ދިވެހީންގެ ސިއްހަތު: ދޭތެރެ ދުރުކޮށްލައި، އާއިލާ ރާާވާލާ

ޑރ. އާއިޝަތު ޝިބާނާ އަހްމަދު "ސަން"އަށް އިންޓަވިއުދެއްވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދިރިއުޅުމެއްގައި އުފަލަކީ، އާއިލާގެ ހުރިހާ މެންބަރުންގެ ދުޅަ ހެޔޮ ސިއްހަތާއި ލިބޭ ފައިސާއިންފުުއްދާލައިގެން އުޅެން އެނގުމެވެ. މި ސަބަބަށް ޓަކައި، ލިބޭ އާމްދަނީއަކަށް ބަލައި ދެ ބައިވެރިން އެއްބަސްވާ މިންވަރަކަށް ކުދިން ހޯދައި، އާއިލާ ރޭވުން މުހިންމެވެ. އެކަމަކު މިއީ ދިވެހިން ވާހަކަ ނުދައްކާ ނޫނީ ދައްކަން ލަދު ގަންނަ ގޮތަށް ބާއްވާފައި އޮންނަ މައުލޫ އެކެވެ.

އެކަމަކު އާއިލާ ރޭވުމުގެ ބަހުސް މުހިންމުވަނީ، ދަރިން ހޯދަނީ ބޭނުން ވެގެންކަން ޔަގީން ކުރާށެވެ. އަދި ކުދިން ނުލިބިގެން އުޅޭ ހާލަތެއްގައި އެހީ ހޯދުމެވެ. އެހެން ވީމާ، ދެ ބައިވެރިންވެސް ނިންމާގޮތެއްގެ މަތިން އާއިލާ ރޭވުމުގައި ދޭތެރެ ދުރުކުރުން ވަރަށް މުހިންމެވެ.

"ދިވެހީންގެ ސިއްހަތު" މިއީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)އާއި ގުޅިގެން، ދިވެހިންގެ ތެރޭގައި އާންމު ބައެއް ސިއްހީ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުމަށް ގެންނަ ސިއްހީ ސީރީޒެކެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ އަންހެނުންގެ ހާއްސަ ޑޮކްޓަރު ޑރ. އާއިޝަތު ޝިބާނާ އަހުމަދެވެ.

1. ކޮންޓްރަސެޕްޝަން އަކީ ކޮބާ؟

ކޮންޓްރަސެޕްޝަން ނުވަތަ އާއިލާ ރޭވުމަށް ބޭނުންކުރާ ވަސީލަތްތަކަކީ ކުއްޖަކު ހޯދުމުގެ ކުރީން ނުވަތަ ކުއްޖަކު ހޯދުމަށްފަހު، އިތުރު ކުއްޖަކު ހޯދުމަށް ތައްޔާރުވެވެންދެން ބަނޑުބޮޑުވުމުން ރައްކާތެރިވުމަށް ބޭނުން ކުރާ ވަސީލަތްތައް.

2. ކޮންޓްރަސެޕްޝަންގެ ވާހަކަ ދެއްކުން މުހިންމުވަނީ ކީއްވެ؟

ކޮންޓްރަސެޕްޓިވްސް (އާއިލާ ރޭވުމުގެ ވާސީލަތްތައް)އާ ބެހޭގޮތުން ވާހަކަދައްކަން މުހިންމުވާ ސަބަބަކީ ކޮންމެ ކުއްޖަކީ ވެސް ބޭނުން ވެގެން ނުވަތަ އެކަމަށް ދެބައިވެރިން ތައްޔާރުވެގެން ހޯދާ ކުއްޖަކަށް ހެދުމަށްޓަކައި. ކުއްޖަކު ހޯދަން ބޭނުންވާނަމަ ވަރަށް މުހިންމުކަމެއް ތިމާގެ ހަށިގަނޑު ރެޑީވުން އަދި އާއިލާއެއްގެ ހަރަދުތައް ބެލެހެއްޓުމަށް ރެޑީވުން. އެހެންކަމުން އާއިލާ ރާވާއި، ދަރިން ހޯދުމުގައި މިކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް. މީގެ އިތުރުން ވަސީލަތެއް ހިޔާރުކުރުމުގެ ކުރިން ވަސީލަތްތަކާބެހޭ ފުރިހަމަ މައުލޫމާތު ހޯދައި، އެމީހަކަށް އެންމެ އެކަށީގެންވާ އަދި ހިތްހަމަޖެހޭ ވަސީލަތެއް ހިޔާރުކުރުން މުހިންމު.

3. ކޮންޓްރަސެޕްޝަން ބޭނުންކުރުމަކީ ވަކި ޖިންސަކަށް ހާއްސަ ކަމެއްތަ؟

ނޫން. ކޮންމެ ޖިންސަކަށްވެސް ބޭނުން ކުރެވިދާނެ. ކުއްޖެއް ހޯދުމަކީ ދެބައިވެރިން ގުޅިގެން ނިންމާ ނިންމުމެއް. އެހެންކަމުން ދެޖިންސަށް ހާއްސަ ތަފާތު ވަސީލަތްތައް ލިބެން އެބަހުރި.

4. ރާއްޖޭގައި ލިބެންހުރި ވަސީލަތްތަކަކީ ކޮބާ؟

ކޮންޓްރަސެޕްޓިވްސް ތެރޭގައި އެބަ ހިމެނޭ ހޯމޯންސް އެކުލޭވޭ ބާވަތްތަކާއި ހޯމޯންސް އެކުނުލެވޭ ބާވަތްތައް. ރާއްޖޭގައި ލިބެން ހުންނަ ވަސީލަތްތަކަކީ ހުރަސް، ގުޅަބޭސް، އިންޖެކްޝަން، އަތަށް ލައްވާ އެތިކޮޅު އަދި ރަހިމަށްލައްވާ އެތިކޮޅު. ވަކި މީހަކަށް ވަކި ވަސީލަތެއް ރަނގަޅެކޭ އެހެން ބުނެލަން ދަތި. އެކަކަށް ވަރަށް ރަނގަޅު ވަސީލަތެއް އަނެކަކަށް ރަނގަޅު ނުވެދާނެ. މިސާލަކަށް ހިތުގެ މައްސަލަ ހުންނަ މީހުންނަށް ބޭނުން ނުކުރެވޭ ބައެއް ކޮންޓެރެސެޕްޓިވްސް އެބަހުރި. އެހެންކަމުން ކޮންމެ މީހަކަށްވެސް އެވަސީލަތެއް ގުޅޭނަމަ ބޭނުންކުރުމުގައި މައްސަލައެއް ނެތް.

5. އެންމެ ރައްކާތެރި ގޮތުގައި ދޭތެރެ ދުރުކުރެވޭނެ ގޮތްތަކަކީ ކޮބާ؟

ހުރިހާ ވަސީލަތްތަކަކީވެސް ރައްކާތެރި ވަސީލަތްތަކެއް. ރާއްކާތެރިކަން އިތުރުވަނީ އެބޭނުން ކުރާ ވަސީލަތެއް ބޭނުންކުރާ މުއްދަތުގައި ގަވައިދުން ބޭނުންކުރުމުން، އަދި ވަސީލަތެއް ބޭނުންކުރަމުން ދަނިކޮށް އުނދަގުލެއް ދިމާވިނަމަވެސް ބޭނުންކުރާ ވަސީލަތެއް މެދުކަނޑާނުލައި، އާއިލާ ރޭވުމުގެ ހިދުމަތް ހޯދި ކްލިނިކުން ސިއްހީ އެހީތެރިއެއް، ނުވަތަ ޑަކްޓަރެއްގެ މަޝްވަރާ ހޯދުމަށްފަހު ކުރިޔަށް ގެންދިއުމުން.

6. ބައެއް މީހުން ބުނޭ ކޮންޓްރަސެޕްޓިވްސް ބޭނުންކުރުމަކީ ފަހުން ދަރިން ހޯދުމުގައި މައްސަލަ ޖެހުމަށް މަގުފަހި ކުރުވާ ކަމެކޭ. އެއީ ތެދެއްތަ؟

އެއީ ކޮންމެސް ވަރެއްގެ މިތު(myth)އެއް ވެސް އޮންނަ ކަމެއް(ހަގީގަތެއް ނޫން). އިންޖެކްޝަން ފަދަ ކޮންޓްރަސެޕްޓިވްސް ބައެއް މީހުން ބޭނުންކުރުން ހުއްޓާލާފައި ބަނޑުބޮޑުވުމަށް ހަ މަސް ނުވަތަ އަހަރެއްހާ ދުވަސް ނަގާފާނެ، އެއީ މައްސަލައެއް ނޫން. އެކަމަކު ބައެއް މީހުންނަށް ވާ ގޮތަކީ ކޮންޓްރަސެޕްޓިވްސް ބޭނުންކުރަން ފަށާއިރު ނޭނގޭ އޭނާގެ ކިބައިގައި ދަރިމައިވުމުގެ މައްސަލަތަކެއް ކުރިން ހުންނަ ކަމެއް. އެހެންވީމާ ކޮންޓްރަސެޕްޓިވްސް ބޭނުންކުރަން ފެށުމުގެ ކުރިން ޑޮކްޓަރަކަށް ދައްކާ ބެލިދާނެ އެއްވެސް ސިއްހީ މައްސަލައެއް ހުރިތޯ.

7. ކޮންޓްރަސެޕްޝަން ބޭނުންކުރުމުގައި ވަކި އުމުރެއް އޮވޭތަ؟

މީގަ މުހިންމުކަމަކީ ކޮންޓްރަސެޕްޝަން ބޭނުން ކުރަން ފެށުމުގެ ކުރިން ޑަކްޓަރެއްގެ ނުވަތަ ސިއްހީ އެހީތެރިއެއްގެ ލަފާހޯދުން. އުމުރުން 35 އަހަރުވުމަށްފަހު ލޭ މައްޗަށްދިއުމާއި ހަކުރު މައްޗަށް ދިއުމުގެ ޗާންސް އެބަ އިތުރުވޭ، އެކަމަކު ބޭނުންކުރުމަކީ އްސަލައެމައް ނޫން، އެންމެ ރަނގަޅީ ދުޅަހެޔޮކޮށް ހުރެ ބޭނުންކުރުން.

8. ކޮންޓްރަސެޕްޓިވްސް ބޭނުންކުރުމުގައި ދެމަފިރިންގެ މެދުގައި ޚިޔާލު ތަފާތުވާނަމަ ހައްލަކީ ކޮބާ؟

ވާހަކަ ދައްކައިގެން ހައްލެއް ހޯދުން މުހިންމު. ހައްލެއް ހޯދަން ދަތިނަމަ، މިކަމަށްޓަކައި ހާއްސަ ކުލިނިކަކަށް ނުވަތަ ޑޮކްޓަރަކާ މަޝްވަރާ ކުރިވެދާނެ.

9. ކޮންޓްރަސެޕްޓިވްސް ބޭނުންކޮށްފައި، ދަރިން ހޯދަން ބޭނުންވެއްޖެނަމަ ދެން ކަންތައްކުރަން ޖެހޭނެ ގޮތަކީ ކޮބާ؟

އެންމެ ރަނގަޅީ ތިން މަސް ނުވަތަ ހަ މަސް ކުރިން ކޮންޓްރަސެޕްޓިވްސް ހުއްޓާލާފައި ފޮލިކް އެސިޑް ބޭނުންކުރަން ފެށުން. އެކަމަކު އާންމުކޮށް ރާއްޖޭގައި ވާގޮތަކީ ފޮލިކް އެސިޑް ބޭނުންކުރަން ފަށަނީ ބަނޑުބޮޑުވުމަށް ފަހު. ދުރާލާ ފޮލިކް އެސިޑް ބޭނުންކުރާނަމަ އެނީމިއާ ފަދަ މައްސަލައެއް ހުންނަނަމަ އެކަމެއްވެސް ކޮންޓްރޯލުކުރެވި ދަރިއެއް ހޯދުމުގެ ފުރުސަތުވެސް ބޮޑުވެގެންދާނެ. އޭގެ ނަތީޖާއަކީ އައިބުތަކުން ދަރިފުޅު ދުރުވެ ބައިގެން ދިއުމުގެ ފުރުސަތު ކުޑަވުން.

10. ޕީސީއޯއެސް ނުވަތަ އެހެނިހެން ހޯމޯނަލް މައްސަލަ ހުންނަ ފަރާތްތައް ކޮންޓްރަސެޕްޓިވްސް ބޭނުންކުރުމުގައި ވަކި ސަމާލުކަމެއް ދޭންޖެހޭތަ؟

ޕީސީއޯއެސް ހުންނަ މީހަކަށްވެސް އޭނާއަށް އެންމެ އެކަށީގެންވަނީ ކޮން ވަސީލަތެއްތޯ ބަލާފައި އެ ވަސީލަތެއް ބޭނުންކުރެވިދާނެ.

11. ބޭނުންކުރާނެ ކޮންޓްރަސެޕްޓިވެއް ޚިޔާރު ކުރާނީ ކިހިނެއް/ކޮން ކަމަކަށް ވިސްނާފައި؟

ފުރަތަމަ ކަމަކަށް ވަސީލަތާބެހޭ ފުރިހަމަ މައުލޫމާތު ހޯދުން އަދި ދޭތެރެ ދުރުކުރަން ބޭނުންވަނީ ދިގު މުއްދަތަކަށްތޯ، ނުވަތަ ކުރު މުއްދަތަކަށްތޯ ވިސްނާލަންވާނެ. ވަސީލަތެއް ހިޔާރުކުރާއިރު ސިއްހީ އެހީތެރިއެއް ނުވަތަ ޑޮކްޓަރުގެ އިރުޝާދުގެ މަތިން އެމީހަކު އެންމެ ހިތްހަމަޖެހޭ އަދި އެމީހަކަށް އެންމެ އެކަށީގެންވާ ވަސީލަތް ހިޔާރުކުރާނީ. އެއްވެސް ސަބަބަކާ ހުރެ ބޭނުންކުރަމުން އަންނަ ވަސީލަތް ރަނގަޅު ނުވެއްޖެނަމަ އެހެން ވަސީލަތެއް ހިޔާރުކުރަން ޖެހިދާނެކަމަށް ތައްޔާރުވާންވާނެ. ދެން ސިއްހީ ގޮތުން ދުޅަހެކޮށް ތިބުން މުހިއްމު، މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ކޮންޓްރަސެޕްޓިވްސްގެ އަސަރު ކުޑަވުމަށް ފުރުސަތު އޮވޭ.

comment ކޮމެންޓް