އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ބަލައި، ފިޔަވަޅު އަޅާނަން: ރައީސް

ޖުލައި 4، 2019: ރައީސް ނޫސްވެރިންނާ ބައްދަލުކުރެށްވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން 2015 ވަނަ އަހަރު އާންމުކުރި "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ހިމަނާފައިވާ ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި، އެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވީ ވިދާޅުވީ އެމްޑީއެންއިން 2015 ވަނަ އަހަރު ނެރުނު ރޮޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ފުށުއަރާ އަދި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ތަވްހީނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައިވާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެހެންކަމުން މި މައްސަލަ ބަލައި، ދިވެހި މުޖުތަމައުގައި ގާއިމުވެފައި މިއޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި، އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނު ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް، އަޅުގަނޑު އަޅަމުން ގެންދާނަމެވެ." ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ދީނީ ޝިއާރު ފާޅުކުރުމުގައާއި، ގާނޫނު އަސާސީ ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ބޭނުން ހިފުމުގައި، މުޅި މުޖުތަމައުގެ މަސްލަހަތު އިސްކޮށް، އިސްލާމްދީނުގެ މަތިވެރި އަސާސްތަކާ ހިލާފުނުވުމަށް ރައީސް ވަނީ އިލްތިމާށްކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރަކީ ވެސް އިސްލާމް ދީން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު، އިސްލާމްދީނުގެ ތަރަހައިގެ ތެރެއިން ވެރިކަން ހިންގައި، އެ ދީން ހިމާޔަތް ކުރުމަކީ ރާއްޖޭގެ އެންމެ މަތީ ވެރިޔާއާ ގާނޫނުން މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ މި މަތިވެރި ޒިންމާ އަދާކުރުންމަތީ ދެމިހުރުމެވެ." ރައީސް ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. އަދި ފުލުހުން ވަނީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ފުލުހުން ބުނީ އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ފާޑުކިޔުމާއި އިސްލާމްދީނުގެ އަސާސްތަކަށް ފާޑުކިޔައި ރަސޫލާއަށް ފުރައްސާރަކުރުން ފަދަ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި، ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބަލާ މައްސަލަތަކެއް ކަމަށެވެ.

އެ މައްސަލައިގައި ގިނަ ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކޮށް، އެމްޑީއެން އަށް ފިޔަވަޅު އަޅައި އަދި އެ ޖަމިއްޔާ އުވާލަން ގޮވާލަމުންނެވެ.

މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޕޯޓުގައި ނުރަނގަޅު ކަންކަން ހުރި ކަމަށާއި އެއީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރުމުން، އެމްޑީއެންއިން ވަނީ އެކަމަށް މައާފަށް އެދި، ރިޕޯޓު އަނބުރާ ގެންގޮސްފައެވެ. އަދި ދީނީ އިލްމުވެރިޔަކާއެކު ރިޕޯޓު އިސްލާހުކުރާނެ ކަމަށްވެސް އެމްޑީއެންއިން ބުންޏެވެ.

ޑިމޮކްރެސީ ނެޓްވޯކްގެ އެ ރިޕޯޓަކީ 2016 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓުގެ މައްސަލަ އޭރުގެ ސަރުކާރުން ނުބެލީ ކީއްވެތީ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

comment ކޮމެންޓް