ހުކުމާ އެއްގޮތަށް ނިއުޕޯޓުން ބިން ހުސްނުކުރުމުން ކޯޓަށް

ނިއުޕޯޓު ހިންގަމުން އަންނަ ބިން: އެ ބިން ހުސްނުކުރާތީ މިނިސްޓްރީން ވަނީ ހުކުމް ތަންފީޒު ކުރުމަށް ކޯޓުގައި އެދިފައި -- ފޮޓޯ/ ސްޓްރާޑާ

ބްރިޖު ވިއުއިން ޕްލެޓްފޯމުގައި ސްޓްރާޑާ ކުންފުނިން ހިންގާ ނިއުޕޯޓް ވިއު ރެސްޓޯރަންޓް ހުރި ބިްނ ހުސްކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް އެ ކުންފުނިން އަމަލުކޮށްފައި ނުވާތީ، ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ދައުލަތުން ކޯޓުގައި އެދިއްޖެއެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ ނިއުޕޯޓު ރެސްޓޯރެންޓް ބިން ސަރުކާރާ ހަވާލުކޮށް ބިމު ކުލީގެ ގޮތުގައި 1.15 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފައެވެ. ކުލި ދެއްކުމަށް ދިން 30 ދުވަހުގެ މުހުލަތު މި މަހުގެ 26 ވަނަ ދުވަހަށް ހަމަވާ އިރު، ބިން ހުސްކުރުމަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވީ މިދިޔަ ހުކުރު ދުވަހަށެވެ.

އެކަމާ ގުޅިގެން މިއަދު ޕްލޭނިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ހުކުމާ އެއްގޮތަށް ސްޓްރާޑާ ކުންފުނިން އަމަލުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ބިން ހުސްކުރުމަށް ކޯޓުގައިވާ ހުކުމާ އެއްގާފައިވާ ގޮތަށް ހުކުމް ތަންފީޒުކުރުމަށް މިހާރު ކޯޓުގައި އެދިފައި ވާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ސިވިލްކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، އެ ބިން ކުއްޔަށް ދިނުމަށް ސްޓްރާޑާ އާއި ޕްލޭނިން މިނިސްޓްރީ އާއެކު 2016 ވަނަ އަހަރު ވެފައިވާ އެއްބަސްވުން މިއަހަރުގެ މާޗު ހަތްވަނަ ދުވަހު ސަރުކާރުން އުވާލާފައިވަނީ، އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ކުއްޔާއި އެ ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ފައިސާ ދައްކާފައި ނުވާތީ، އެބަސްވުމާ ހިލާފުވެފައިވާތީ ކަމަށެވެ.

https://sun.mv/124993

އެއްބަސްވުމުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ފައިސާ ދައްކާފައި ނުވާތީ، ސްޓްރާޑާއިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ އިރު، އެ ކުންފުނިން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރަނެކަމަށް ބުނެފައެވެ.

ސްޓްރާޑާއިން ބުނެފައިވަނީ އެކުންފުނިން އެ ބިމުގައި ކުރިން ހިންގި "ޗާޓައިމް"، ރިންގް ރޯޑު ހެދުމުގެ މަސައްކަތަށް ތަޅާލަން ޖެހުމުން ދައުލަތުން އެކުންފުންޏަށް ގެއްލުމުގެ ބަދަލު ދީފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން ކުންފުނި ހުއްޓުމަކަށް އައުމުން ކުލި ނުދެއްކުނީ ކަމަށެވެ. ޗާޓައިމް ތަޅާލަން ޖެހުމުން ބަދަލުގެ ގޮތުގައި 14.4 މިލިއަން ރުފިޔާ ދިނުމަށް ކުރީގެ ސަރުކާރުގެ ހައުސިންގް މިނިސްޓްރީން މަސައްކަތް ކުރަމުން ދނަިކޮށް، އެކަން މަޑުޖައްސާލުމަށް އޭސީސީން އޮތީ އަންގާފައެވެ.

އެ ކުންފުނިން އިތުރަށް ބުނެފައިވަނީ ގެއްލުމުގެ ބަދަލު ނުލިބުނު ތަނުގައި، ޗާޓައިމްގެ ބިން އަތުލުުން އެކުންފުނިން ކުއްޔަށް ހިފާފައިވާ ސަރަހައްދުގެ ސައިޒަށް އައި ބަދަލަށް ރިއާޔަތްކޮށް، ކުލީގެ އަގަށް ބަދަލު ނުގެންނަ ކަމަށެވެ. އަދި ސަރުކާރުން ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދާއި ކުލީގެ ގޮތުގައި އެކުންފުނިން ދޭންޖެހޭ މިންވަރު އަޅާ ކެނޑުމުން، ސަުރކާރުން އެކުންފުންޏަށް ދޭންޖެހޭ ފައިސާ މާ ބޮޑުތަނުން ގިނަ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ނިންމާފައިވަނީ، ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ސްޓްރާޑާއަށް ދީފައިވާ އެ ބިން ދައުލަތަށް އަލުްނ ނެގުމަށްފަހު، އާންމުންނަށް ހިތްފަސޭހަކޮށްލެވޭނެ ފެހި ސަރަހައްދެއްގެ ގޮތުގައި އެ ސަރަހައްދު ތަރައްގީކުރުމަށެވެ.

ސްޓްރާޑާއިން ބްރިޖު ވިއުއިން ޕްލެޓްފޯމެއް އެތަނުގައި އެކުންފުނިން އަޅާފައިވާ އިރު، އެތަނުގައި ހަދަމުން އައި ނިއުޕޯޓް ވިއު ރެސްޓޯރަންޓް ހުޅުވީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި އެތަން ބަންދުކުރުމަށްފަހު ނުހުޅުވައެވެ.

comment ކޮމެންޓް