މަލިކު ކައިރިން ހިފެހެއްޓި ބޯޓު ދޫކޮށްލުމުން އިންޑިއާއަށް ޝުކުރުއަދާކޮށްފި

"އަންބަރީ" ދޯނި މަލިކު ފަޅަށް ވައްދާފައި --- ފޮޓޯ: މުހައްމަދު ނާޖިހު (ޓްވިޓާ)

މަލިކު ކައިރިން ހިފެހެއްޓި ރާއްޖޭގެ މަސް ދޯނި ދޫކޮށްލުމުން ރާއްޖެއިން އިންޑިއާއަށް ޝުކުރުއަދާކޮށްފިއެވެ.

ށ. ކޮމަންޑުއަށް ނިސްބަތްވާ އަންބަރީ ދޯނި މަލިކު ކައިރިން ހިފެހެއްޓީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އެވެ. ދޯނި ހިފެހެއްޓި އިރު އެ ދޯނި ދަތުރު ކުރަމުން ދިޔައީ 10 ވަރަކަށް ފަޅުވެރިންނާ އެކު އެވެ.

އެނގިފައިވާ ގޮތުގައި އެ ދޯނި އިންޑިއާ ކޯސްޓްގާޑުން ހިފަހައްޓާފައި ވަނީ މަލިކުގެ ތިން މޭލު ބޭރުންނެވެ.

ނަމަވެސް މިހާރު އެ މަސްބޯޓު، ދޫކޮށްލަން އިންޑިއާ ސަރުކާރުން ނިންމައި އެކަން ދިވެހި ސަރުކާރަށް ވަނީ އަންގައިފައެވެ.

އެ ހާދިސާއާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ ހުއްދަ ނެތި އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަނުމަކީ އދ. ގެ ކޮންވެންޝަން އޮފް ލޯ އޮފް ދަ ސީ އާއި (އަންކްލޮސް) އާއި އަދި އިންޑިއާ ކަނޑުގެ ކަނޑުގެ މަހުގެ މަސްވެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ ގަވާއިދުތަކާ ޚިލާފު އަމަލެއް ކަމަށެވެ.

އެފަދަ ގޮތަކަށް ހަރަކާތްތެރިވަމުންދަނިކޮށް ހިފެހެއްޓޭ އުޅަނދުފަހަރުތަކުގެ ތަހުގީގު މަރުހަލާއަކީ ދިގު މަރުހަލާއެއްކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން އެފަދަ އުޅަނދުތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރާ ކަމަށާއި ނަމަވެސް އެ އުޅަނދު އަނބުރާ ރާއްޖެއަށް ފޮނުވާލުމަށް ނިންމި ނިންމުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުންނާއި، ދެ ގައުމުގެ އެމްބަސީ ގެ ފަރާތުންނާއި، ސަފީރު ސަންޖޭ ސުދީރު ކޮށްދެއްވާފައިވާ މަސައްކަތްތަކަށް މިނިސްޓްރީން ވަނީ ޝުކުރުއަދާކޮށްފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާމެދު މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު ކިލަނބުވެ، އަދި އޭގެ އިތުރުން އުޅަނދުގެ ވެރިފަރާތަށް ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އެހެންކަމުން، ދިވެހި މަސްވެރި އުޅަނދުފަހަރު ގާނޫނާއި، ގަވާއިދާ ޚިލާފު މިފަދަ އަމަލުތައް ނުހިންގުމަށް އަދި މިފަދަ ކަންކަމާއިމެދު އިތުރަށް ސަމާލުވުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް