވެ.
މި ޝަކުވާތައް ހަމަ އެއް ވާނެއްގައި އަބަދުވެސް އާންމުން އަންނަނީ ކުރަމުންނެވެ. ޝަކުވާތަކަށް ނިމުމެއް ނާންނަ އިރު، ޝަކުވާތައް މަދުވާ ތަނެއްވެސް ނުފެނެ އެވެ.
މިނިސްޓަރު ނަހުލާގެ ވާހަކަތައް ނުއޮބިގެން އުޅެނިކޮށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ރައްޔިތުން މަޖިލީހުގެ ކޮމިޓީއެއްގައި އެކަމަށް ބާރުދޭ ވާހަކަތަކެއް ދައްކަވައިފަ އެވެ. ހިސާބު ނަމްބަރުން ހެކި ދައްކަވަމުން ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ އަހުލާގާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.
1880 މުވައްޒަފުން، ހާޒިރީ 70 ޕަސެންޓުގައި
ޕްލޭނިން މިނިސްޓްރީގައި މިވަގުތު 1880 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މިހާރު އުވާލާފައިވާ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން އެ މިނިސްޓްރީއަށް ބަދަލުކުރި 386 މުވައްޒަފުން ވެސް ހިމެނެ އެވެ.
މިހާ ގިނަ އަދަދެއްގެ މުވައްޒަފުންނާ އެކު މަސައްކަތް ކުރާ މިނިސްޓްރީގެ މަސައްކަތްތައް ވަރަށް ހަލުވި ވާން ޖެހޭނެ އެވެ. އެކަމަކު ކަންވަނީ އެހެނެއް ނޫނެވެ. އޭގެ ސަބަބު މިނިސްޓަރު އަސްލަމް ވިދާޅުވެދެއްވި އެވެ.
"ހިންގަމުންދާ ޕްރޮޖެކްޓުތަކަށް ބަލާއިރު އަދި 1880 މުވައްޒަފުން ލިސްޓު ކުރެވިފައި އޮތް ނަމަވެސް، މިނިސްޓްރީގެ މަސައްކަތް ކުރުމުގެ ކެޕޭސިޓީ ވަރަށް ދަށް،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
އެ މިނިސްޓްރީން މިހާރު ވެސް އެކި ވަރުގެ 330 ޕްރޮޖެކްޓެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ގާތްގަނޑަކަށް ދެހާހެއްހާ މުވައްޒަފުން ތިބި މިނިސްޓްރީގެ މަސައްކަތްތައް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުދަނީ، އެ މުވައްޒަފުންގެ ތެރޭގައި ޕްރޮފެޝަނަލް މީހުން ނެތީމައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޕްރޮޖެކްޓުތައް މެނޭޖު ކުރާނެ ޕްރޮފެޝަނަލް މީހުންގެ ގޮތުގައި ތިބީ 20 އަކަށް މީހުން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އަސްލަމް ވިދާޅުވީ މިނިސްޓްރީގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ ޕްރޮފެޝަނަލް މީހުން ކަމުގައިވާތީ ބައެއް ކަންކަން ފޫބެއްދުނު ނަމަވެސް، ގިނަ މަސައްކަތްތައް ކުރަން ޖެހެނީ ވަރަށް ދަތިކޮށް ކަމަށެވެ.
ހަމައެއާއެކު ބައެއް ސިވިލް ސާވަންޓުންގެ ފަރުވާކުޑަ ކަމުގެ ސަބަބުން މިނިސްޓްރީގެ މަސައްކަތްތަކަށް ވަނީ އުނދަގޫވެފަ އެވެ. އެ މިނިސްޓްރީގެ އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހާޒިރީ އުޅެނީ 60 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގައި ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ. ހާޒިރީ އަކީ ހަމަގައިމުވެސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު އަންގައިދޭ އެންމެ މުހިންމު އެއް މީޓަރެވެ.
ގަޑިޖެހުމާއި، މަސައްކަތަށް ފަރުވާކުޑަ ކުރުން ފަދަ މައްސަލަތަކުގެ ސަބަބުން ފާއިތުވި އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ހަމަ އެކަނި އެ މިނިސްޓްރީން ވެސް 150 މައްސަލަ ބަލައި 30 މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ސިވިލް ސާވަންޓުން "ކަންނެތް" ވުމުގެ މައްސަލަތަކަކީ ސަރުކާރުގެ ކޮންމެ އޮފީހަކަށް ވެސް ދިމާވެފައިވާ މައްސަލައެކެވެ. ސަރުކާރުގެ އިދާރާތައް ހިންގުމާއި ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ބިނާވަނީ ސިވިލްސާވިސް މުވައްޒަފުން ކުރާ މަސައްކަތެއްގެ މައްޗަށެވެ. އެކަން ހައްލު ނުވެ، ސަރުކާރުން ދޭ ހިދުމަތާ މެދު އާންމުން ކުރާ ޒަމާންވީ ޝަކުވާއަށް ނިމުމެއް ނާންނާނެ އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް ވެސް އެކަމަށް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އޭނާ "ސަން"އަށް ވިދާޅުވި ގޮތުގައި ދުޅަހެޔޮ ސިވިލް ސާވިސްއެެއް ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް ބޭނުންވެ އެވެ. ހާއްސަކޮށް، މިހާރު ރާއްޖެ ކުރިއަރާފައިވާ މިންވަރާ ބަލާފައި ސިވިލްސާވިސް ކުރިއަރަމުން ގޮސްފައި ނުވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"ޖުމްލަ ގޮތެއްގައި އަބަދުވެސް ސިވިލް ސާވިސް މުވައްޒަފުންނާ ގުޅޭގޮތުން ޝަކުވާތައް އާދޭ. އެއީ ވަރަށް ބާރަށް ގައުމު ތަރައްގީވަމުން މި ދަނީ. ހަމަ އެއާއެކު ޕްރައިވެޓް ސެކްޓާގެ ހިދުމަތްތައް މިހާރު ވަރަށް ބޮޑުތަނުން ރަނގަޅުވެފައި ވާއިރު ސިވިލް ސާވިސްގެ ހިދުމަތްތައް ދިނުމުގައި އަދިވެސް ރައްޔިތުން ބޭނުންވާ ފެންވަރަށް ނުގެންދެވޭތީ އަންނަ ޝަކުވާތަކެއް އެއީ،" ސީއެސްސީގެ ރައީސް ޝަމީމް ވިދާޅުވި އެވެ.
އޭނާ ވެސް ގަބޫލު ކުރައްވާ ގޮތުގައި ސިވިލް ސާވަންޓުންނާ މެދު އާންމުންގެ ޝަކުވާތައް ހުރީ އެ މުވައްޒަފުންގެ ފަރާތުން މައްސަލަތަކެއް ފާހަގަ ވާތީ އެވެ. އެއީ ހައްލު ކުރަން ފަސޭހަކަންކަން ނޫންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެ ކަންކަން ހަމަ މަގަށް އެޅުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. ހާއްސަކޮށް މުވައްޒަފުންގެ މަސައްކަތުގެ އަހުލާގާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބޭ އިރު، މުވައްޒަފުންގެ މިޒާޖާއި ކަންކަމާ މެދު ދެކޭގޮތް ރަނގަޅު ކުރުމުގައި ގޮންޖެހުން ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޝަމީމް ވިދާޅުވީ މައްސަލަ އުޅެނީ ނިސްބަތުން ވަރަށް މަދު މުވައްޒަފުންނާ މެދު އެވެ. ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދުވެސް ގިނަ އެވެ. މިދިޔަ އަހަރު ހެދި ސާވޭ އަކުން ދައްކާ ގޮތުން 65 ޕަސެންޓު މީހުން ވަނީ ސިވިލް ސާވަންޓުންގެ ހިދުމަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ.
"އެހެންވީމާ ޖުމްލަ ގޮތެއްގައި މަދު މުވައްޒަފެއްގެ މިޒާޖު ހުންނަ ގޮތުން، އަމަލު ކުރާ ގޮތުން މުޅި ސިވިލް ސާވިސްގެ ތަސައްވުރު ކިލަނބު ވެގެން މިދަނީ. ގިނަ މުވައްޒަފުން ހަމަ ވަރަށް ޕްރޮފެޝަނަލްކޮށް ހިދުމަތް ދެމުން ގެންދޭ،" ޝަމީމް ވިދާޅުވި އެވެ.
ނަމަވެސް 65 ޕަސެންޓަކީ އެއްވެސް ވަރަކަށް ހިތްހަމަޖެހޭ އަދަދެއް ނޫން ކަމަށާއި، އެ އަދަދު 80 ޕަސެންޓުގައި ހިފަހައްޓަން ޖެހޭ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެ ހިސާބަށް ދާން އަދި ވަގުތު ނަގާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މުސާރަ ބޮޑު ނުވާތާ 10 އަހަރު، ތަމްރީނެއް ނުދޭ
މުވައްޒަފުންނާ ގުޅިގެން އާންމުންނާއި ސަރުކާރުގެ ޝަކުވާތައް ވެސް ހުރި އިރު، މުވައްޒަފުން ކުރާ ޝަކުވާ ވެސް މަދެއް ނޫނެވެ. ސިވިލް ސާވަންޓުންނަކީ ރާއްޖޭގައި އެންމެ ކުޑަ އުޖޫރައެއް ދޭ އެއްބައި މީހުން އެވެ. ގިނަ ސިވިލް ސާވަންޓުން ބުނަމުން އަންނަނީ މަސައްކަތް ކުރެވޭނީ ލިބޭ އުޖޫރަ އާ އެކަށީގެންވާ ވަރަށް ކަމަށެވެ. އެ މީހުން ބުނާ ގޮތުގައި 5500 ރުފިޔާގެ އުޖޫރައަކަށް މުޅި ދުވަހު މަސައްކަތް ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެ އުޖޫރައާ މެދު ހިތްހަމަ ނުޖެހުނަސް މަސައްކަތަށް ނުކުންނަނީ، އެ ނޫން ގޮތެއް ނެތިގެން އެވެ.
ސިވިލް ސާވިސް މުވައްޒަފުންނަށް އެންމެ ފަހުން މުސާރަ ބޮޑުކޮށްދީފައި ވަނީ މީގެ 10 އަހަރު ކުރިން، 2009 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.
ސިވިލް ސާވަންޓުންނަށް ކުޑަ މުސާރައެއް ލިބޭ އިރު، އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ އެ ފެންވަރުގެ މުވައްޒަފުންނަށް ރަނގަޅު މުސާރަ ލިބުމަކީ ސީއެސްސީގެ މުވައްޒަފުންގެ ރޫހު ގެއްލޭ ކަމެއް ކަމަށް ޝަމީމް ގަބޫލުކުރައްވަ އެވެ.
ކޮންމެ ދުވަހަކު އެއް މަސައްކަތެއް ކުރަން ތިބޭއިރު، މުވައްޒަފުން ތާޒާ ކޮށްލަން ކޮންމެ އަހަރަކު ވެސް ތަމުރީނުތައް ދީ ޕްރޮގްރާމްތައް ހިންގަން ގާނޫނުން ވެސް ލާޒިމު ކުރެ އެވެ. ނަމަވެސް ގިނަ އޮފީސްތަކުގައި މުވައްޒަފުންނަށް ތަމްރީނު ނުދޭކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.
"މުވައްޒަފުން ތަމްރީނު ކުރުމަށް އަޅުގަނޑުމެން އެދޭ މިންވަރާ ގާތަށް ވެސް އެކަމެއް ނުކުރެވޭ. މިއަދު މުވައްޒަފުންނަށް ތަމްރީނު ދިނުމަކީ ކޮންމެ އަހަރަކު މަދުވެގެން ކުރަންޖެހޭ ކަމެއް،" ޝަމީމް ވިދާޅުވި އެވެ.
މައްސަލަތައް ނުކުންނަނީ ވެރިންނާ ހިސާބުން
ސިވިލް ސާވަންޓުންގެ މައްސަލަތަކުގެ ވާހަކަ ދައްކާއިރު، އެމީހުންގެ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައި ތިބޭ ޒުޕަވައިޒަރުންނާއި ވެރިންގެ އިހުމާލު ވެސް ވަކި ކުޑައެއް ނޫނެވެ. މުވައްޒަފުންނަށް ދޭން ޖެހޭ ތަމުރީނު ވެސް ނުދެވޭ އިރު، އެމީހުންގެ ފަރާތުން ނުކުންނަ މައްސަލަތައް ރަނގަޅު ކުރުމަށް ދޭންޖެހޭ ވަގުތާއިި ސަމާލުކަން އިސްކޮށް ތިބޭ ވެރިންނަށް ގިނަ ފަހަރަކު ނުދެވެ އެވެ.
އޭގެ އިތުރުން، ކޮންމެ އަހަރަކު ވެސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ފޯމު ފުރުމަކީ ވެރިންގެ މައްޗަށް ލާޒިމު ކަމެކެވެ. ސީއެސްސީގެ ރައީސް ޝަމީމް ވިދާޅުވި ގޮތުގައި ގިނަ ފަހަރަށް އެ ފޯމު ފުރުމުގައި ހަގީގަތާ އެއްގޮތަށް މައުލޫމާތު ހިމަނާފައިވެސް ނުހުރެ އެވެ.
"ކައިރީގައި އުޅޭ މުވައްޒަފުން ވީިމަ، އެ މުވައްޒަފުންގެ ހުރި ނޭދެވޭ ކަންކަން ފާހަގަ ކުރަން ނުކެރޭ ހެން ހީވަނީ. މާލެ އާއި އަތޮޅު ތެރޭގައި ވެސް ކަން ހުރީ މިހެން. މާކްސް ދޭން ނުކެރޭ ހެން ހީވަނީ."ދެން އެބޭފުޅުންނަށް ވެސް ބުރަވެވެނީ ކަންނޭނގެ މުސާރަކޮޅު ކުޑަކޮށް ތިބެގެން މަސައްކަތް ކުރާ ބަޔަކަށް ވުމާއެކު، ދެން ދޭން ޖެހޭ ތަމްރީނެއް ވެސް ނުދެވޭތީ އާއެކީ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ސިވިލް ސާވިސްގެ އިދާރާތަކުން ވެސް ކަންކަން ރަނގަޅު ކުރުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށެވެ.
"އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް. މިކަމުގައި ބައިވަރު ކަންކަން އެބަހުރި،" ޝަމީމް ވިދާޅުވި އެވެ.
މުވައްޒަފުންގެ އަގު ވަޒަން ކުރަން ވެސް ބަޖެޓެއް ނެތް
ސިވިލް ސާވަންޓުންގެ "ވޮޗްޑޯގް" އެއްގެ ގޮތުގައި އޮތް ސިވިލް ސާވިސް ކޮމިޝަނަށް ލިބޭ ބަޖެޓުން، އެ ކޮމިޝަނުގެ މައްޗަށް ލާޒިކު ކުރާ ކަންކަން ކުރެވޭ ވަރެއް ނުވެ އެވެ.
ބަޖެޓު ނެތުމުގެ ސަބަބުން ފާއިތުވި ތިން އަހަރު އަތޮޅު ތެރޭގައި ހުރި އިދާރާތަކާއި، ސިވިލް ސާވަންޓުންގެ ކަންކަން އޮތީ ނުބެލިކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.
ޝަމީމް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ތަފާތު ސާވޭތައް ކުރަމުން އަންނަ ކަމަށާއި އަދި ދެ އަހަރުން އެއް އަހަރު ބާއްވާ ކޮންފަރެންސްގައި މަޝްވަރާކޮށްގެން މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ނިންމާ ކަމަށެވެ. ނަމަވެސް އެކަންކަން ތަންފީޒު ކުރަން ބަޖެޓު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން ސިވިލް ސާވަންޓުންގެ ދުވަސް ފާހަގަ ކުރާނެ ބަޖެޓު ނެތް އިރު، ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، މުވައްޒަފުންނަށް ހިތްވަރު ލިބޭ ގޮތަށް ކަންކަން ކުރިއަށް ގެންދަން ވެސް ބަޖެޓެއް ނެތެވެ.
ޓްރެއިނިން އިންސްޓިޓިއުޓް ބޮލަށް ވެއްޓެނީ!
ސިވިލް ސާވަންޓުން ތަމްރީނުކުރުމުން ސިވިލް ސާވިސް ޓްރެއިނިން އިންސްޓިއުޓެއް އުފެއްދި ފަހުން ނުވަ އަހަރު ވީއެވެ. ނަމަވެސް އެއީ ހަމަ ނަމެއްގައި ހުރި ތަނެކެވެ. ތަނުގެ ސީލިން ބޮލަށް ވެއްޓެއް ކައިރިވެފައި ވާއިރު، ތަނުގައި ޖާގައިގެ ދަތިކަން އިންތިހާ ހުރިކަން ކޮމިޝަނުން ފާހަގަ ކުރެ އެވެ.މުވައްޒަފުން ރިފަރެންސްގެ ގޮތުގައި ބޭނުންކުރާނެ ފޮތްތައް ބަހައްޓާނެ ލައިބްރަރީއެއް ވެސް އެތަނުގައި ނެތެވެ.
ޓްރެއިނިންގ އިންސްޓިއުޓްއަށް އަޅާނުލައި ތަނުގެ ހާލަތު ދަށްވުމުގެ ނަތީޖާއަކަށްވީ، އެތަނުން ތަމްރީނު ހޯދުމަށް މުވައްޒަފުންގެ ޝައުގުވެރިކަން ވެސް ކުޑަވުމެވެ.
"ތަމްރީނަށް ގޮވާލީމަ ވެސް ދެން ތަފާތު އުޒުރު ދައްކައި، ހާޒިރު ނުވެ ވޭތޯ ބަލަނީ. ލާނިން ކަލްޗާ އޭ މިކިޔާ ސަގާފަތެއް ނެތް،" ޝަމީމް ފާހަގަކުރެއްވި އެވެ.
އިންޓަނެޓުގެ މައްސަލަ ވެސް ބޮޑު!
ސިވިލް ސާވިސް އިދާރާތަކާއި މުވައްޒަފުން ތިބެނީ ހަމައެކަނި މާލެއަކު ނޫނެވެ. ގިނަ އަދަދެއްގެ މުވައްޒަފުން އަތޮޅު ތެރޭގައި ވެސް އެބަތިއްބެވެ. ސިވިލް ސާވިސް ޒަމާނީކޮށް ތަރައްގީކުރުމުގެ ވިސްނުމުގެ ތެރެއިން މިހާރު ތިބި މުވައްޒަފުން ގާބިލް ބަޔަކަށް ހެދުމަށް ޓެކްނޮލޮޖީގެ ބޭނުން އަންނަނީ ހިފަމުންނެވެ. ރަސްމީ ހުރިހާ މުއާމަލާތެއް ކުރަނީ އީ-ގަވަމެންޓޭ ކިޔާ އޮންލައިން ނެޓްވޯކެއްގެ ތެރެއިންނެވެ.
"މިހެން ދެންނެވި ނަމަވެސް އަތޮޅު ތެރޭގައި އިންޓަނެޓް ސްޕީޑު އެދެވޭ މިންވަރަކަށް ނުލިބޭ. އެހެންވީމަ މަސައްކަތްތައް ލަސްވެގެން ދޭ،" ޝަމީމް ވިދާޅުވި އެވެ.
ހަމައެއާއެކު އީ-ލާނިން އަދި ވާޗުއަލް ލާނިން މެދުވެރިކޮށް އަތޮޅު ތެރޭގައި ތިބި މުވައްޒަފުން ތަމްރީނު ކުރަން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންޓަނެޓާއި އަދިވެސް އެހެނިހެން ސަބަބުތަކާ ހުރެ، އެ މަސައްކަތް ވެސް އެދެވޭ ގޮތެއްގައި ކުރިއަކަށް ނުގެންދެވެ އެވެ.
އަންނަ އަހަރަކީ އުންމީދީ އަހަރެއް!
ޝަމީމް ސިފަކުރައްވާ ގޮތުގައި، ސިވިލް ސާވިސްގެ ކުރިމަގު ފެންނަނީ ވަރަށް ރަނގަޅަށެވެ. ހާއްސަކޮށް އަންނަ އަހަރަކީ ސިވިލް ސާވިސް އާއި ސިވިލް ސާވަންޓުންނަށް ވެސް އުންމީދީ އަހަރަކަށް ވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އަންނަ އަހަރު ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ވެގެންދާނެ ކަމަށާއި، އޭގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނަށް ލިބޭ ބަޖެޓު ވެސް ބޮޑުވެގެންދާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އޭގެ އިތުރުން އަންނަ އަހަރު ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް ވެސް މައި އޮފީސް ހުންނަ އިމާރާތައް ބަދަލު ކުރެވި، ރަނގަޅު ފެންވަރުގައި ހިންގަން ފެށޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ހަމައެއާއެކު އޮފީސްތަކުން ފޯނަށް ޖަވާބު ނުދެވޭ މައްސަލަ ހައްލު ކުރަން ރައީސް އޮފީހުން އިސްނަގައިގެން މަސައްކަތްތަކެއް ކުރިއަށް ގެންދާއިރު، ފޯނަށް ޖަވާބުދޭ މުވައްޒަފުން ތަމްރީނުކޮށް، އެ މައްސަލަވެސް ހައްލުވެގެން ދާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ގަބޫލުކުރައްވާ ގޮތުގައި ސިވިލް ސާވަންޓުންގެ މައްސަލަތައް ހައްލު ކުރެވޭނީ ބޮޑެތި ދިރާސާތަކެއްކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެންނެވެ. މުވައްޒަފުންގެ އަދަދު އިތުރު ކުރުމަކީ ހައްލެއް ނޫން ކަމަށާއި، ކަންކަން ހައްލު ކުރެވޭނީ މިހާރު ތިބި މީހުންނަށް ތަމްރީނު ދީ ގާބިލު ބަޔަކަށް ހަދައިގެންނެވެ.
މި މަސައްކަތުގައި ސިވިލް ސާވިސް ކޮމިޝަނަށް ސަރުކާރުގެ ހުރިހާ އިދާރާއެއްގެ އެއްބާރުލުމާއި އެހީތެރިކަމަށް އެދެ އެވެ. ސަރުކާރު މުވައްޒަފުންގެ ކަތްނެއްކަން ފިލުވަން ގިނަ މަސައްކަތް ކުރަން ޖެހެ އެވެ. އެއީ ފަސޭހަ މަސައްކަތެއް ނޫނެވެ. އަދި އެއީ އެންމެ ދުވަހަކުން ހައްލުވާނެ ކަމެއް ވެސް ނޫނެވެ.