ރިސޯޓެއްގައި މާކަނާއެއް މަރާލި މައްސަލައެއް ބަލަނީ

މަސްމާރުކޭޓު ފުރާޅުމައްޗަށް ތިރިކުރާ މާކަނާތައް: ރިސޯޓެއްގައި މާކަނައެއް މަރާލި މައްސަލައެއް އަންނަނީ ބަލަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަނަންތާރާ ދިގު ރިސޯޓުގައި މާކަނާއެއް މަރާލި މައްސަލައެއް ބަލަމުން އަންނަ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އަންނަތާރާ ދިގު ރިސޯޓުގައި މާކަނާއެއް މަރާލާފައި ވަނީ ފަތުރުވެރިން ތިބި ކޮޓަރިއަކަށް ދޫނި ވަނުމުން، ދޫނި ހިފައި ކޮޓަރިން ނެރެގެން ގެންދިއުމަށްފަހު އެވެ.

ކޮޓަރިން މާކަނާ ނެރުމަށް ކުޑަ އަކުން މާކަނާ ފައްސާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މާކަނާގެ ފިޔަގަނޑުގައި ހިފައިގެން ރިސޯޓުގެ މުވައްޒަފަކު ކޮޓަރިން ނުކުންނަ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

އީޕީއޭ އިން ބުނީ ރިސޯޓުގައި މާކަނާ މަރާލި މައްސަލައިގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މާކަނާ އަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗަށް އަނިޔާކޮށް، ގެއްލުންދީ، އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމަކީ އެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

މިއަދު ރ. އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ ރ. ގާއުނޑޫދޫގައި ބަނދެފައި އޮތް ވެލައެއް ވެސް ވަނީ ފެނިފައެވެ. ވެލާ މިހާރު ދޫކޮށްލާފައި ވާއިރު، އެ ވެލަޔަށް އެއްވެސް ގެއްލުމެއް ވެފައެއް ނުވެއެވެ.

ވެލަޔަކީ ވެސް ހިމާޔަތް ކޮށްފައިވާ އެއްޗަކަށް ވާއިރު އީޕީއޭ އިން ބުނީ އެކަން ހިނގައިދިޔަ ގޮތް ބަލައި، ޒިންމާވާން ޖެހޭ ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް