ލޯ މެޑަލް ހޯދި ޒުވާން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ބޯނަހަކަށް ވިހި ހާސް

18 އަހަރުން ދަށުގެ ޒުވާން ގައުމީ ޓީމު ސާފް ޗެމްޕިއަންޝިޕުގެ ތިންވަނަ ހޯދުމަށްފަހު އުފާފާޅު ކުރަނީ

ނިމިގެން ދިޔަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ލޯ މެޑަލް ހޯދި ރާއްޖޭގެ ޒުވާން ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށާއި އޮފިޝަލަކަށް ބޯނަހެއްގެ ގޮތުގައި 20،000 ރުފިޔާ ދޭން ސްޕޯޓްސް ކައުންސިލުން ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ޒުވާން ގައުމީ ޓީމު ހޯދި ކާމިޔާބީގެ ފާހަގަ ކުރުމަށް ހޮޓެލް ޖެންގައި މިރޭ ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ގައުމީ ސީނިއާ ޓީމުގެ ބައެއް ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ. މިރޭގެ އެ ބައްދަލުވުމުގައި ފުޓުބޯޅައިގެ މުސްތަގުބަލާ މެދު އުންމީދީ ގިނަ ވާހަކަތަކެއް ދެކެވިގެން ދިޔައިރު އެންމެން ވެސް އެންމެ ފާހަގަ ކުރި ކަމަކީ ރާއްޖޭގެ ޒުވާން ޓީމުތައް ހޯދަމުން އަންނަ ކާމިޔާބީތަކުގެ ވާހަކަތަކެވެ.

އެގޮތުން މިދިޔަ މަހު ނޭޕާލުގައި ކުޅުނު ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޒުވާން ޓީމު ދެއްކި މޮޅު ކުޅުން ފާހަގަކޮށް ބައްދަލުވުމަށް ވަޑައިގެން އެންމެން ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. ކުޅިވަރާ ބެހޭ މިނިސްޓަރު މަހްލޫފް ވަނީ އެ މުބާރާތުގައި ހޯދި ކާމިޔާބީގެ ބަދަލުގައި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ފައިސާގެ އިނާމެއް ދޭން ނިންމާފައިވާ ކަން އިއުލާން ކޮށްފަ އެވެ.

މަހްލޫފް ވިދާޅުވީ، ޗައިނާ މެޗުގައި ރާއްޖޭގެ ޒުވާން ޓީމު ޑްރޯއެއް ކޮށްލައިގެން ވިޔަސް އެއް ލައްކަ ރުފިޔާ ދޭނެ ކަމަށް ބުނުމުން އެކަން ގިނަ ބަޔަކު ނެގީ ގޯސް ވިސްނުމެއްގައި ކަމަށެވެ. އެއްބަޔަކު އެކަމާ ގުޅުވައިގެން ދައްކަމުން ދިޔައީ އެ ފައިސާ ހާލުގައި ޖެހިފައި ތިބި ބަޔަކަށް ދިނިއްޔާ މާ ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ކުޅިވަރާ ބެހޭ މެންޑޭޓުގައި ނުހިމެނޭ އެއްވެސް ކަމަކަށް ހަރަދު ނުކުރާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"އަޅުގަނޑު ކިތަންމެ ބޭނުން ވިޔަސް ކިހިނެތްތޯ ކުޅިވަރުގެ ބަޖެޓުން އެހެން ކަން ކަމަށް ޚަރަދު ކުރާނީ. އަޅުގަނޑަށް ސަރުކާރުން ހަރަދު ކުރެވޭނީ ހަމައެކަނި ކުޅިވަރުގެ މެންޑޭޓުގައި ހިމެނޭ ކަންތައްތަކަށް. އެއީ އަޅުގަނޑާ ހަވާލުކުރައްވާފައި އޮތް މައްސޫލިއްޔަތު،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން ސާފް ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދީމަ ވެސް ކުޅުންތެރިންނަށް ލިބުނީ 35،000 ރުފިޔާ ކަމަށެވެ. އެއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތާ އެއްހަމަ އަދަދެއް ނޫންކަން ފާހަގަ ކުރައްވަމުން މަހްލޫފް ވިދާޅުވީ ކުޅިވަރާ ބެހޭ މަޖިލީހުން މިހާރު ނިންމާފައި ވަނީ އެފަދަ ކާމިޔާބީއަކަށް 250،000 ދިނުމަށް ކަމަށެވެ.

"މި މުބާރާތުގައި [ސާފް ޗެމްޕިއަންޝިޕުގެ އޭޖު ކެޓަގަރީ މުބާރަތް] ބްރޯންޒް މެޑަލް ހޯދައިފި ނަމަ ކޮންމެ ކުޅުންތެރިޔަކަށް ކުރިން ދޭން ނިންމާފައި ވަނީ 5،000 ރުފިޔާ. އެކަމަކު މިހާރު އެކުޅުންތެރިންނަށް ލިބޭނެ 20،000 ރުފިޔާ،"

މީގެ އިތުރުން ކުޅިވަރުން ވަނަ ހޯދާ ފަރާތްތަކުގެ މެދުގައި ތަފާތު ކުރުން ނައްތާލުމަށް ގައުމީ މަޖިލީހުގައި ވަރަށް ބޮޑަށް ވަކާލާތު ކުރަމުންދާ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޓީމު ހޯދާ ކާމިޔާބީގެ ފަހަތުގައި ތިބޭ އޮފިޝަލުންނާއި ކޯޗުން ވެސް ޝާމިލު ވާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

comment ކޮމެންޓް