އޮޅިވަޑައިގެން ނޫޅުއްވާ، މަޖިލީހަށް ޕާޓީގެ ބިލްތައް ހެދޭނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ބިލުތައްވެސް އަދި އެހެން ޕާޓީތަކުން ހުށަހަޅަން ބޭނުންވާ ބިލުތައްވެސް ރައްޔިތުންގެ މަޖިލީހުގެ ވަސީލަތްތައް ބޭނުންކޮށްގެން މަޖިލީހުގައި ޑްރާފްޓް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއިން އެޖެންޑާ 19އިގެ ދަށުން ހުށަހަޅަން ބޭނުންވާ ބިލުތައް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ވަނީ ޑްރާފްޓް ކުރަން ފަށާފަ އެވެ. އެކަމާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެއީ އެމްޑީޕީގެ ބިލުތައް މަޖިލީހުގެ ވަސީލަތްތައް ބޭނުންކޮށްގެން ޑްރާފްޓް ކުރާތީ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ފަހު އެންމެ ފުރަތަމަވެސް ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ "ދިވެހި ދައުލަތުގެ ގާނޫނު ހަދާ މަޖިލިސް" ކަމަށެވެ.

"އޮޅިވަޑައިގެންފައި އެއްވެސް ބޭފުޅަކަށް އޮވެދާނެތީ އަޅުގަނޑު ދަންނަވާލަނީ. ގާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ދިވެހި ރާއްޖޭގެ ގާނޫނު ހެދުމުގެ އެންމެހާ މަސައްކަތް ކުރަން ޖެހެނީ މި މަޖިލީހަށް. މިދެންނެވި 70 ވަނަ މާއްދާގެ (ށ) ގެ ދެވަނަ ނަމްބަރުގައި އަދި ވަނީ ގާނޫނު އެކުލަވާލުމާއި ގާނޫނަށް ބަދަލު ގެނައުމާއި އަދި ގާނޫނު އުވާލުުގެ އެންމެހާ މަސައްކަތް ކުރަން ޖެހެނީ މި މަޖިލީހުން ކަމަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

https://sun.mv/125573

ރައްޔިތުންގެ މަޖިލީހުން އެމްޑީޕީގެ ބިލުތައް ޑްރާފްޓް ކުރުމަކީ ނަޒާހާތްތެރިކަމާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޖިލީހުުގެ ވަސީލަތްތައް ބޭނުން ކުރަނީ "އެއެއްވެސް މެމްބަރެއްގެ ގެއަށް ލައިގެންކާނެ އެއްޗިހި ހޯދާކަށް ނޫން" ކަމަށެވެ.

"ނަޒާހާތްތެރިކަމާ ގުޅިފައި އޮންނާނީ ތީގެން ބޭފުޅެއްގެ ލައިގެންކާ އެއްޗިއްސަށް ނުވަތަ އަންނައުނަށް މިތަނުން [މަޖިލީހުން] ވަސީލަތްތަކާއި މިތަނުގެ ބޭނުންތައް ބޭނުންކުރީމާ. މިއުޅެނީ ގާނޫނު ހަދަން އަޅުގަނޑުމެން މި ބޭނުން ކުރަނީ މިތަނުގެ ވަސީލަތްތައް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޕާޓީތަކުގެ ބިލުތައް މަޖިލީހުގައި ޑްރާފްޓް ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި މިހާރު މަޖިލީހުގެ އިދާރާއިން އިޖުރާއަތުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއިން މި ދައުރު 20 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވަނީ ނިންމާފަ އެވެ. އެ ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން މިހާރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް