ފަހުވަގުތު ލެސްޓާ އަތުން ލިވަޕޫލް މޮޅުވި އިރު ސަލާހުއަށް އަނިޔާ ވެއްޖެ

ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް އަނިޔާވެފައި--- ފޮޓޯ// ބެން ސްޕްރަޓް

އިނގިރޭސި ޕްރިމިއާ ލީގުގެ މެޗް ވީކް އަށެއްގެ މެޗުތައް ރޭ ފެށި އިރު ލެސްޓާ ސިޓީ ކޮޅަށް ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ގޯލު ޖަހައި ލިވަޕޫލް ކުރި ހޯދި ނަމަވެސް އެ މެޗުގައި އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހުއަށް އަނިޔާވެއްޖެ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން އެ ޓީމު 2016 ވަނަ އަހަރުގެ ލީގު ޗެމްޕިއަން ލެސްޓާ ސިޓީ ބަލިކުރީ 1-2 ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗުން ލިބުނު މޮޅާ އެކު ލިވަޕޫލް އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު އަށް މެޗު ވެސް ކާމިޔާބު ކޮށް 24 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ދެވަނައިގައި މެންޗެސްޓާ ސިޓީ 16 ޕޮއިންޓާ އެކު އޮތް އިރު ތިންވަނައިގައި އޮތީ ރޭގެ މެޗުން ބަލިވި ލެސްޓާ އެވެ.

ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާ އެކު ލިވަޕޫލުން ވަނީ އިތުރު ރެކޯޑެއް މުގުރާލުމަށް ކުރަމުން އަންނަ މަސައްކަތަށް ބޮޅެއް އިތުރު ކޮށްފަ އެވެ. ޕްރިމިއާ ލީގުގައި ޖައްސަ ޖައްސައިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް މިވަގުތު ސިޓީގެ އަތުގައި އޮތީ 18 މެޗުން މޮޅުވެގެންނެވެ. ނަމަވެސް ލީގުގައި ކުރިއަށް އޮތް މެޗުން ލިވަޕޫލް މޮޅު ހޯދައިފި ނަމަ އެ ރެކޯޑާއި އެއްހަމަ އަކަށް އެ ޓީމު ދަތުރު ކުރާނެ އެވެ. ލިވަޕޫލް ކުރިއަށް އޮތް މެޗުގައި ބައްދަލު ކުރާނީ އެ ޓީމާއި އެންމެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ އެވެ.

ރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ލިވަޕޫލް އެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ މިޑްފީލްޑަރު ޖޭމްސް މިލްނާ މުޅިން ހުސްކޮށްލާފައި ސާޑިއޯ މާނޭއަށް ޖައްސާލި ބޯޅަ އޭނަ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ލިވަޕޫލް ޑޮމިނޭޓްކޮށްގެން ކުޅުނު ނަމަވެސް ދެވަނަ ހާފު ފެށިގެން ލެސްޓާއިން ވަނީ ކުޅުން ވަރުގަދަ ކޮށް ލިވަޕޫލަށް އުނދަގޫ ހާލަތްތަކެއް ކުރިމަތި ކޮށްފަ އެވެ.

ނަތީޖާއެއްގެ ގޮތުން ލެސްޓާ ވަނީ ދެވަނަ ހާފުގެ މެދަކާ ހަމައިން ގޯލެއް ޖަހައި އުންމީދު އައުކޮށްފަ އެވެ. އެ ޓީމުގެ ޖޭމްސް މެޑިސަން ޖަހައިދިން އެ ގޯލާ އެކު ލިބުނު ހިތްވަރާ އެކު އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިކުރުމަށް ލެސްޓާއިން ކުޅެމުން ދަނިކޮށް އެ ޓީމުގެ އުންމީދުތައް ފުނޑު ފުނޑު ވެގެން ދިޔައީ މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލަށް ދިން ޕެނަލްޓީ އަކުންނެވެ.

ސާޑިއޯ މާނޭއަށް ކުރި ފައުލަކާއި ގުޅިގެން ލިވަޕޫލަށް ލިބުނު އެ ޕެނަލްޓީ ގޯލަށް އަމާޒުކޮށްލީ މިލްނާ އެވެ. މިލްނާ މިހާތަނަށް ލިވަޕޫލަށް ގޯލު ޖަހައިދިން އެއްވެސް މެޗެއްގައި އެ ޓީމު ބަލިވެފައެއް ނުވެ އެވެ.

ލިވަޕޫލް ރޭގެ މެޗުން މޮޅުވި ނަމަވެސް އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހު ވަނީ އެ މެޗުގައި އަނިޔާވުމުގެ ސަބަބުން ބާލައިފަ އެވެ.

މީގެ އިތުރުން ވޭތުވެ ދިޔަ ފަސް ވަރަކަށް އަހަރު ތެރޭ ގަދަ ހަަތަރަކުން ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ޓޮޓެންހަމް ވަނީ ރޭ ކުޅުނު މެޗުން ވެސް ބަލިވެފަ އެވެ. ބްރައިޓޮންއާއި ދެކޮޅަށް ކުޅުނު އެ މެޗުން ޓޮޓެންހަމް ބަލިވީ 0-3 އިން ނެވެ. އެ ޓީމު ވަނޫ އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ކުޅުނު މެޗުގައި ވެސް 7-2 ގެ ބޮޑު ނަތީޖާ އަކުން ބަޔާން މިއުނިކް އަތުން ބަލިވެފަ އެވެ.

comment ކޮމެންޓް