ދީނަށް ގޮންޖަހައި ރަސޫލާއަށް ފުރައްސާރަކުރުމުގެ ފުރުސަތެއް ނުދޭނަން: ރައީސް

ރައީސް ސޯލިހު ދ. ހުޅުދެއްޔަށް ވަޑައިގަތުން --- ފޮޓޯ: ރައީސް އޮފީސް

އިސްލާމްދީނަށް ގޮންޖަހާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހުޅުދެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ރާއްޖޭގައި އޮންނާނީ އިސްލާމްދީން ކަމަށާއި އިސްލާމްދީނަށް ގޮންޖަހާ، ބަދުބަސްބުނެ، ރަސޫލާއަށް މަލާމާތްކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"ރާއްޖޭގައި އޮންނާނީ އިސްލާމް ދީން. އިސްލާމްދީނަށް ގޮންޖަހާ، އެއަށް ބަދުވަސްބުނެ ރަސޫލާ އަށް މަލާމާތް ކުރުމަކީ އަޅުގަނޑުމެން ފުރުސަތު ދޭނެ ކަމެއްނޫން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިސްލާމްދީނުގެ ނަމުގައި ފިތުނަ ފަސާދަ އުފެއްދުމަށްވެސް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ، އިހަށްދުވަހު އަޅުގަނޑުމެން ވާނީ އެންޓި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނެސްފައި. އެ އިސްލާހުތަކުގެ ބޭނުމަކީ ރާއްޖޭގައި އޮތް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގައިލުމެއް ނޫން. އަޅުގަނޑު ގަބޫލުކުރާގޮތުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު ނުޖެހޭ ސީރިއާއަށް ގޮސް ހަނގުރާމަކުރާކަށް. އެއީ ދިވެހިން ކުރަންޖެހޭ ކަމެއް ނޫން. ސީރިޔާގައި، އަފްގާނިސްތާނުގައި އެކުރާ ހަނގުރާމަ ތަކަކީ ޓެރަރިސްޓު ހަނގުރާމަތަކެއް. ދުނިޔެ ބަލައިގަންނަ ހަނގުރާމަތަކެއް ނޫން އެއީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަފްގާނިސްތާނާއި ސީރިއާއަށް ގޮސް ކުރާ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރައްވާނެ ކަމަށެވެ. އަދި އެފަދަ ކަންތައްތަކަށް ހިތްވަރުދީ، ބާރުދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ ރާއްޖެއާއި ސުލްހައާއި އަމާންކަމަށްޓަކާ އޭރު އޮންނަ ސަރުކާރަކުން ކުރަންޖެހޭ ކަމެއް،"

ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ގެނައި ސަބަބު ސާފުކޮށް އެނގިލައްވާ ކަމަށާއި ރައްޔިތުންގެ ހަމަޖެހުމާއި ތަރައްގީއަށް ކުރައްވަންޖެހޭ ހުރިހާކަމެއް ކުރައްވާނެ ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަންއިން ދަ މޯލްޑިވްސް"ގައި އިސްލާމްދީނަށް ފުރައްސާރަކޮށް ބަދުބަސް ބުނެފައިވާކަމަށް ބުނެ އެ ޖަމިއްޔާއާ މެދު ފިޔަވަޅު އެޅުމަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ކުޑައިމީސްވާ ފަދަ ވާހަކަތައް ވަނީ ހިމަނައިފައެވެ. އެ ރިޕޯޓްގައި ކީރިތި ރަސޫލާ އިސްރާ އަދި މިއުރާޖްއަށް ވަޑައިގެންނެވި ހާދިސާއާއި ކީރިތި ރަސޫލާއަކީ ހައްދު ފަހަނައަޅާފައިވާ ބޭފުޅެއް ކަަމަށް ސިފަވާފަދަ ގޮތަކަށް ވާހަކަތައް ހިމަނާފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވީ ދީނަށް ފުރައްސާރަކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމްޑީއެން އުވާލުމަށްފަހު، އެ ޖައްމިއްޔާ އަށް ނިސްބަތްވާ މެމްބަރުންނާމެދު ފިޔަވަޅު އަޅައި އަދި އެމްޑީއެންގައި އުޅުމަށް ފަހު މިހާރު ސަރުކާރު މަގާމުތަކުގައި ތިއްބެވި ފަރާތްތައް ވަޒީފާ އިން ވަކިކުރުމަށްވެސް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއިން ވަނީ ގޮވާލައިފަ އެވެ.

ރައީސް ސޯލިހު ދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ވަޑައިގަންނަވާނީ އެއަތޮޅު ކުޑަހުވަދޫ އަށެވެ. އެރަށަށް ވަޑައިގެން ދ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަރަކުރުމަށް ބާއްވަވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް