ކުލަބު ފުޓުބޯޅަތަކަށް ލިބޭ ޗުއްޓީއާ އެކު ބޮޑެތި ގައުމުތަކުގެ މެދުގައި އަބަދު ވެސް ރަހުމަތްތެރިކަމުގެ އިންޓަނޭޝަނަލް މެޗުތައް ކުޅެ އެވެ. އެގޮތުން ޖަރުމަނާއި އާޖެންޓީނާ ރޭ ކުޅުނު ފޯރިގަދަ މެޗެ ނިމުނީ އެއްވަރު ވެގެންނެވެ.
ޖަރުމަނުގެ ސިގްނަލް އިޑުނާ ޕާކުގައި ރޭ ކުޅުނު އެ މެޗުން ދެ ޓީމު އެއްވަރުވެފައި ވަނީ 2-2ގެ ނަތީޖާ އަކުންނެވެ. ފީފާ ރޭންކިންގް 16 ވަނައިގައި އޮތް ޖަރުމަނު އަތުން އާޖެންޓީނާ ރޭ ކުޅުނު މެޗުގައި ޕޮއިންޓެއް ހޯދީ ފަހަތުން އަރައި ޖެހި ދެ ގޯލުންނެވެ.
ރޭންކިންގްގެ އެންމެ ކުރީ ސަފުގައި މީގެ ފަސް ވަރަކަށް އަހަރު ކުރިން އޮތް ޖަރުމަނާއި އާޖެންޓީނާ ވޭތުވެ ދިޔަ ތިން އަހަރެއްގެ ތެރޭގައި ވަނީ ކުޅުން ދަށްވެ ގިނަ މެޗުތަކަކުން ބަލިވެފަ އެވެ. މި ދެ ޓީމަކީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގެ ފައިނަލުގައި ވެސް ކުޅުނު ދެ ޓީމެވެ. ނަމަވެސް އެ މުބާރާތަށް ފަހު ދެ ޓީމަށް ވެސް ވަނީ ކުޅުމަށް ބޮޑު ބަދަލުތަކެއް އަައިސް ވަރުގަދަ ގައުމުތައް ގާތުން ރަނގަޅު ނަތީޖާތަކެއް ނެރެވޭ ގޮތް ނުވެފަ އެވެ.
ރޭގެ މެޗަށް އާޖެންޓީނާއިން ނުކުތީ ޒުވާން ސްކޮޑަކާ އެކު އެވެ. އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އަދި ފޯވާޑް ސާޖިއޯ އަގުއޭރޯ ވެސް ޓީމުގައި ނުހިމަނާ އެ ޓީމުން އެ މެޗުގައި ވަނީ އުންމީދީ ކުޅުމެއް ކުޅެފަ އެވެ. ވޭތުވެ ދިޔަ އަހަރުގެ ވޯލްޑް ކަޕުން ލިބުނު ބޮޑު ނާކާމީޔާބީއާ އެކު ޖަރުމަނު ޓީމުން ވެސް ވަނީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ޓީމުން ބޭރުކޮށްފަ އެވެ. އެހެން ކަމުން ޖަރުމަނުގައި މިވަގުތު އޮތީ ޖުމްލަކޮށް ޒުވާން ސްކޮޑެކެވެ.
މެޗު ފެށިގެން ދެ ޓީމުން ވެސް ދިޔައީ ވަރުގަދަ ކުޅުމެއް ކުޅެމުންނެވެ. ދެ ޓީމުން ވެސް ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔައިރު ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ޖަރުމަނުންނެވެ. އެ ޓީމުގެ ފޯވާޑް ސާޖް ނެބްރީގެ އެ ގޯލު ޖެހީ އާޖެންޓީނާގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އުފެއްދި ކައުންޓާ އެޓޭކަކުންނެވެ. ނެބްރީ އަންނަނީ މިފަހުން ގިނަ ގޯލުތަކެއް ކުލަބުގައި ވެސް ޖަހަމުންނެވެ. އެގޮތުން އޭނާ ވަނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ގޯލު ޖަހައިފަ އެވެ.
ނެބްރީގެ ގޯލާ އެކު އާޖެންޓީނާއަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް ކައީ ހަވާރޓްޒް ވަނީ އިތުރު ގޯލެއް ޖަހައި ޖަރުމަނުގެ ލީޑު ފުޅާކޮށްފަ އެވެ. ހަވާޓްޒް ރޭގެ މެޗުގައި ޖެހި އެ ގޯލަކީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.
ޖަރުމަނުގެ ދެ ގޯލާ އެކު ވެސް އެ ޓީމަށް ހަމަޖެހިލައިގެން ކުޅުމުގެ ފުރުސަތެއް އާޖެންޓީނާއިން ނުދިނެވެ. ބަދަލުގައި އާޖެންޓީނާއިން ވަނީ ޓީމު ކުރިއަށް ޖައްސައި ޖަރުމަނުގެ ޑިފެންސަށް ބާރު ބޮޑުކޮށްފަ އެވެ. އާޖެންޓީނާއިން ޖެހި ފުރަތަމަ ގޯލު ޖެހީ ދެވަނަ ހާފުގެ 66 ވަނަ މިނަޓުގަ އެވެ. ލޫކަސް އަލާރިއޯ ޖެހި އެ ގޯލާ އެކު ޓީމަށް އިތުރު ހިތްވަރެއް ލިބި އާޖެންޓީނާއިން ކުޅެމުން ދިޔައީ އުންމީދާ އެކު އެވެ. ނާތީޖާއެއްގެ ގޮތުން މެޗު ނިމުމުގެ ކުރިން އެ ޓީމުން ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ލޫކަސް އޮކަމްޕަސް އެވެ.