އެކުޅިވަރު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދަނީ

ނ. އެކުޅިވަރު ---

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން އެސްޓީއޯއަށް ދިން ނ. އެކުޅިވަރު ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ހުޅުވާލައިފިއެވެ.

އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެ ފުރުސަތު މިއަންނަ މަހުގެ ހައެއްގެ ނިޔަލަށް ހުޅުވާލާފައި ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ އީއޯއައި އަށް ބޭނުންވާ ކަންތައްތައް ޓާމްސް އޮފް ރެފަރެންސް (ޓީއޯއާރު) ގައި ހުންނާނެ ކަމަށެވެ. އަދި ޓީއޯއާރު އެސްޓީއޯގެ ވެބްސައިޓުން ލިބޭނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

އެކުޅިވަރަކީ ސަރުކާރުގެ އެކި ދައުރުތަކުގެ ތެރެއިން އެކި ފަރާތްތަކަށް ހަވާލުކޮށްފައިވާ ރަށެކެވެ. އެގޮތުން އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފުރަތަމަ ހަވާލުކޮށްފައިވަނީ 2008 ވަނަ އަހަރުގައި މޯލްޑިވްސް ޓުއަރިޒަމް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ.

އެހެންނަމަވެސް 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ސަރުކާރުން ވަނީ އެމްޓީޑީސީ އަތުން އެކުޅިވަރު އަތުލާފައެވެ. އެއީ އެ ރިސޯޓު ތަރައްގީކުރަން ދިން މުއްދަތުގެ ތެރޭގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެވެ.

އެއަށްފަހު އެކުޅިވަރު ތަރައްގީކުރަން އެސްޓީއޯއަށް ހަވާލުކޮށްފައިވެއެވެ. އެސްޓީއޯއަށް އެ ރަށް ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ.

comment ކޮމެންޓް