އާމިނަތު ޝިއުރާއަކީ ރާއްޖޭގެ ކުޅިވަރުގެ ތަރިއެކެވެ. ބާސްކެޓް، ނެޓްބޯޅަ އަދި ހޭންޑްބޯލްގައި ވެސް އޭނާގެ ވިދުންގަދަ އެވެ.
ޑިޕްރެޝަނާ ކުރި ހަނގުރާމަވެސް ކާމިޔާބު ކުރި ޝިއުރާ، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަސަދުﷲ އަބްދުﷲ އާ ކައިވެނި ކުރީ 2017 ވަނަ އަހަރު އެވެ. އަދި އެ ކައިވެންޏަށް މިހާރު ވަނީ ކުއްޖަކު ވެސް ލިބިފަ އެވެ.
ޝިއުރާއަށް ކުއްޖަކު ލިބުނު ފަހުން އަދި ވީ ހަތް މަހެވެ. ނަމަވެސް ޝިއުރާ މިވަނީ ގައުމީ ބާސްކެޓް ބޯޅަ ޓީމާއެކު، ގައުމީ ޑިއުޓީއަށް ފުރައިފަ އެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހަށް ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ ކޭމްޕުގައި ބައިވެރިވުމަށް ޝިއުރާ ދިޔައީ އޭނާގެ ތުއްތު ދަރިފުޅުވެސް ގޮވައިގެންނެވެ.
މިއީ އަންނަ ޑިސެމްބަރުމަހު ނޭޕާލްގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ސައުތު އޭސިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށްގެންދާ ކޭމްޕެކެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ކުރެއްވި ޓުވީޓެއްގައި ވަނީ ޝިއުރާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
މަރޭ ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކުން، ޝިއުރާ އެހާ އަވަހަސް ފިޓުވެ، ގައުމީ ޓީމާއެކު ކޭމްޕަށް ދިޔައީ ވަރުގަދަ ޓްރެއިނިން ތަކަކަށް ފަހު ކަން އެނގެއެވެ.
ޝިއުރާ ވަނީ ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތަށް ކޮލިފައިވާން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އޭޝިއާ މުބާރާތުގައި ވެސް ކުޅެފައެވެ.
ކަސްޓަމްސްގައި މަސައްކަތް ކުރާ ޝިއުރާ ވަނީ ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅިވަރު ކުޅުންތެރިޔާގެ މަގާމާއި، އެންމެ މޮޅު އަންހެން ބާސްކެޓް އަދި ނެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދައިފައެވެ.
މިއީ ޝިއުރާ އާއި އަސަދުﷲގެ ފުރަތަމަ ދަރިފުޅެވެ. ނަމަވެސް ޝިއުރާގެ ފުރަތަމަ ކައިވެންޏަށް އިތުރު ކުއްޖަކު ލިބިފައިވެ އެވެ.