ގާޒީ ނިހާން ހިފެހެއްޓުމުން "އަސްލު ނިހާން" ގާތަށް އައީ ހިނި

ގާޒީ ނިހާން (ކ) އަދި ކުރީގެ މެމްބަރު ނިހާން--- ސަން ފޮޓޯ

ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ކަމަށް ހީކޮށް، އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން އިންޑިއާގެ އެއާޕޯޓުން ހިފެހެއްޓުމުން ކުރީގެ މެންބަރު ނިހާނަށް އެއީ، "ހިނި" އަންނަ ޖޯކު ކަމަކަށް ވެއްޖެ އެވެ.

ގާޒީ ނިހާންގެ އާއިލާގެ ބޭފުޅަކު "ސަން" އަށް މިއަދު ވިދާޅުވީ ނިހާން އިންޑިއާއިން ހިފެހެއްޓީ އިންޑިއާގެ ޓްރެވިންޑްރަމް އަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކަށް ފަހު ރާއްޖެއަށް އެނބުރި ވަޑައިގަތުމަށް އިމިގްރޭޝަންއަށް ވަޑައިގަތުމުން އެވެ.

"ދެ މީހުންގެ ނަން ވައްތަރުވާތީ އޮޅުނީ. ދެން މެމްބަރު ނިހާންގެ ފޮޓޯއެއް ދައްކާފައި ބުނީ އޭނާހެއްޔޭ. މަޖިލިސް މެމްބަރަކަށް އުޅުނިންހޭ. ފަހުން އެމީހުން ބުނި އެރި އޮޅުމެކޭ. މާފަށްވެސް އެދުނު،" ގާޒީ ނިހާންގެ އާއިލާގެ ބޭފުޅާ ވިދާޅުވި އެވެ.

ކުރީގެ މެންބަރު ނިހާން ހުސެއިން މަނިކު އިންޑިއާއިން ބްލެކް ލިސްޓްކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަންގެ އޮފިސަރުން ބުނި ކަމަށް ވެސް ގާޒީ ނިހާންގެ އާއިލާގެ މީހާ ބުންޏެވެ.

އެކަމާ ގުޅިގެން ކުރީގެ މެންބަރު ނިހާން "ސަން" އަށް މިއަދު ވިދާޅުވީ އެ ވާހަކަ އަޑުއިވިވަޑައިގަތުމުން އޭނާއަށް އެކަންވީ ބޮޑު ޖޯކަކަށް ކަމަށެވެ.

"އަސްލު އަޅުގަނޑަށްވެސް ވީ މަޖާކަމަކަށް. އިންޑިއާ ކަހަލަ ބޮޑު ގައުމަކަށް މީހުން ދެނެގަތުމުގެ ގާބިލްކަން މިއަށްވުރެ ބޮޑު ވާންޖެހޭނެ ދެއްތޯ؟،" ނިހާން ހުސެއިން މަނިކު ވިދާޅުވި އެވެ.

މީގެ ކުރިން މެންބަރަކަށް ހުންނަވަނިކޮށް މިދިޔަ އަހަރު ނިހާން ހުސެއިން މަނިކު އިންޑިއާއަށް ބޭސްފަރުވާއަށް ދިއުމުން އޭނާ އެގައުމަށް ނުވައްދައި އެއާޕޯޓްގައި ގިނަ އިރު ބެއިންދުމަށް ފަހު، ރާއްޖެއަށް އަނބުރާ ފޮނުވާވެސްލި އެވެ. އެ މައްސަލައިގައި ނިހާން ވިދާޅުވީ އެއީ އިންޑިއާއިން ކުރި ބުލީގެ އަމަލެއް ކަމަށެވެ.

"އަޅުގަނޑަކަށް މިހާތަނަށްވެސް ނޭނގޭ ކީއްވެކަމެއް ފޮނުވާލީ. އެމްބަސީއާއި ފޮރިން މިނިސްޓްރީ މެދުވެރިކޮށްވެސް ބެލިން އޭގެ ޖަވާބެއް ލިބޭތޯ. ނުލިބޭ އެއްވެސް ޖަވާބެއް. އެއްވެސް ކަމެއްގައި އިންޑިއާއަށް ދިއުމުގެ ވިސްނުމެއް ދެން ނެތް އަޅުގަނޑެއްގެ،" ނިހާން ހުސެއިން މަނިކު މިއަދު ވިދާޅުވި އެވެ.

comment ކޮމެންޓް