އެމްޑީއެންގެ ބޭފުޅުން ސަރުކާރުން ވަކިކުރުމަށް ގޮވާލި ގަރާރު ބޭރުކޮށްލައިފި

މަޖިލިސް ޖަލްސާގެ ތެރެއިން ކުއްލި މައްސަލަ ހުށަހެޅުއްވި ޝީޔާމް ވާހަކަ ދައްކަވަނީ --- ފައިލް ފޮޓޯ/ މަޖިލިސް އިދާރާ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނާ ރިޕޯޓެއް އާންމުކުރުމާ ގުޅީގެން އެ ޖަމިއްޔާގެ މެމްބަރުކަމުގެ މަގާމު ފުރުއްވާފައިވާ މީހުން ސަރުކާރުން ވަކިކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅީ، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝީޔާމް އެވެ.

އޭނާ ހުށަހެޅި ކުއްލި މައްސަަލައިގައި ބުނީ، އެމްޑީއެން އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނާފައިވާކަން ސަރުކާރުން ގަބޫލުކޮށްފައިވީރު، އެ ޖަމިއްޔާ ހިންގުމައިގައި ހަރަކާތްތެރިވި މީހުން ސަރުކާރު ވަޒީފާތަކުން ވަކިކުރަން ޖެހޭ ކަމަށެވެ. އަދި އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ.

"އެމީހުން ސަރުކާރުގައި ތިބެގެން އިސްލާމްދީނަށް ފުރައްސާރަ ކުރާނެ ކަމަށް ގަބޫލުކުރެވޭތީއާއި ހާއްސަގޮތެއްގައި ސަރުކާރުގެ ތަންފީޒީ އިދާރާތަކަށް އެ ޖަމިއްޔާގައި މަސައްކަތްކޮށްފައިވާ މީހުން އައްޔަންކޮށްފައިވާތީވެ، އެ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރާނެ ކަމަށް ތުހުމަތު ކުރެވޭތީ،" ކުއްލި މައްސަލަ ހުށަހެޅުވި ސަބަބު ބަޔާންކޮށް ޝީޔާމް ވިދާޅުވި އެވެ.

ޝީޔާމްގެ ކުއްލި މައްސަަލައަށް ބަލައިގަންނަ ތާއީދު ކުރެއްވީ 11 މެމްބަރުންނެވެ. މައްސަލަ ބޭރުކުރުމަށް ވޯޓު ދެއްވީ، 35 މެމްބަރުންނެވެ.

އެމްޑީއެންގެ މެމްބަރުކަން ކުރެއްވި ފަރާތްތަށް ސަރުކާރުގެ މަގާމުތަކުން ވަކިކުރުމަށް ގޮވާލާ ގަރާރު މަޖިލީހުން ބޭރު ކުރި އިރު، އެމްޑީއެންއަށް އައި ފާޑުކިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެންޓި-ޓެރަރިޒަމް ކޮންސަލްޓަންޓުގެ މަގާމުގައި ހުންނެވި، ނޫޝީން ވަހީދު ވަނީ އެމްޑީއެންގެ ޗެއާޕާސަންގެ މަގާމުން މިހާރު އިސްތިއުފާ ދެއްވާފަ އެވެ.

މީގެ އިތުރުން މިހާރު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަކީ ވެސް އެމްޑީއެން ކުރީގެ ބޯޑު މެމްބަރެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ އޭނާގެ އިސްތިއުފާއަށް ވެސް ގޮވާލަމުން އެވެ. އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ފުލުހުންގެ ވަޒީފާ އަދާކުރަމުން ސީޕީ ހަމީދު އެއްވެސް އިތުރު މަގާމެއް ނުފުރުއްވާ ކަމަށެވެ.

ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރުމުން ގިނަ ބަޔަކު އެ ޖަމްއިއްޔާއާ ދެކޮޅަށް އަޑު އުފުލައި، ޖަމްއިއްޔާ އުވާލުމަށްވެސް ދަނީ ގޮވާލަމުނެވެ. އެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މިދިޔަ ހޮނިހިރު ފުލުހުން ވަނީ ބުނެފަ އެވެ. އަދި މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ދެއްވާފަ އެވެ.

އެކާމާ ގުޅިގެން މިިދިޔަ ހޯމަ ދުވަހު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމާ އެކު މަޖިލީހުގައި ހޫނު ސިޔާސީ ބަހުސެއްވެސް ވަނީ ހިނގާފަ އެވެ.

comment ކޮމެންޓް