2012 ފެބްރުއަރާ ހަތްވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރި މައްސަލަ އަލުން ބެލިދާނެތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާ ހޯދުމަށް އެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރި މައްސަލަ ބެލުމަށް އެދި އަމިއްލަ ފަރާތަކުން ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއްފޮނުވާފައެވެ. އެ ސިޓީގެ މައްސަލައިގައި މިއަދު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މަޝްވަރާކޮށްފައިވާ އިރު، އެ ކޮމިޓީގެ މެމްބަރުން ބުނީ، މިއީ ސިޔާސީ ހުރިހާ ލީޑަރުން އެއްބަސްވި ގޮތަކަށް މީގެ ކުރިން ބަލައި ނިންމާފައިވާ މައްސަލައެއް ކަމަށެވެ.
އެ މައްސަލަ ބަލަން އެކުލަވާލި، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓުގައި ނިންމީ އެއީ ބަޣާވާތެއް ކަމުގެ ހެއްކެއް ނެތް ކަމަށެވެ.
އެހެންކަމުން އެ މައްސަލަ އަލުން ރައްޔިތުންގެ މަޖިލީހަށް ބެލިދާނެކަމާ މެދު މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ސުވާލު އުފެއްދެވިއެވެ.
އެހެންކަމުން ކޮމިޓީން ނިންމާފައިވަނީ އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާ ހޯދުމަށެވެ.
މަޖިލީހަށް އާންމު ފަރާތަކުން ފޮނުވާފައިވާ ސިޓީގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ބުނެ ބައެއް ބޭފުޅުންގެ ނަންތަކެއްވެސް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އުމަރު ނަސީރު، ކާނަލް (ރޓޑ) މުހައްމަދު ނާޒިމް، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ ނަން ފާހަގަކޮށްފައި ވެއެވެ.
އެ ސިޓީގައި ބުނެފައި ވަނީ އެދުވަހު ޖުމްހޫރީ މައިދާނަށް އެއްވި އެންމެންނަކީ ބަޣާވާތުގައި ބައިވެރިވި މީހުން ކަމުގައި ނުވެދާނެ ކަމަށާއި ނަމަވެސް އެކަން ރާވައި، އެކަމުގައި އިސްކޮށް އުޅުނު މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
އަދި މިއީ ދިވެހި ޖީލުގެ މުސްތަގުބަލަށްޓަކައި އަދި އަންނަ އޮތް ޖީލުތަކަށް އިބުރަތެއްގެ ގޮތުގައި ވެސް ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ސިޓީގައި ބުނެފައިވެއެވެ.
ސިޓީއާ ގުޅިގެން ވާހަކަދައްކަވަމުން އެ ކޮމިޓީގައި އިންނަވާ، ދަނގެތީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ވަނީ، މިއީ ބެލޭނެ މައްސަލައެއް ކަމުގައިވާނަމަ އެ މައްސަލަ ބެލުމަށް އެދިވަޑައިގެންފައެވެ.
"ހަތެއް ފެބުރުއަރީގެ މައްސަލައަކީ އޭރުގެ ސިޔާސީ ހުރިހާ ފަރާތްތައް އެއްބަސްވުމެއްގެ މަތިން، ކޯނީ ރިޕޯޓެއްގެ ނަމުގައި އެއްބަސްވީ ބޭރުގެ ތަހުގީގު ކުރާ އިދާރާއަކާ ރާއްޖެއިން ތަހުގީގުގަ ބައިވެރިވާން ކަނޑައެޅި ބަޔަކާ ގުޅިގެން މި މައްސަލަ ނިމި، މައްސަލައިގެ ހަގީގަތްތައް ވަނީ ހާމަކުރެވިފަ. ހަމައެއާއެކީގައި މިއީ ގާތްގަނޑަކަށް ހަތް ވަރަކަށް އަހަރުވެފައި އޮތް މައްސަލައެއް. މި މައްސަލައިގައި ޖަޒުބާތުގައި ޖެހިގެން މައްސަލަ ބައްލަވާ ކަމުގައި ވަނީނަމަ، އަޅުގަނޑު ހުށަހަޅަން ހަމަ މި މައްސަލަ ބަލަން. ބަލާފަ ހަގީގީ ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަކީ ހަމަ ކުރަންޖެހޭ ކަމެއް،" ނާޒިމް ވިދާޅުވިއެވެ.
ނަމަވެސް އަބަދުވެސް މާޒީގެ ފަހާ ދުވަން ވީތޯ، ނުވަތަ ދިޔަތަން ދޫކޮށްލާފައި ކުރިއަށް ދާންވީތޯ ވިސްނަންޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ހުށަހެޅުމަށް ތާއީދު ކުރައްވައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވިދާޅުވީ މި މައްސަލަ ގާނޫނީ ގޮތުން ބެލޭނެ އެއްވެސް ގޮތެއް އޮތް ނަމަ، ބަލަން ޖެހޭ ކަމަށެވެ.
"މިބާވަތުގެ މައްސަލަތަކަކީ ބެލެން ޖެހޭނެ ކަންކަން. އެއީ މުސަތަގުބަލަށް މިކަހަލަ ކަންކަން ނުހިނގާނެ ގޮތެއް ވެސް ފަހިކުރަން އެބަ ޖެހޭ. މައްސަލަ ބެލޭނެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް އޮތް ނަމަ މައްސަލަ ބަލައި އެކަން ކުރި ބަޔަކަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދެން އަޅުގަނޑު ތާއީދު،" މެމްބަރު ވިދާޅުވިއެވެ.
މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ވަނީ ހަތެއް ފެބުރުއަރީގެ މައްސަލަ އަލުން ބަލާނަމަ، އަށެއް ފެބުރުއަރީ ވަނަ ދުވަހު ރާއްޖޭގެ ރަށްރަށުގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހައި ހިންގި ހަމަނުޖެހުންތައް ވެސް އަލުން ބަލަން ހުށަހަޅައިފައެވެ.
އެ ހުޅުގައި ދައުލަތުގެ ބިލިއަނެއްހާ ރުފިޔާ އަނދާ އަޅިއަށް ވެގެން ދިޔަ ކަމަށާއި، އެކަމުގައި އުޅުނު މީހުންގެ އަތުން އެ ގެއްލުމުގެ ބަދަލު ހޯދަން ޖެހޭނެ ކަމަށެވެ.
"އަނދައިގެން ދިޔަ ފައިސާއަކީ ދައުވާއެއް ކޮށްގެން ބަދަލު ލިބޭނެ ކަންކަމެއް ނޫން. ހަމައެކަނި އެމްއެމްޕީއާރްސީން ގެއްލުނު ލާރިގަނޑެއް ނޫނެއް ނޫންތޯ ހޯދަންވީ. މި އަންދާލި ފައިސާވެސް އެބަ ޖެހޭ ހޯދަން. އަންދާލި ބައެއްގެ އަތުން،" ތޯރިގު ވިދާޅުވިއެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ ހަތެއް ފެބުރުއަރީ އަކީ ބަޣާވާތެއް ކަމަށް އެ މެމްބަރު ގަބޫލުކުރެއްވި ނަމަވެސް ކޯނީ ރިޕޯޓުގައި ނިންމާފައި ވަނީ އެގޮތަށް ނޫން ކަމަށެވެ.
އެހެން ނަމަވެސް ކޯނީ ރިޕޯޓަކީވެސް ރިޝްވަތު ދީގެން ހަދާފައިވާ އެއްޗެއް ކަމަށް ތުހުމަތު ކުރާ ގިނަ ބަޔަކު ތިބި ކަމަށާއި އެގެންކަމުން މައްސަލަ އިތުރަށް ބެލޭނެ އެއްވެސް ގޮތެއް އޮތް ނަމަ މައްސަލަ ބަލަން މެމްބަރު ތާއީދު ކުރެއްވިއެވެ.
މެމްބަރުންގެ ވާހަކައަށް ފަހު ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވީ ހަތެއް ފެބުރުއަރީ އަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު އެއް ކަންތައް ކަމަށެވެ.
އެހެން ނަމަވެސް މައްސަލަ ތަހުގީގުކޮށް ކޯނީ ރިޕޯޓު ވެސް ނެރެފައި ވާއިރު، މައްސަލައާ ގުޅިގެން ކޮމިޓީގައި ކުރިއަށް ދެވޭނީ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާ ހޯދުމަށްފަހު ކަމަށެވެ.
އެއަށްފަހު ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި އެ ކޮމިޓީން މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާނެ ކަމަށް މުގައްރިރު ވިދާޅުވިއެވެ.
"މި މައްސަލަ އަލުން ބަލުން އަނބުރާ ރިޕީޓްކޮށް ބެލިދާނެތޯ ނޫނީ ނޫންތޯ އެބަ އޮޅުން ފިލުވަން ޖެހޭ. އެއަށްފަހު މިއަށް ގޮތެއް ނިންމޭނީ،" މުގައްރިރު ވިދާޅުވިއެވެ.
މެމްބަރު ތޯރިގުގެ ހުށަހެޅުމާ ގުޅިގެން މުގައްރިރު ވިދާޅުވީ، އަށެއް ފެބުރުއަރީގެ ހާދިސާތަކާ ގުޅިގެން ވެސް ފުލުހުން އެ މައްސަލަ ބަލައި ބައެއްގެ މައްޗަށް ދައުވާކޮށްފައި ވާއިރު، އަލުން އެ މައްސަލަ ވެސް ކޮމިޓީއަށް ބެލިދާނެތޯ މަޖިލީހުގެ ގާނޫނީ ލަފާ ހޯދަން ޖެހޭނެ ކަމަށެވެ.
"ގަނޫނީ ލަފައެއް ލިބުނީމަ ނޫނީ، މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅަން ވޯޓަކަށް އަހާކަށް ވެސް ނުކެރޭނެ،" މުގައްރިރު ވިދާޅުވިއެވެ.