އައިޓީއެފްސީގެ އެހީގައި މިފްކޯ ތަރައްގީކުރާނެ: ފިނޭންސް މިނިސްޓަރު

އައިޓީއެފްސީ އިން ރާއްޖެއަށްދޭ 1.5 ބިލިއަން ރުފިޔާގެ އެހީގެ ފްރޭމްވޯކް އެގްރިމެންޓުގައި ސޮއިކުރުމަށް މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ފިނޭންސް

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ރާއްޖެއަށް ދޭ 1.5 ބިލިއަން ޑޮލަރުގެ ތެރެއިން ބައެއް ބޭނުން ކުރާނީ، ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ތަރައްގީކޮށް ކެޕޭސިޓީ އިތުރު ކުރުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އައިޓީއެފްސީ އިން ރާއްޖެއަށްދޭ 1.5 ބިލިއަން ޑޮލަރުގެ އެހީގެ ފްރޭމްވޯކް އެގްރިމެންޓުގައި ސޮއިކުރުމަށް މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އެ ފައިސާއިން މިފްކޯ ތަރައްގީކޮށް ކެޕޭސިޓީ އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މިހާރުވެސް ސްޓޯރޭޖު ކެޕޭސިޓީ، ދަޅު ބަންދު ކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މިފްކޯ ގެ ފަރާތުން މިނިސްޓްރީ އިން މިހާރުވެސް ވާނީ އައިޓީއެފްސީ އާއި ވާހަކަ ދައްކާފައި. މި ފައިނޭންސިން ފެސިލިޓީގެ ފަރާތުން މި ޕްރޮޖެކްޓުވެސް ކުރިއަށްދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ކުރިއެރުވުމަށްވެސް މި ފައިސާ ބޭނުންކުރާނެ ކަމަށެވެ. އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ އިތުރަށް އިތުރު އެސްއެމްއީ ބޭންކެއް އުފައްދަން ސަރުކާރުން ބޭނުންވާކަން ވެސް މިނިސްޓަރު މިއަދު ހާމަކުރެއްވި އެވެ.

އައިޓީއެފްސީ އިން މިއަދު ދޭން އެއްބަސްވި ފައިސާގެ ތެރެއިން އަލަށް އުފައްދާ އެސްއެމްއީ ބޭންކު އަދި އެސްޑީއެފްސީއަށް ބޭނުންވާ ފައިސާ ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައިޓީއެފްސީ އިން ދިން 1.5 ބިލިއަން ޑޮލަރަކީ ފަސް އަހަރުގެ މުއްދަތަކަށް ބަހާލައިގެން ދޭ ފައިނޭންސިން ފެސިލިޓީއެކެވެ. ސަރުކާރުން ނިންމާފައިވަނީ މި ފައިސާ ފަސް އަހަރަށް ބަހާލާ، އަހަރަކު 300 މިލިއަން ޑޮލަރު އެކި މަޝްރޫއުތަކަށް ބޭނުން ކުރުމަށެވެ.

"ކޮންމެ ޕްރޮޖެކްޓެއް ކުރިއަށްގެންދިޔުމަށް ވަކި އެގްރިމެންޓެއްގައި ސޮއިކުރެވޭނެ. ކޮންމެ ޕްރޮޖެކްޓެއްގެ ޓާމްސް ތަފާތުވާނެ. މި ފެސިލިޓީ ބޭނުންކުރާނީ ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކަށް ޝޯޓާޓާމް ފައިނޭންސް ކުރުމަށް،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

މި ފައިސާ ބޭނުންކުރާނީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީ ދިނުމަށާއި އެސެންޝިއަލް ކޮމޮޑިޓީސްގެ އިމްޕޯޓު އަދި އެކްސްޕޯޓަށް ސަޕޯޓު ދިނުމަށް ފައިނޭންސް ކުރުމަށެވެ. މީގެ އިތުރުން ފައިނޭންޝަލް އިދާރާތަކަށް ފައިނޭންސް ފޯރުކޮށް ދިނުމަށްވެސް މި ފައިސާ ބޭނުން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ އިތުރުން ސަރުކާރުން ބޭނުންވާ ޕްރޮޖެކްޓްތަކަށް ޓެކްނިކަލް އަދި ފައިނޭންޝަލް އެހީ ދިނުމަށް މި ފައިސާ ބޭނުން ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އައިޓީއެފްސީގެ ސީއީއޯ އިންޖިނިއާ ހާނީ ސަލީމް ސޮންބޮލް ވިދާޅުވީ އައިޓީއެފްސީ އިން ރާއްޖެއަށް 810 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް އެހީ ފޯރުކޮށްދީފައިވާނެ ކަމަށެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް އަދި އެހެނިހެން ދާއިރާތަކަށް ވެސް އެ ކޯޕަރޭޝަނުން އެހީ ފޯރުކޮށްދޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

comment ކޮމެންޓް