ނަފްސާނީ ބަލީގެ ފަރުވާ އަތޮޅުތެރޭގައިވެސް ފުޅާކުރަނީ

މެންޓަލް ހެލްތު ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ނަފްސާނީ ބަލިތަކުގެ ފަރުވާ މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައިވެސް ފުޅާކުރަން ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ނަފްސާނީ ސިއްހަތުގެ ފަރުވާ ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.

ނަފްސާނީ ސިއްހަތާމެދު މުޖުތަމައު ހޭލުންތެރި ކުރުވާ، ނަފްސާނީ ބަލީގެ މީހުންނަށް އާއިލާއާއި މުޖުތަމައިން ދޭންޖެހޭ އަޅާލުމަށް އަހުލުވެރިކުރުމަށް ކެމްޕެއިނެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ އިތުރުން މި ހިދުމަތް ހަރުދަނާ ގޮތެއްގައި ދިނުމާއި، ޚިދުމަތް ދެމުންދާ ގޮތް މޮނިޓަކޮށް ބެލެހެއްޓުމަށްކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި ވެސް މެންޓަލް ހެލްތާބެހޭ ވަކި ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ސިކުނޑީގެ ބަލިތަކާގުޅޭ ގޮތުން ހިދުމަތްތައް ރަނގަޅުކުރުމަށް ސިއްހީ ދާއިރާއިން ކުރެވެމުންދާ މަސައްކަތާއެކު ނަފްސާނީ ބަލިތަކާ ގުޅޭގޮތުން ހިންގާ ޕްރޮގްރާމްތަކަކީ، ސަރުކާރުގެ ތަފާތު ގިނަ މުއައްސަސާތަކާއި އަމިއްލަ ޖަމްއިއްޔާ، ޖަމާޢަތްތަކުގެ ދައުރު އޭގައި އެކުލެވިގެން ހިންގޭ ޕްރޮގްރާމްތަކެއް ކަމަށާއި އެގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަދި ޖެންޑަ މިނިސްޓްރީއިން އަދި ގިނަ އަމިއްލަ ޖަމްޢިއްޔާތަކުން މިކަމަށް ޙާއްސަ ސަމާލުކަމެއް ދީގެން ކުރެވޭ މަސައްކަތްތައް ފާހަގަ ކުރައްވާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

ނަފްސާނީ ސިއްހަތުގެ ދުވަހެއް ފާހަގަކުރަމުންދާއިރު، ދުވަހާއި ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަމީން ވަނީ މިއަހަރަކީ ނަފްސާނީ ސިއްހަތު ކުރިއަރުވަން ކުރެވެމުން ދިޔަ މަސައްކަތްތަކަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިގެން ދިޔަ އަހަރެއްކަން ފާހަގަކުރައްވައިފައެވެ. މިގޮތުން ސަރުކާރުން ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދައި ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖައްސާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އައިޖީއެމްއެޗުގެ މެންޓަލް ހެލްތު ސެންޓަރުން ނަފްސާނީ އެކި ބަލިތަކަށް ފަރުވާދެމުންދާއިރު، މި އަދުގެ ނިޔަލަށް މި ސެންޓަރ މެދުވެރިކޮށް 4،000 މީހުންނަށް ހިދުމަތް ދީފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މެންޓަލް ހެލްތު ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކު ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުން ހިމެނެއެވެ. އަދި އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި ބަލި ދެނެގަތުމާއި ބޭހުގެ އެހީގައި ފަރުވާދިނުމާއި ސައިކޮލޮޖިކަލް ޚިދުމަތްތަކާއެކު ފަރުވާ ދިނުމާއި ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ހިދުމަތްތައް އެ ސެންޓަރުން ދެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު 10 ވަނަ ދުވަސް ދުނިޔޭގެ ނަފްސާނީ ސިއްޙަތު ދުވަހުގެ ގޮތުހައި ފާހަގަ ކުރަމުންދާއިރު މި އަހަރު މިދުވަހުގެ ޝިއާރުގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަނީ "ނަފްސާނީ ދުޅަހެޔޮކަން"އެވެ.

މި ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ ނަފްސާނީ ބައްޔާމެދު ހޭލުންތެރިކަން އިތުރުކޮށް، މިކަމަށް ދުނިޔޭގެ ފެންވަރުގައި ސަމާލުކަން ގެނެސް މުޅި މުޖުތަމަޢާއި ދޭދޭ ގައުމުތަކާއި ސަރުކާރާއި އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުން ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެއްބާރުލުމާއި ބައިވެރިވުން އިތުރު ކުރުމެވެ.

comment ކޮމެންޓް