ލާމުގައި އާ ޒާތެއްގެ ދަނޑުވެރިކަމެއް!

ސިކްސް ސެންސް ލާމުގައި ގަސް ހައްދާފައިވާ ދަނޑެއް -- ފޮޓޯ : ސިކްސް ސެންސް

ރިސޯޓުތަކަށް ކުރާ އިމްޕޯޓް ވީހާ ވެސް ކުޑަކޮށް "ސެލްފް ސަސްޓެއިނަބިލިޓީ" ނޫނީ އަމިއްލައަށް ފުދިގެން އުޅޭ ރިސޯޓަކަށް ވުމަށް ކޮންމެ ރިސޯޓަކުން ވެސް އާ ގޮތްތަކެއް ހޯދަ އެވެ. ލ. އަތޮޅުގައި އޮންނަ ސިކްސް ސެންސް ލާމުންވެސް އެ ލަނޑުދަނޑިއަށް ވާސިލުވުމަށް އެ މީހުން ކުރާ މަސައްކަތް ތަފާތެވެ. އެ ރިސޯޓުން ދިރުވަނީ ތަފާތު ދަނޑުވެރިކަމެކެވެ. ބޭނުމަކީ، އެ ރިސޯޓްގެ ބަދިގެއަށް ބޭނުންވާ ބާވަތްތައް އެ ރިސޯޓްގައި ހައްދައިގެން ފޯރުކޮށްދިނުމެވެ.

އެ ރިސޯޓްގައި އޮތީ "ޕާމަކަލްޗާ" ނޫނީ ތިމާވެށްޓާ ރަހުމަތްތެރި ދަނޑުވެރިކަމެކެވެ. އެއީ، އިޔާދަކުރަނިވި މާއްދާތަކާއި ސެލްފް ސަސްޓެއިނިބިލިޓީ މާހައުލަށް ވަރަށްބޮޑު އިސްކަމެއް ދީގެންް ކުރާ ދަނޑުވެރިކަމުގެ ބާވަތެކެވެ. އެކަމަށް ޓަކައި ޕާމަކަލްޗަރަލިސްޓެއް އެ ރިސޯޓަށް ވަނީ ގެނެސްފަ އެވެ.

ދަނޑުވެރިކަމާ ގުޅޭ ގޮތުން، ވަޑީ މައުލޫމާތު ދެނީ --- ފޮޓޯ : ސިކްސް ސެންސް

"ސަން" އާ ވާހަކަ ދައްކަމުން ސިކްސް ސެންސް ލާމުގެ ޕާމަކަލްޗަރަލިސްޓް ވަޑީވަޒަގަން ސެލްވަމް، ރިސޯޓްގެ އެންމެންގެ ނަމުން ނަމަ ވަޑީ ބުނި ގޮތުގައި އޭނާ ހައްދާ ދަނޑުގައި 30 އާއި 40 އާ ދެމެދުގެ އަދަދަކަށް ތަފާތު ވައްތަރުގެ ގަސް ހުންނާނެ އެވެ.

އެ ދަނޑުގައި ހައްދާ ތަފާތު ވައްތަރުގެ ގަސްތަކުގެ ތެރޭގައި ޓެރަގަން އާއި ބޭސިލް އާއި ސްޕްރިންގް އޮނިއަން އަދި އޮރެގަނޯ ފަދަ ތަކެތި ހިމެނެ އެވެ. މިއީ ރާއްޖެއިން އާންމުކޮށް ފެންނަ އަދި ހައްދާ ޒާތުގެ ތަކެއްޗެއް ވެސް ނޫނެވެ.

ވަޑީ ބުނާ ގޮތުގައި އެތަނުގައި ގަސްތައް ހައްދާފައިވަނީ ތިމާވެށްޓާއި ރަށްޓެހި ގޮތްތައް ބޭނުންކޮށްގެން އެވެ. ގަސް ހެއްދުމަށް ޕެސްޓިސައިޑްތައް ބޭނުމެއް ނުކުރެ އެވެ. ގަސް ކާނާ ހޯދަނީ ގުދުރަތީ ތަފާތު ބާވަތްތައް ބޭނުންކޮށްގެން އެވެ. ނަތީޖާ، އަކަށް ވަނީ ވިހައިން އެ ގަސްތައް ސަލާމަތްވުމެވެ.

"މިއީ ހަމަ އޯގެނިކް މެޓީރިއަލް ބޭނުންކޮށްގެން ބަލަހައްޓާ ތަނެއް. އެއްވެސް ކަހަލަ ވިހަ މާއްދާތަކެއް މިތަނަކު ނުގެންގުޅޭނެ އެއްޗެހި ހައްދާކަށް،" ވަޑީ ބުންޏެވެ.

އެތަނުގައި ތަކެތި ހައްދަނީ ރިސޯޓްގެ ބަދިގެއަށް އެންމެ ބޮޑަށް ބޭނުންވާ ބާވަތްތައް ބަލައިގެން ވަޑީ ފާހަގަ ކުރެ އެވެ. މީގެ އިތުރުން ރާއްޖޭގައި އާންމުކޮށް ނުކުރާ ޒާތެއްގެ ދަނޑުވެރިކަމެއް ވެސް ވަޑީ ގެންދަނީ ތަޖުރިބާ ކުރަމުން އެވެ.

ދަނޑުގައި ހަދާފައިވާ ހަޓެއް ހާއްސަކޮށްފައި ވަނީ، މަޝްރޫމް ހެއްދުމާއި ރައްކާކުރުމަށެވެ.

ސިކްސް ސެންސްގައި ހުރި ބަގީޗާގައި މަޝްރޫމް ހައްދާ ކޮޓަރި --- ފޮޓޯ : ސިކްސް ސެންސް

"މި ހަޓްގައި ދެވައްތަރެއްގެ މަޝްރޫމް ހައްދާނެ. މިއީ ރިސޯޓުގައި ހަމަ ބޭނުންކުރުމަށް ހައްދާ މަޝްރޫމް،" ވަޑީ ބުންޏެވެ.

މަޝްރޫމް އަކީ ވަރަށް ބޮޑަށް އަޅާލުން ބޭނުންވާ އެއްޗެއްކަން ފާހަގަކޮށް ވަޑީ ބުނީ، އެ ބަހައްޓަން ޖެހޭނީ ފިނި އަދި އަނދިރި ތަނެއްގައި ކަމަށެވެ. އެ ހެދިބޮޑުވުމަށްޓަކައި ކޮންމެ ދުވަހަކު ދެ ފަހަރު ފެން ޖަހަން ޖެހެ އެވެ.

ކޮންމެއަކަސް އެ ބުރަ މަސައްކަތުގެ ނަތީޖާ ވަރަށް ފޮންޏެވެ. އަދި ވަޑީ ވަނީ އެ ބަގީޗާ ދަމަހައްޓާ ބެލެހެއްޓުމަށް ވަރަށް ގިނަ އަދި ބުރަ މަސައްކަތްތައް ކޮށްފަ އެވެ.

އެ ދަނޑުވެރިކަން މިއަދު ވެފައި ވަނީ، ސިކްސް ސެންސް އަށް ކޮންމެހެން ބޭނުން ކަމަކަށެވެ. މިއީ ރިސޯޓުގެ ސެލްފް ސަސްޓެއިނަބިލިޓީީ ލަނޑުދަނޑިއަށް ހާސިލުވުމަށް އެޅުނު ބޮޑު ފިޔަވަޅެކެވެ.

comment ކޮމެންޓް