ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު އާއި އެކޮމިޝަނުގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކި ކުރުމުގެ މައްސަލަ މާދަމާ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ.
ބްރޯޑްކޮމްގެ ރައީސް ޝަހީބާއި ނައިބު ރައީސް ޒައިނާ ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ ޖުލައި 24 ވަނަ ދުވަހު އެވެ. އޭގެ ދެމަހެއްހާ ދުވަސް ފަހުން މަޖިލީހުގެ ގަވައިދު ބަދަލުވުމުން އަލުން އެމައްސަލަ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެއީ ގަވައިދާ އެއްގޮތަށް އަލުން ފޮނުވުމަށެވެ.
މައްސަލަ އަލުން ކޮމިޓީއިން ތަޅުމަށް ފޮނުވީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅު އެވެ. އެ މައްސަލަ މިހާރު ވަނީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފަ އެވެ. ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ވަކިކުރަން ފާސް ކުރެވޭނެ އެވެ.
ޖޫން 19 ވަނަ ދުވަހު އޮތް ބައްދަލުވުމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރުން ވަޑައިގެން ވަނީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ. ބްރޯޑްކޮމް މެމްބަރުން ވިދާޅުވި ގޮތުގައި އެ މެމްބަރުންނަށް ނުފޫޒު ފޯރުވުމަށް ކުރީގެ ސަރުކާރަށް ނިސްބަތްވާ އޭރުގެ މަޖިލިސް މެމްބަރުން މަސައްކަތްކުރެއްވި އެވެ.
އަދި ކޮމިޝަނުގެ އޭރުގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން، އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ އެދިވަޑައިގަތުމުގެ މަތިން ރާއްޖެޓީވީ ބަންދުކުރުމަށް މަސައްކަތްކުރެއްވިކަމަށް ކޮމިޝަނުގެ ރައީސް ޝަހީބު، ކޮމިޓީގައި ވިދާޅުވި އެވެ.
އެ ބައްދަލުވުމަށް ފަހު ހުށަހެޅީ ސޮފްވާނާއި، ކޮމިޝަނުގެ މެމްބަރު ޒައިނާ ވަކިކުރުމަށެވެ. ނަމަވެސް ސޮފްވާން ފަހުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ. އަދި ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނެވި ހަސަން ނަބާހުވެސް ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ.
މިނިވަން މުއައްސަސާ ކޮމިޓީގެ ސަބް ކޮމިޓީއެއް އެކުލަވާލައި، ކޮމިޝަނުގެ ވަކިވަކި މެމްބަރުން ހާޒިރުކޮށް ސުވާލުކުރުމަށްފަހު ފަހުން ނިންމީ ކޮޮމިޝަނުގެ ރައީސް ޝަހީބާއި މިހާރުގެ ނައިބު ރައީސާ ޒައިނާ ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށެވެ.