ނިއުޕޯޓު ޖޫރިމަނާކުރި މައްސަލަ އިސްތިއުނާފު ކުރަނީ

ސްޓްރާޑާއިން ހިންގާ ނިއުޕޯޓް ވިއު އާއި އެ ކުންފުނިން ތަރައްގީ ކުރި ބްރިޖް ވިއުއިން ޕްލެޓްފޯމު ސަރަހައްދު -- ފޮޓޯ: ސްޓްރާޑާ

ބްރިޖު ވިއުއިން ޕްލެޓްފޯމުގައި ސްޓްރާޑާ ކުންފުނިން ހިންގާ ނިއުޕޯޓު ރެސްޓޯރެންޓު ހުރި ބިން ސަރުކާރާ ހަވާލުކޮށް ބިމު ކުލީގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަން ސިވިލްކޯޓުން އެ ކުންފުނީގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމައިފިއެވެ.

ސްޓްރާޑާ އިން ނެރުނު ބަޔާނެއްގައި ބުނީ ބްރިޖު ވިއުއިން ޕްލެޓްފޯމު ހިންގަން ކުއްޔަށް ނެގި ބިމުގެ ކުލި ކޮންމެ މަހަކުވެސް ދައްކަންޖެހޭނެކަމަށް ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި ޗާޓަމް ހިންގި ބިން އެއްވެސް ބަދަލަކާ ނުލައި އަތުލާފައިވާ ކަމަށާއި އެ ބިން އެ ކުންފުނީގެ އަތުން ނަގާފައިވަނީ ގާނޫނު އަށަސީ އާއި ހިލާފަށް، ކޯޓު އަމުރެއްވެސް ނެތި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ސްޓްރާޑާ އިން ސަރުކާރަށް ދައްކަންޖެހޭ ކުލި ނުދެއްކުނީ ޗާޓައިމް ހިންގި ބިން އަތުލުމުގެ ސަބަބުން ލިބުނު ގެއްލުމާއެކު ކުންފުނި ހުއްޓުމަކަށް އައުމުން ކަމަސްވެސް ސްޓްރާޑާ އިން ބުންޏެވެ.

އަދި އެ ގެއްލުމުގެ ބަދަލުވެސް ސަރުކާރުން ދީފައި ނުވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން ޗާޓައިމް ހިންގި ބިން އަތުލުމުގެ ސަބަބުން އެކުންފުނިން ކުއްޔަށް ހިފާފައިވާ ސަރަހައްދުގެ ސައިޒަށް އައި ބަދަލަށް ރިއާޔަތްކޮށް ކުއްޔަށްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށް ސްޓްރާޑާއިން ބުންޏެވެ.

އަދި ސަރުކާރުން ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދާއި، ކުލީގެ ގޮތުގައި އެކުންފުނިން ދައްކަންޖެހޭ މިންވަރު އަޅާ ކެނޑުމުން، ސަރުކާރުން އެކުންފުންޏަށް ދޭންޖެހޭ ފައިސާ މާ ބޮޑުތަން ގިނަ ކަމަށްވެސް ސްޓްރާޑާއިން ބުންޏެވެ.

https://sun.mv/124907

"ސަރުކާރުން މި ކުންފުންޏަށް ދޭންޖެހޭ އަދުލުވެރި ބަދަލު ދީފައި ނުވުމުގެ ސަބަބުން ބްރިޖު ވިއުއިން ޕްލެޓްފޯމު ތަރައްގީކުރުމަށްޓަކައި މި ކުންފުންޏަށް ކްރެޑިޓަށް ކޮންސްޓްރަކްޝަން ސަމާނު ދޫކުރި ފަރާތްތަކަށް ދައްކަންޖެހެ ފައިސާ ނުދެއްކި، އެތައް މުިވައްޒަފުންގެ މުސާރަ ނުދެވި، ކުންފުނި މިވަނީ މާލީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ،" ސްޓްރާޑާގެ ބަޔާނުގައި ވެއެވެ.

އެ ކުންފުނިން ބުނީ ލިބެންޖެހޭ އަދުލުވެރި އަދަލު ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދނަިކޮށް އޭސީސީގެ އެންގުމަކަށް އެ މައްސަލަ ހުއްޓުނު ކަމަށާއި، ނަމަވެސް މިހާތަނަށްވެސް އެކަމުގައި އެއްވެސް މީހެއްގެ މައްޗަށް ކޮރަޕްޝަނުގެދައުވާއެއް ކޮށްފައި ނުވަތަ ފިޔަވަޅެއްވެސް އަޅާފައި ނުވާތީ، އެއީ އެކަމުގައި ކޮރަޕްޝަނުގެ އަމަލެއް ނެތުންކަމަށް ދެކޭކަމަށެވެ.

"މި ކުންފުންޏަށް އަދުލުވެރި ބަދަލެއް ދިނުމުގައި އެއްވެސް ފަރާތަކުން ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާނަމަ އެ މީހަކަށް ދައުވާކޮށް ގާނޫނާޢި ގަވައިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެއްވެސް ހުރަހެއް ނެތެވެ،" އެ ބަޔާނުގައި ވެއެވެ.

ސްޓްރާޑާއިން ބުނީ ބިމު ކުލި ނުދައްކައިގެން ސަރުކާރުން ދައުވާކުރި މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުމަކީ މި ކަންކަމަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ނުދެކޭ ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހަޅާކަމަށް ސްޓްރާޑާއިން ބުންޏެވެ.

އަދި އެ ކުންފުނިން އަދިވެސް އެދެނީ ދޭންޖެހޭ އަދުލުވެރި ބަދަލު ލަސްނުކޮށް ސަރުކާރުން ހަމަޖައްސައިދިނުމަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް