ޔުނައިޓެޑުން ޖަރުމަނުގެ 32 އަހަރުގެ ކޯޗަކަށް ފާރަލަނީ: ރިޕޯޓް

ޖަރުމަނުގެ އާރްބީ ލެޕްޒިގްގެ ޒުވާން ކޯޗު ޖޫލިއަން ނެގްލަސްމަން

ފަހަކަށް އައިސް ޓީމު ދައްކަމުން އަންނަ ދަށް ކުޅުމުގެ ސަބަބުން ޕްރެޝަރާ ކުރިމަތިލާން ޖެހިފައިވާ މެންޗެސްޓާ ޔުނައިޓެޑުގެ މެނޭޖަރު އޮލެ ގުނަ ސޮލްޝަޔާގެ ބަދަލެއްގެ ގޮތުގައި ޖަރުމަނުގެ އާރްބީ ލެޕްޒިގްއަށް ކޯޗުކަން ކޮށްދެމުން އަންނަ ޖޫލިއަން ނެގްލަސްމަންއަށް ޔުނައިޓެޑް ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

އުމުރުން އެންމެ 32 އަހަރުގެ ނެގްލަސްމަން އަންނަނީ ޒުވާން ޓީމެއް ގޮވައިގެން ޖަރުމަނުގެ ބުންޑެސްލީގާގައި އުންމީދީ ކުޅުމެއް ދައްކަމުންނެވެ. މިވަގުތު ތާވަލުގެ ދެވަނައިގައި އޮތް ލެޕްޒިގް އެ މަގާމުގައި އޮތީ އެއްވަނަައިގައި އޮތް ބުރޮޝިއާ މޮންޗެންގަބަޗް އެއް ވުރެން އެންމެ ދެ ޕޮއިންޓް ފަހަތުގަ އެވެ. އެ ޓީމުން މި ސީޒަނުގައި ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އެ ޓީމުގެ ޒުވާން ކޯޗަށް އަންނަނީ ގިނަ ބަޔަކު ތައުރީފް ކުރަމުންނެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލްއިން ޝާއިޢު ކުރި ލިއުމެއްގައި ވާ ގޮތުން ޔުނައިޓެޑުން މިވަގުތު އަންނަނީ ނެގްލަސްމަންއަށް ފާރަލުމުގެ ގޮތުން އޭނައާ ބެހޭ މައުލޫމާތުތައް އެއްކުރަމުންނެވެ. ޔުނައިޓެޑަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ އިރު އެ ޓީމުގެ ލެޖެންޑަރީ ކޯޗު އެލެކްސް ފާގަސަން ރިޓަޔާ ކުރި ފަހުން މިހާތަނަށް ފަސް ކޯޗެއް ވަނީ ޓީމާ ހަވާލުވެފަ އެވެ. އެހެން ނަމަވެސް އެއްވެސް ކޯޗަކަށް ޓީމުގެ ސަޕޯޓަރުން ހިތްހަމަޖެހޭ ވަރު ކޮށްދެވުން ކަމަކަށް ނުވި އެވެ.

މިވަގުތު އެ ޓީމުގެ ކޯޗަކަށް ހުރި ސޮލްޝަޔާ ޓީމާ ހަވާލުވި އިރު އެ ކުލަބުގެ ގިނަ ބަޔަކު ތިބީ ބޮޑު އުންމީދެއްގަ އެވެ. ނަމަވެސް މިފަހަރުގެ ސީޒަނުގައި ޔުނައިޓެޑުން މިހާތަނަށް މޮޅުވީ އެންމެ ދެ މެޗުންނެވެ. މިއީ ވޭތުވެ ދިޔަ 30 އަހަރުވެސް ޔުނައިޓެޑް މިހާ ދަށު ދަރަޖައަކަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. ކަން މިހެން އޮތުމާ އެކު ކޯޗަށް އޮތް ޕްރެޝަރު އަންނަނީ ދުވަހެއް ދުވަހަކަށް ބޮޑު ވަމުންނެވެ.

ޑެއިލީ މެއިލްއިން ބުނާ ގޮތުގައި ޔުނައިޓެޑުން މިހާރު ވަނީ އެ ޓީމަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި އެ މަގާމަށް އެ ކުލަބުން ދެން ގެންނަން ބޭނުން ވަނީ ޖަރުމަނުގެ ޒުވާން ކޯޗު ނަގްލެސްމަން އެވެ. އޭނާ ވަނީ ވޭތުވެ ދިޔަ ދެ ސީޒަނުގައި އެ ގައުމުގެ ހޮފެންހަމާ އެކު ވެސް ކާމިޔާބު ދެ ސީޒަން ހޭދަކޮށްފަ އެވެ.

comment ކޮމެންޓް