ހިދުމަތް ހޯދާ ރައްޔިތު މީހާއަށް ނިކަމެތިކޮށް އަމަލު ކުރުން ގަބޫލެއް ނުކުރަން، ފިޔަވަޅު އަޅާނަން: ނަހުލާ

މިއަދު ބައްދަލުވުމުގައި މިނިސްޓަރު ނަހުލާ --- ފޮޓޯ/ މަޖިލިސް

މިނިސްޓްރީއަށް ހިދުމަތް ހޯދަން އަންނަ ރައްޔިތު މިހާ އަށް އިހާނެތިކޮށް ހިތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ވަޒީފާ އިން ވަކިކުރުމުގެ ބިރު އުފެދިފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓް އޮތޯރިޓީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ މަސްތެެރޭ ޕެޓިޝަނެއް ވަނީ ހުށަހަޅާފަ އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން އޭރު ބުނެފައިވަނީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަމަށް ބުނެ ބިރު ދައްކާފައި ނުވާނެ ކަމަށާއި ނަމަވެސް ފަރުވާ ކުޑަވާނަމަ ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ސިވިލްސާވިސް މުވައްޒިފުންނާ މެދު ފިޔަވަޅު އަޅާނީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮންނަ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. ނަމަވެސް މުވައްޒަފުން ފަރުވާކުޑަކޮށް ހިދުމަތްދިނުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެފަދަ މުވައްޒަފުންނާމެދު އިންސާފުން ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރު ވުދާޅުވިއެވެ.

"މިނިސްޓަރުގެ ހައިސިއްޔަތުން ޓްރާންސްޕޯޓް މިނިސްޓްރީ ނުވަތަ ޓްރާންޕޯޓު އޮތޯރިޓީ ނުވަތަ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އެހެން އޮފީހަކަށް ހިދުމަތް ހޯދަން އަންނަ ރައްޔިތުންމީހާއަށް ނިކަމެތިކޮށް އަމަލުކުރާތަން ފެނުމަކީ، އަޅުގަނޑު ގަބޫލު ކުރާނެ ކަމެެއް ނޫން. އެގޮތަށް އަމަލު ކުރުން ނުވަތަ ދަށް ފެންވަރުގައި ހިދުމަތްދޭ ކޮންމެ ފަރާތަކާމެދު އަޅުގަނޑު މި މަގާމުގައި ހުރިހާ ދުވަހަކު ފިޔަވަޅު އަޅާނަން،" މުވައްޒަފުން ވަކިކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވާ ނަހުލާ ވިދާޅުވިއެވެ.

ވަޒީފާއަށް ފަރުވާ ކުޑަ ނުކުރާ ނުވަތަ ރަނގަޅަށް ހިދުމަތްދޭ މުވައްޒަފުނާ ދޭތެރޭ ނާއިންސާފުން ފިޔަވާޅު ނާޅާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ނަހުލާ ދެއްވިއެވެ.

"ސަބަބަކީ އަޅުގަނޑަކީ ވެސް ރައްޔިތުންގެ ހާދިމެއް. އަޅުގަނޑުގެ ވެރިއަކީ ރައްޔިތުން ކަމަށް ވީހިނދު ހުވައެއް ކޮށްގެން މިއަދު މިތަނަށް އައިސް މިއިނީ އެ ބޭފުޅުންގެ ރައްކާތެރިކަމުގައި އެ ބޭފުޅުންނަށް އެކަން ކަށަވަރު ކޮށްދިނުމަށްޓަކައި. އެހެންވީމަ އެގޮތުގެ މަތިން ހިދުމަތުގެ ފެންވަރު ދަށްވެ ނޫނީ ޕާފޯމަންސް ދަށްވެ ނޫނީ ވަޒީފާގެ އެޓެންޑެންސް ދަށްވެ، އެކަހަލަ މައްސަލައެއް ނޫނީ ހަގީގަތުގައި ވެސް ފިޔަވަޅު އަޅަން ޖެހޭ ބޭފުޅަކަށް ފިޔަވައި ފިޔަވަޅު ނާޅާނެކަން ޔަގީންކަމާ އެކު ދަންނަވަން،" ނަހުލާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ 49 މުވައްޒަފަކު ސޮއިކޮށް ރައީސަށް ހުށަހެޅި ޕެޓިޝަނެއްގައި ބުނެފައިވަނީ، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ދައްކާ ސަބަބަކީވެސް ހާޒިރީ ކަމަށެވެ. ހާޒިރީއަށް ފަރުވާކުޑަވުމުގެ ސަބަބުން މީގެ ކުރިން ދުވަހަކުވެސް މުވައްޒަފުންނަށް އަނގަބަހުން ނުވަތަ ލިޔުމުން ނަސޭހަތެއް ދީ އިންޒާރެއް ދީފައިނުވާކަމަށް އެ ޕެޓިޝަންގައި ބުނެފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ނަހުލާ ވިދާޅުވެފައުވަނީ، ޓްރާންސްޕޯޓް އޮތޯރިޓީން ދެމުން އަންނަނީ ދަށްފެންވަރުގެ ހިދުމަތްތެއް ކަމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަންތައްތަކެއް ކުރުމަށް ހމަޖެހިފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ. އެގޮތުން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތާއި އެ ފަރާތްތަކާމެދު މުހާތަބު ކުރާނެ ގޮތްތަކުގެ ތަމްރީނު މުވައްޒަފުންނަށް ދޭނެ ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

comment ކޮމެންޓް