ބައިނަލްއަގުވާމީ އަންހެންކުދިންގެ ދުވަހާ ގުޅިގެން ވިމެން އިން ޓެކްގެ ހަރަކާތްތަކެއް

ވިމެން އިން ޓެކްއިން ހިންހި ސެޝަނެއްގެ ތެރެއިން--- ފޮޓޯ: ވިމެން އިން ޓެކް

ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވިމެން އިން ޓެކް މޯލްޑިވްސް އާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ވިމެން އިން ޓެކް މޯލްޑިވްސް އަކީ ސައިންސް އަދި ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ އަންހެން ކުދިން ކުރިއަރުވާ އަދި އެދާއިރާއަށް އަންހެން ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި މަސައްކަތްކުރާ އެންޖީއޯ އެކެވެ.

ކޮންމެ އަހަރަކުވެސް 11 އޮކްޓޯބަރ ގައި ފާހަގަކުރާ އެދުވަހުގެ މިއަހަރުގެ ތީމަކީ "ގަރލް ފޯސް: އަންސްކްރިޕްޓަޑް އެންޑް އަންސްޓޮޕަބަލް" އެވެ.

ވިމެން އިން ޓެކްއިން ބުނީ އެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ޖެންޑަރ މިނިސްޓްރީ އިން މިއަހަރު، 6 ދުވަހަށް ދެމިގެންދާ ގޮތަށް އެކިއެކި ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށެވެ.

އެ ގޮތުން އުމުރުން 16 އަހަރާއި 18 އަހަރު ދެމެދު އަންހެން ކުދިންނަށް އަމާޒުކޮށްގެން، އެކިއެކި ދާއިރާތަކަށް ބަހާލެވިގެން، ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވިމެން އިން ޓެކްއިން ބުންޏެވެ. އެ ދާއިރާތަކުގެ ތެރެއިން ޓެކްނޮލޮޖީއާއި ގުޅުންހުރި ދާއިރާގެ ހަރަކާތްތައް ހިންގާފައިވަނީ ވިމެން އިން ޓެކް މޯލްޑިވްސް އިންނެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން ކުރިއަށް ގެންދިޔަ ސެޝަންތަކުގެ ތެރޭގައި، ޓެކްނޮލޮޖީ ދާއިރާގައި ކުރިއަށް ދެވިދާނެ އެކިއެކި ފުރުސަތުތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުން ހިމެނެއެވެ. މިގޮތުން ވިމެން އިން ޓެކް މޯލްޑިވްސްގެ ބައެއް މެންބަރުން ޓެކްނޮލޮޖީ ދާއިރާގެ ވަޒީފާގައި ކުރާ މަސައްކަތްތަކާއި އެދާއިރާތަކުގައި ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ހިއްސާކުރި އެވެ.

އޭގެ އިތުރުން ކޮމްޕިޔުޓަރު ހާޑްވެއާ އަދި ނެޓްވޯކިން މަސައްކަތަށް ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ކޮމްޕިޔުޓާ ސީ.ޕީ.ޔޫ ރޫޅާލައި އަލުން ރާވަން ދަސްކޮށްދިނުމާއި ނެޓްވޯކް ކޭބަލް ކްރިމްޕް ކުރުމުގެ އަމަލީ ހަރަތާކްތަކެއް ހިންގުނެވެ. އަދި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ދާއިރާއަށް އަހުލުވެރުކުރުމުގެ ގޮތުން ބޭސިކް ކޯޑިން ސެޝަންއެއްވެސް ހިންގި އެވެ.

މިއީ ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ވަޒީފާގެ ފުރުސަތު ގިނަ ނަމަވެސް، ނިސްބަތުން އަހެން ކުދިން މަދު ކަމަށް ބެލެވޭ ނެޓްވޯކިން، ސޮފްޓްވެއާ ޑިވެލޮޕްމަންޓް އަދި ހާޑްވެއާ ދާއިރާގައި ކުރާ މަސައްކަތްތަކަށް ބައިވެރިން ހޭލުންތެރި ކުރުވުމުގެ ގޮތުން ބޭއްވި ހަރަކާތްތަކެއްކަމަށް ވިމެން އިން ޓެކްއިން ބުންޏެވެ.

comment ކޮމެންޓް