ޔުނައިޓެޑް ސަޕޯޓަރުންނަށް މި ނޫން ގޮތެއް ހޯދައިދޭންޖެހޭ: ރަޝްފޯޑް

ޕްރިމިއާ ލީގު މެޗެއްގައި ރަޝްފޯޑް އިދިކޮޅު ކުޅުންތެރިޔާގެ އަތުން ބޯޅަ ހޯދަނީ --- ފޮޓޯ// އޭޕީ

އިނގިރޭސިންގެ ފުޓުބޯޅައިގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް ފަހަކަށް އައިސް ދައްކަމުން އަންނަ ދަށް ކުޅުމާއި މެދު ހިތްހަމަނުޖެހިފައި ތިބި ސަޕޯޓަރުންނަށް "އެ ނޫން ގޮތެއް" ހޯދައިދޭން ޖެހޭ ކަމަށް އެ ޓީމުގެ ފޯވާޑް މާކަސް ރަޝްފޯޑް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ޔުނައިޓެޑް ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 0-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެއާ އެކު އެ ޓީމު މިވަގުތު އޮތީ ތާވަލުގެ 12 ވަނައިގައެވެ. މިހާތަނަށް ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމަށް މޮޅު ހޯދިފައި ވަނީ އެންމެ ދެ މެޗުންނެވެ. ބާކީ ތިން މެޗުން ބަލިވި އިރު އަނެއް ތިން މެޗުން ވަނީ އެއްވަރު ވެފައެވެ. މިއީ އިނގިރޭސި ޕްރިމިއާ ލީގު ތައާރަފުކުރި ފަހުން ޔުނައިޓެޑް މިހާ ދަށު ދަރަޖައަކަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.

މެންޗެސްޓާ ޔުނައިޓެޑުން ގޯލަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ޔުނައިޓެޑްގެ ހާލަތު މެޗަކަށް ފަހު މެޗެއް ގޯސް ވަމުން އަންނަ އިރު އެ ޓީމު ކުރިއަށް އޮތް މެޗުގައި ބައްދަލު ކުރަން ޖެހޭނީ އެ ޓީމާއި އެންމެ ވާދަވެރި ލިވަޕޫލްއާއެވެ. ލިވަޕޫލް މި ސީޒަނުގައި ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓަމުން އަންނަ އިރު ޔުނައިޓެޑް މިވަގުތު އޮތް ފޯމާ އަޅާ ކިޔާ އިރު ލިވަޕޫލަށް އެ މެޗު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ ކަމަށް ވަނީ ބެލެވިފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗްކަން، އެލެކްސް ފާގަސަން 2013 ވަނަ އަހަރު ދޫކޮށްލި ފަހުން، ދާއިމީ ގޮތެއްގައި ވިނިން ޓީމެއް އުފެއްދުމަށް މެންޗެސްޓާ ޔުނައިޓެޑުން މިދިޔަ ފަސް ވަރަކަށް އަހަރު ގިނަ ކޯޗުން ބަދަލުކޮށްފިއެވެ. އެގޮތުން ސްކޮޓްލޭންޑުގެ ޑޭވިޑް މޮޔެސްއާއި ރަޔާން ގިގްސް އަދި ލުއިސް ވެން ހާލްގެ އިތުރުން ހޯސޭ މޮރީނިއޯ ވަނީ ޔުނައިޓެޑުގެ ކޯޗުކަން ކޮށްފައެވެ. ނަމަވެސް ދުވަސްކޮޅަކު ޓީމަށް ކޯޗުކަންކޮށްދިނުމަށްފަހު ކޮންމެ ކޯޗެއް ވެސް ޓީމުން ވަކިކުރަނީއެވެ.

ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުންގެ ނުރުހުން ޓީމާ ދޭތެރޭ ބޮޑުވެފައިވާ އިރު އެއްބަޔަކު ގޯސް ކުރަނީ މިވަގުތު ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އޮލެ ގުނަ ސޮލްޝަޔާ އެވެ. ދެން ތިބި މީހުން ގޯސަ ކުރަނީ ޓީމުގެ ކުޅުންތެރިންނެވެ. ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 10 މެޗުގައި ވެސް އެއް ގޯލެއް ވުރެން ގިނަ ގޯލު އެއްވެސް މެޗެއްގައި ޖެހިފައި ނުވުމުން އެކަމުގެ ޒިންމާ އެ ޓީމުގެ ފޯވާޑް ރަޝްފޯޑް ވަނީ ނަގައިފަ އެވެ.

"ފުޓުބޯޅައިގައި ކަންކަމުން ރެކުމަށް ފިލައިގެން ނުތިބެވޭނެ، ފަހަކަށް އައިސް ޔުނައިޓެޑުން ދައްކަމުން އަންނަ ކުޅުމަކީ ސަޕޯޓަރުންނަށް ބަލައިގަނެވޭނެ ކަމެއް ނޫންކަން ގަބޫލު ކުރަން،" ރަޝްފޯޑް ޓްވިޓާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އޭނާ ބުނީ، އޭނައަކީވެސް އެ ކުލަބުގެ ސަޕޯޓަރެއް ކަމަށާއި، އެ ނޫން ގޮތެއް ހޯދަންވެއްޖެ ކަމަށެވެ. އަދި ޓީމުގެ ފޯމު އެހެން އަބަދު އޮތުމަކީ ބަލަން ތިބެން ކެއްކުރެވޭ ވަރެއް ވުރެން މާ ބޮޑު ކަމެއް ކަމަށެވެ.

"މިވަގުތު އެންމެ ބޮޑު އަމާޒަކީ ޓީމުގެ ހާލަތު ރަނގަޅު ކުރުން. އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުން މިދަނީ. ހުރިހާ ވިސްނުމެއް ވެސް ހުރީ ކުޅުން ރަނގަޅުކޮށް ޓީމުގެ ސަޕޯޓަރުން އަލުން އަނބުރާ ހެއްވާލުން."

comment ކޮމެންޓް