ސުނިލް ޝެޓީ ހަމަޖެއްސުމުން ފާޑުކިޔާތީ މަހުލޫފު ހިތުގައި ޖެހިއްޖެ!

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔަސް

ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ސުނިލް ޝެޓީ ހަމަޖެއްސުމުން ބައެއް ދިވެހިންގެ ފާޑުކިޔާތީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ހިތުގައި ޖެހިވަޑައިގެންފި އެވެ.

ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅި ޕްރޮމޯޓު ކުރުމަށް ރާއްޖޭގެ ފިޓްނެސް އެމްބެސެޑަރަކަށް ސުނިލް ޝެޓީ ހަމަޖައްސައި ޔޫތު މިނިސްޓްރީއިން އެކަން އިއުލާނު ކުރީ މިއަދު އެވެ. އެއާ އެކު ދިވެހިންގެ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ މިނިސްޓަރު މަހުލޫފަށް އަމާޒުވެފަ އެވެ. ދިވެހިންނަށް މައްސަލައަކަށްވީ ފިޓްނެސްއަށް ލޯބިކުރާ ގިނަ ދިވެހިންތަކެއް އުޅެނިކޮށް ބޭރުގެ މީހަކު އެމްބެސެޑަރަކަށް ހަމަޖެއްސުމެވެ.

ފާޑު ކިޔުންތައް އަމާޒުވުމުން މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓްގައި ވިދާޅުވީ "ބައެއް ދިވެހިންނަށް ރަނގަޅު އެއްގޮތެއްވެސް ނެތުމަކީ ދެރަކަމެއް" ކަމަށެވެ.

"200 މިލިއަން މީހުންނަށް ބޮޑު ފިޓްނެސް ޕްރޮގްރާމެއް ހިންގައި އޭގެ ތަޖުރިބާގައި ދިވެހިންނާ ގުޅިގެން ހިލޭ ސާބަހަށް ކަމެއް ކޮށްދޭން އުޅުނަސް ގޯސް." މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވިގޮތުން ސުނިލް ޝެޓީ ރާއްޖޭގެ ފިޓްނެސް އެމްބެސަޑަރަކަށް ހަމަޖެއްސުމުން ރާއްޖޭގެ ޓުއަރިޒަމްވެސް ހިލޭ ޕްރޮމޯޓްވާނެ އެވެ. "ވެހުނަސް ގޯސް، އަވިދިނަސް ގޯސް" ކަމަށް ވިދާޅުވެ މަހުލޫފު ވަނީ ފާޑުކިޔާ މީހުންނަށް ރައްދު ދެއްވާފަ އެވެ.

ރާއްޖެއަކީ "ފިޓާ ނޭޝަން" އަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން "މިޝަން ފިޓް މޯލްޑިވްސް" ގެ ނަމުގައި ފަށާ ޕްރޮގްރާމުގައި ސުނިލް ޝެޓީ އާއި އޭނާގެ ޓީމުން މަސައްކަތް ކުރާނެ ކަމަށް ޔޫތު މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ފާޑުކިޔާ ބައެއް މީހުން ބުނާ ގޮތުން ފިޓްނެސް އެމްބެސަޑަރަކަށް ސުނިލް ޝެޓީ ހަމަޖެއްސުމަކީ ފިޓްނެސްއަށް ލޯބި ކުރާ ދިވެހިންނަށް ޔޫތު މިނިސްޓްރީއިން ޖެހި ޖޯކެކެވެ.

"ރާއްޖޭގެ އެމްބެސަޑަރަކަށް އިންޑިއާ މީހަކު ލީމާ ވަރަށް ޖޯކު. ރާއްޖޭގައި އެހެންވީމަ އެމްބެސަޑަރުކަން ދޭ ވަރުގެ މީހަކު ނެތީތާ ދޯ." ފޭސްބުކްގައި ފާޑު ކީ މީހަކު ބުންޏެވެ.

ސުނިލް ޝެޓީ ބުނެފައިވަނީ ރާއްޖޭގެ ފިޓްނެސް އެމްބެސަޑަރުކަން ލިބުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ.

comment ކޮމެންޓް