އެމްޑީއެންގެ މައްސަލަ ބަލާނީ ވަކިކޮޅަކަށް ނުޖެހި: ސީޕީ ހަމީދު

ސީޕީ ހަމީދު: އެންޑީއެންގެ މައްސަލަ ބަލާނީ ވަކިކޮޅަކަށް ނުޖެހި ބަލާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) އިން އިސްލާމް ދީނާ ދެކޮޅު ވާހަކަތަކެއް ލިޔެ، ޝާއިއު ކުރި ރިޕޯޓުގެ މައްސަލަ ވަކި ކޮޅަކަށް ނުޖެހި ފުލުހުން ބަލާނެ ކަމުގެ ޔަގީން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދެއްވައިފި އެވެ.

އެ ޖަމްއިއްޔާ އިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ހުރި ބައެއް ވާހަކަތަކަކީ އިސްލާމްދީނާ ހިލާފު ކަންތައްތަކެއް ހުރުމުގެ ސަބަބުން ގިނަ ބަޔަކު އެ ޖަމްއިއްޔާއާ ދެކޮޅަށް އަޑު އުފުލައި، ޖަމްއިއްޔާ އުވާލުމަށް ދަނީ ގޮވާލަމުނެވެ. އެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މިދިޔަ ހޮނިހިރު ފުލުހުން ވަނީ ބުނެފައެވެ. އަދި މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ދެއްވާފައެވެ.

ސީޕީ ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އެ މުއައްސަސާއިން ވަރަށް ސީރައަސް ކަމެއްގައި ދެކި ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ ކަމަށެވެ.

"އަންމު ރައްޔިތުންނަށް އަޅުގަނޑު ޔަގީންކަން ދެން، ފުލުހުންގެ މުއައްސަސާއިން އެ މުއައްސަސާގެ ގާނޫނީ ޒިންމާ އަދާކުރަނީ، ބިރެއް ނެތި، އަދި ވަކި ކޮޅަކަށް ނުޖެހި،" ހަމީދު ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާއިން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ފާޑުކިޔުމާއި އިސްލާމް ދީނުގެ އަސާސްތަކަށް ފާޑުކިޔައި ރަސޫލާއަށް ފުރައްސާރަކުރުން ފަދަ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި، ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބަލާ މައްސަލަތަކެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރައީސް ސޯލިހް މިއަދު ނެރުނު ބަޔާނެއް ބުނީ، އެމްޑީއެން ރިޕޯޓުގައި ހިމަނާފައިވާ ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އެ މައްސަލަ ބަލައި، ދިވެހި މުޖުތަމައުގައި ގާއިމުވެފައި އޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި، އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނު ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސްގެ ބަޔާނުގައި ބުންނެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޑރ. ޒާހިރު ވަނީ އެމްޑީއެންގެ ރިޕޯޓުގައިވާ ވާހަކަތައް ކުށްވެރިކޮށް ސަރުކާރުން އެކަން ބަލަމުންދާ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޚް އިލްޔާސް ޖަމާލް ވިދާޅުވީ، އެމްޑީއެން ރިޕޯޓުގެ މައްސަލަ 2016 ވަނަ އަހަރުވެސް އިސްލާމިކް މިނިސްޓްރީއަށް ބަޔަކު ހުށަހެޅި ކަމަށެވެ. އެ މައްސަލަ އޭރު ފޮރުވަން މަސައްކަތް ކުރިތީ ހިތާމަ ކުރައްވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާއި ގިނަ އިރުތަކެއް ވަންދެން ހޫނު ސިޔާސީ ބަހުސެއްވެސް ވަނީ ކޮށްފައެވެ.

comment ކޮމެންޓް