މަލިކު ކައިރިން ހިފެހެއްޓި ދިވެހި މަސްދޯނި ދޫކޮށްލައިފި

"އަންބަރީ" ދޯނި މަލިކު ފަޅަށް ވައްދާފައި --- ފޮޓޯ: މުހައްމަދު ނާޖިހު (ޓްވިޓާ)

އިންޑިއާ ކަނޑުގެ ސަރަހައްދު، މަލިކު ކައިރިން ހިފެހެއްޓި ދިވެހި މަސްދޯނި ދޫކޮށްލައިފި އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ އިންޑިއާ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި ދިވެހި މަސްބޯޓު، "އަންބަރީ" ދޫކޮށްކަން އިންޑިއާ ސަރުކާރުން ނިންމައި އެކަން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށެވެ.

މިނިސްޓްރީ އިން ބުނީ އަންބަރީ ދޯންޏާއި އެ ދޯނީގެ ފަޅުވެރި ދޫކޮށްލުމަށްއެދި ފޮރިން މިނިސްޓްރީ އިން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި އެދުނު ކަމަށާއި ދެ މިނިސްޓްރީ އިން ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު ދޯންޏާއި ދޯނީގައި ތިބި ފަޅުވެރިން ދޫކޮށްލަން ނިންމައި އިންޑިއާ އިން އެކަން އެންގީ މިއަދު ކަމަށެވެ.

އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްވެރި އުޅަނދުތައް ހަރަކާތްތެރިވުމަކީ ގާނޫނާއި ގަވައިދާ ހިލާފު ކަމެއް ކަމަށާއި އެފަދަ ކަންކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީ އިން ވަނީމަސްވެރިކަންކުރާ އުޅަނދު ފަހަރުގެ ވެރިންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ށ. ކޮމަންޑުއަށް ނިސްބަތްވާ އަންބަރީ ދޯނި މަލިކު ކައިރިން ހިފެހެއްޓީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އެވެ. ދޯނި ހިފެހެއްޓި އިރު އެ ދޯނި ދަތުރު ކުރަމުން ދިޔައީ 10 ވަރަކަށް ފަޅުވެރިންނާ އެކު އެވެ.

އެނގިފައިވާ ގޮތުގައި އެ ދޯނި އިންޑިއާ ކޯސްޓްގާޑުން ހިފަހައްޓާފައި ވަނީ މަލިކުގެ ތިން މޭލު ބޭރުންނެވެ.

comment ކޮމެންޓް