ބްރޯޑްކޮމްގެ މެމްބަރު ކަމުން ޒައިނާ ވަކިކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް ޒައިނާ: އޭނާ ވަނީ މިއަދު އެ މަގާމުން ވަކިކޮށްފައި --- ފައިލް ފޮޓޯ/ ރައީސް އޮފީސް

ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ޒައިނާގެ އިތުބާރު ނެތް ކަމަށް ނިންމައި ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ ޖުލައި 24 ވަނަ ދުވަހު އެވެ.

ނަމަވެސް މަޖިލީހުން މައްސަލައިގައި ވޯޓަކާ ހަމައަށް ދިއުމުގެ ކުރިން، މިދިޔަ ހަފްތާގައި ޝަހީބު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެހެންކަމުން މިއަދު މަޖިލީހުގައި ވޯޓު ނެގީ ޒައިނާ މަގާމުން ވަކި ކުރަން އެކަންޏެވެ.

ޒައިނާ ވަކި ކުރަން ފެންނަ ކަމަށް ފާސްވީ މަޖިލީހުގެ 56 މެމްބަރުންގެ ވޯޓުންނެވެ. ޒައިނާ ވަކި ކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ. އެއީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އެވެ.

ބްރޯޑްކޮމްގެ މެންބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ތަޅުމަށް ހުށަހެޅީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ ގޮތުން މީޑިއާތަކަށް ފިޔަވަޅު އަޅާފައި ވާތީ އާއި ގާނޫނާއި ގަވާއިދާ ހިލާފު ކަންތައްތަކެއް އެ ކޮމިޝަނުން ކޮށްފައި ވާތީ އެވެ.

މައްސަލަައިގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ބުނެފައި ވަނީ ވަކި ޓީވީ ސްޓޭޝަނަކުން ބްރޯޑްކާސްޓް ކޮށްފައިވާ ކޮންޓެންޓަކާ މެދު ފިޔަވަޅު އެޅުމަށް ތަފާތު އެކި ފަހަރު މަތިން ޒައިނާ ހުށަހަޅުއްވާފައިވާ އިރު އެފަދަ ކޮންޓެންޓުތައް އެހެން ޓީވީ ސްޓޭޝަންތަކުން ބްރޯޑްކާސްޓު ކުރި ކަމުގައި ވިޔަސް އެ ސްޓޭޝަންތަކާ މެދު ފިޔަވަޅު އެޅުމަށް އެއްވެސް ޝަކުވާއެއް ޒައިނާ ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެން ކަމުން އިންސާފުވެރިކަމާއި ހަމަހަމަކަމުގެ އުސޫލުތަކާ ހިލާފަށް ވަކި ފަރާތަކަށް ބުރަވެ ހުރެ، މައްސަލަތައް ކޮމިޝަނަށް ހުށަހަޅާފައިވާކަން މައްސަލަ ބެލި ސަބް ކޮމިޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ހަމަ އެއާއެކު 2017 ވަނަ އަހަރު އޮކްޓޫބަރު މަހު ބޭއްވި ސިޔާސީ ހަރަކާތެއްގައި ޒައިނާ ބައިވެރިވެފައިވާ ކަމާއި އެ އަމަލަކީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ ހިލާފު އަދި އޭނާގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ.

އޭގެ އިތުރުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބަލާ ނިންމުމުގައި ތަފާތުކުރުން ގެންގުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން ބްރޯޑްކާސްޓު ކުރާ ކޮންޓެންޓަކާ ގުޅިގެން ފިޔަވަޅު އެޅުމުގައި ވަކި ޗެނަލަކަށް ފުރަތަމަ ފަހަރަށް ވެސް ގާނޫނުގައި ބުނާ އެންމެ ހަރުކަށި އަދަބު ދިނުމަށް ނިންމާފައިވާ ކަމާއި އެފަދަ ކޮންޓެންޓް އެހެން ޗެނަލް އަކުން ބްރޯޑްކާސްޓު ކުރުމުން، އެންމެ ލުއި އަދަބު ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ކޮމިޓީ ރިޕޯޓުގައިވެއެވެ.

އަދި މެމްބަރުންގެ ކިބައިގައި ގާނޫނުގެ މަގުސަދު ހާސިލްކުރުމުގެ ރޫހު ނެތްކަން ފާހަގަކުރެވިފައިވާތީ ޝަހީބު އާއި ޒައިނާ ވަކި ކުރަން ފެންނަ ކަމަށް ކޮމިޓީ ރިޕޯޓުގައިވެއެވެ.

ޝަހީބާއި ޒައިނާގެ އިތުރުން ބްރޯޑްކޮމްގެ މެމްބަރު ޒީނާ ޒާހިރުގެ މައްސަލައެއް ވެސް ކޮމިޓީން އަންނަނީ ބަލަމުންނެވެ. ނަމަވެސް މައްސަލައިގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށާއި ޒީނާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

comment ކޮމެންޓް