އަލިފާނުގެ ގެއްލުންތަކަށް އެހީވާ ފަންޑް ބަންދުކުރިއިރު 2.5 މިލިއަން ރުފިޔާ

އަބަދަށް ފެހި މަގުގައި ހުރި ކެމިކަލް ގުދަން ގޮވައި ރޯވި ބޮޑު އަލިފާންގަނޑުގެ ސަބަބުން އެ މަގުގައި ހުރި އެތަށް ގެއެށް އަނދާ އަޅިއަށްވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިދިޔަ މަހުގެ 20 ވަނަ ދުވަހު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ އިން ހުޅުވި މާލޭ ފަޔާ ރިލީފް އެކައުންޓަށް 2.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އޮތޯރިޓީ އިން ބުނެފި އެވެ.

ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފަޔާ ރިލީފް ފަންޑު މިއަދު ހަތަރެއްގެ ނިޔަލަށް ބަންދުކޮށްފައިވާ ކަމަށާއި މިއަދު ހަތަރެއް ޖެހުމާއި ހަމައަށް އެ އެކައުންޓަށް ޖުމްލަ 2.53 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

ހެންވޭރު އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ސަބަބުން އާންމު ރައްކާތެރިކަމަށް ނުވަ އިމާރާތެއް ވަނީ ތަޅާލައިފައެވެ. މީހުންނަށް ދިރި ނޫޅެވޭވަރަށް ހަ އިމާރާތަކަށް ގެއްލުންވެފައިވާއިރު މީހުން ދިރިއުޅެވޭވަރުވި ނަމަވެސް މަރާމާތަށް ބޭނުންވާ ފަސް ގެއެއް އެބަހުރި ކަމަށް ޑިޒާސްޓާ މެނޭޖުމެންޓުން ބުންޏެވެ.

ސެޕްޓެމްބަރު ވިހި ވަނަ ދުވަހުގެ އަލިފާނުގެ ހާދިސާގައި 700 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު އެ ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ.

އަބަދަށްފެހި މަގުގައި ހ. ތިލަފުށީ ގޭގައި ރޯވި އަލިފާންގަނޑުގެ އަސަރު އެ ސަރަހައްދުގައި ހުރި 26 ގެއަކަށް ކުރިކަމަށް ޑިޒާސްޓާ މެނޭޖުމެންޓުން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި މިފަދަ ހާދިސާތަކުގައި ލިބޭ ގެއްލުމުގެ ބަދަލުގައި، ޑިޒާސްޓާގެ ގަވާއިދުގެ ދަށުން ދެނީ ލިބޭ ގެއްލުމުގެ 20 ޕަސެންޓް ކަމަށްވެސް އެ އޮތޯރިޓީ އިން ވަނީ ބުނެފައެވެ.

ނަމަވެސް އެ ހާދިސާއެއްގެ ބޮޑު ކަމާއި ހާލަތަށް ބަލައި، ފަންޑު ހުޅުވާޅުމުން އެކި ފަރާތްތަކުން ދީލަތި އެހީއާއެކު، ދޭ ބަދަލު 20 ޕަސަންޓަށް ވުރެ އިތުރު ވާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

comment ކޮމެންޓް