ކޯޓުގެ ފޯނުން ދަރިންގެ ފޯނަށް ފައިސާ ޓްރާންސްފާވި ގޮތް އަލީ ހަމީދު ކިޔައިދެއްވައިފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ފޯނަކުން، އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދަރީންގެ ފޯނަށް 2232 ރުފިޔާ ރީލޯޑްވި ގޮތް، އަލީ ހަމީދު ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކިޔައިދެއްވައިފި އެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ޑިސެމްބަރު މަހާއި 2011 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި، ސުޕްރީމް ކޯޓުގެ ފޯނަކުން، އަލީ ހަމީދުގެ އަމިއްލަ ދެ ދަރިންގެ ފޯނުތަކަށް ޖުމްލަ 2232 ރުފިޔާ ޓްރާންސްފާ ކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަށް ބޭނުންކުރުމުގެ ދައުވާކޮށްފަ އެވެ. ދެ ފަހަރެއްގެ މަތިން އެ މައްސަލައިގައި ދައުވާކޮށްފައިވެ އެވެ.

ދައުލަތުން އެ ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން އެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ، އެންމެ ބޮޑު އަދަބަކަށް ވާނީ ކުށް ކުރާ މީހާ ނެގި ފައިސާ ދައްކަން ޖެހުމާ އެކު ތިން އަހަރު ދުވަހަށް ޖަލަށް ލުން، ނުވަތަ އަރުވާލުން ނުވަތަ ގޭބަންދު ކުރުމެވެ.

އެ މައްސަލައިގައި އަޑުއެހުމެއް ބޭއްވިތާ އެއް އަހަރާއި ހަތް މަސް ފަހުން މިއަދު ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި އަލީ ހަމީދަށް ވަނީ ދައުވާ އިއްވައިފަ އެވެ. އޭނާ ވިދާޅުވީ ދައުވާ ވަރަށް ސާފު ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފޯނުން އޭނާގެ ދަރިންގެ ފޯނަށް ފައިސާ ޖަމާވި ގޮތް އަލީ ހަމީދު ކިޔައިދެއްވި އެވެ. އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ސިމް އަމިއްލަ ފޯނަށް ލައްވައިގެން އުޅެނިކޮށް، ދަރިން އެކި ފަހަރު މަތިން އަމިއްލަ އިސްނެގުމަށް، އޭނާއަށް ނާނގައި އޭނާގެ ފޯނުން ކްރެޑިޓް ޓްރާންސްފާ ކުރީ ކަމަށެވެ. އޭނާގެ ފޯނަކީ ފޮރުވާފައި ބާއްވާ އެއްޗެއް ނޫން ކަމަށާއި، ދަރިން އޭރު ތަސައްރަފު ނުފުދޭ ކަމަށްވެސް އަލީ ހަމީދު ވިދާޅުވި އެވެ. ދަރިން ގާތުން އެކަން ސާފު ކުރުމުން، މަންމަ އާއި، ދައްތަމެންގެ ފޯނުންވެސް އެކި ފަހަރުމަތިން 10 ނުވަތަ 20 ރުފިޔާއިން ކްރެޑިޓް ޓްރާންފްސާ ކުރާ ކަމަށް ބުނި ކަމަށް އޭނާ ކިޔައިދެއްވި އެވެ.

އެ މައްސަލައިގައި ދެވަނަ ފަހަރަށް ދައުވާ ކުރުމާ ގުޅިގެން އަލީ ހަމީދު ވިދާޅުވީ، ފައިސާ ޓްރާންފާ ކުރުން ތަކުރާރު ނުވާ ކަމަށެވެ. އެކަމަކު، ކުރީގެ ބިލުތަކެއް ފަހުން އައުމުން، އަނެއްކާވެސް އެކަން ތަކުރާރު ކުރީ ކަމަށް އޭސީސީއަށް ބެލެވުނީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެންމެ ފުރަތަމަވެސް ފައިސާ ޓްރާންފާ ކުރިކަން އެނގުމުން އަމިއްލަ އިސްނެގުމަށް އެ ފައިސާ ސުޕްރީމް ކޯޓަށް ދައްކާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ފަހުން އައި ބިލުތައްވެސް އަމިއްލަ އިސްނެގުމަށް ދައްކާފައިވާނެ ކަމަށާއި، އެކަމުންވެސް އެނގެނީ އޭނާގެ ނިޔަތް ރަނގަޅުކަން ކަމަށް އަލީ ހަމީދު ވިދާޅުވި އެވެ.

އަލީ ހަމީދުގެ ވާހަކަތަކަށް ފަހު މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވީ، ކުށުގެ ނިޔަތެއް ނެތް ކަމާއި، އަމަލެއް ނެތްކަން، އަލީ ހަމީދު ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުމުން، އެކަން ބެލުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

އަލީ ހަމީދުގެ ވަކީލު މިއަދު ވިދާޅުވީ، އެ މައްސަލައިގައި ދައުވާ ކުރަން ޖެހޭނީ ޕީނަލް ކޯޑުގެ ދަށުން ކަމަށެވެ. އަދި ޕީނަލް ކޯޑުގައި އެ ކުށް ބަޔާން ކުރެވިފައި ނެތުމުން އެ ދައުވާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ދައުލަތުން ބުނީ، ޕީނަލް ކޯޑުގައި ނެތް ކުށްތަކަށް، ޕީނަލް ކޯޑުގައި ނުހިމެނޭ ގާނޫނުތަކުންވެސް ޖިނާއީ ދައުވާ ކުރާ ކަމަށެވެ. މިސާލެއްގެ ގޮތުގައި ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން އަދިވެސް ދައުވާ ކުރާކަން ދައުލަތުން ފާހަގަކުރެއްވި އެވެ.

ދެން ދިފާއުން ބުނީ އެ ދައުވާ ކުރަން ޖެހޭ މުއްދަތު ހަމަވެފައިވާ ކަމަށެވެ. އެކަމަކު، އެ ދައުވާ އެންމެ ފުރަތަމަ އުފުލި އިރު ގާނޫނު އޮތް ގޮތަށް ބަލާއިރު، މިދިޔަ އަހަރު އަނެއްކާވެސް ދައުވާ އުފުލޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އިސް ގާޒީ ހައިލަމް ވަނީ، އަލީ ހަމީދުގެ މައްސަލަ ނުބަލަން ކްރިމިނަލް ކޯޓުން އެންމެ ފުރަަތަމަ ނިންމި ނިންމުން، ދައުލަތުން އިސްތިއުނާފު ނުވަތަ މުރާޖާ ކުރަން ހުށަނޭޅީ ކީއްވެތޯ އައްސަވައިފަ އެވެ. ދައުލަތުން ބުނީ އެ ނިންމުމަކީ ގަޟާއީ ނިންމުމެއް ނޫން ކަމުން އެކަން ނުކުރީ ކަމަށެވެ. އެކަމަކު، ހައިލަމް ވިދާޅުވީ، ފަނޑިޔާރުންގެ މަޖިލީހުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން، ކްރިމިނަލް ކޯޓުން އެ މައްސަލަ އެންމެ ފުރަތަމަ ނުބަލަން ނިންމުމުން، އެ މައްސަަލަ ޕީޖީއިން އަނބުރާ އޭސީސީއަށް ފޮނުވުމުން، ކްރިމިނަލް ކޯޓުގެ ނިންމުމަށް ޕީޖީއިން އެއްބަސްވާކަން އެކަމުން ދޭހަ ނުވޭތޯ ހައިލަމް ސުވާލު އުފެއްދެވި އެވެ.

އެ މައްސަލައިގައި ދައުވާ ކުރަން އޭސީސީއިން އަލުން ފޮނުވީ އިތުރު ހެއްކެއް ނުވަތަ ގަރީނާއެއް ލިބިގެންތޯވެސް ހައިލަމް ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ އެކަން ކުރީ އިތުރު ހެއްކެއް ގަރީނާއެއް ލިބިގެން ނޫން ކަމަށެވެ.

އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމެވެ.

އެ މައްސަލަ އޭސީސީއިން ތަހުގީގުކޮށް ފީޖީ އޮފީހަށް ފޮނުވުމުން، އެންމެ ފުރަތަމަ ދައުވާ ކުރީ، 2014 ވަނަ އަހަރުގެ އޭޕްރިލް އަށް ވަނަ ދުވަހު އެވެ. އެ މައްސަލައިގައި ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުުމުން، 5 ސެޕްޓޭމްބަރު 2016ގައި އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމީ އެ މައްސަލަ ނުބަލާށެވެ. ނުބަލަން ނިންމި ސަބަބުތަކުގެ ތެރޭގައި، އަލީ ހަމީދުގެ ދަރިންގެ ފޯނަށް ޓްރާންސްފާ ކުރި 2232 އަނބުރާ ސުޕްރީމް ކޯޓަށް ދައްކާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލަ ނުބަލަން ނިންމުމުން، ޕީޖީއިން ވަނީ އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލާފަ އެވެ. ޕީޖީއިން އޭސީސީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލީ ކްރިމިނަލް ކޯޓުން އެ މައްސަލަ ނުބަލަން ނިންމުމުން ކަމަށެވެ. ނަމަވެސް، އެފަހުން އޭސީސީއިން އަނެއްކާވެސް ވަނީ ހަމަ އެ މައްސަލައިގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވާފަ އެވެ. އޭސީސީއިން ދެވަނަ ފަހަރަށް ދައުވާ ކުރަން ފޮނުވީ އަލީ ހަމީދު ކުށް ތަކުރާރު ކުރި ކަމުގެ ތުހުމަތުގަ އެވެ.

މާޗް، 15، 2018ގައި އަނެއްކާވެސް ހަމަ އެ މައްސަލައިގައި ދައުވާ ކުރަން ޕީޖީއިން ނިންމި އެވެ. އެ ފަހަރު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ. އޭރު އަލީ ހަމީދު ހުންނެވީ އެކެއް ފެބްރުއަރީގެ ހުކުމާ ގުޅިގެން ހައްޔަރުކޮށް ޖަލަށް ލާފަ އެވެ.

comment ކޮމެންޓް