މުދައްރިސުން ކުރާ މަސައްކަތަކީ އެއަށް ޝުކުރުގެ ބަހަކުން ނުވަތަ އުޖޫރައަކުން މިން ކުރެވޭ ވަރަށްވުރެ ބުރަ މަސައްކަތްތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ނެރުއްވި ހިތާބުގައި ވިދާޅުވެފައިވަނީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ވިސްނުމާއި ފިކުރު ބަދަލުކޮށްލި މަދުވެގެން އެއް ޓީޗަރަކާ ބައްދަލުވެފައި ހުންނާނެ ކަމަށެވެ. އަދި ބައެއް މީހުން ކުރިއަރައިގެން ދިޔަ ސަބަބަކީ އެމީހުންނާ ބައްދަލުވި ޓީޗަރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މުދައްރިސުން ކުރާ ބުރަ މަސައްކަތަކީ އެތައް އަހަރުތަކަކަށް ދެމިގެންދާ ކަމެއް ކަމަށެވެ.
ބައިނަލްއަގުވާމީ ޖަމާއަތްތަކުން ފާހަގަކޮށްފައިވާ މައްސަލަތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވީ މުދައްރިސުންނަށް ލިބޭ މުސާރައިގެ އިތުރުން އެފަރާތްތަކަށް ލިބޭ ގަދަރުވެސް ކުޑަ ކަމަށެވެ.
އޭގެ ސަބަބުން މުދައްރިސުން ވަޒީފާތަކަށް ގެނެސް އެ ފަރާތްތަކުން ވަޒީފާގައި ދެމެހެއްޓުމަށް ގޮންޖެހުން ކުރިމަތިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ފާހަގަކުރައްވާ ވިދާޅުވީ އެއީ އެންމެންވެސް ފިކުރުކުރަން ޖެހޭ ކަންތައްތައް ކަމަށެވެ.
ބައިނަލްއަގުވާމީ ޖަމާއަތްތަކުން ފާހަގަކުރާ އިތުރު މައްސަލަތަކުގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ރެފިއުޖީންނާއި ގިނަ ބަސް ދަންނަ ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް މަދުކަމަށް މިނިސްޓަރުގެ ފާހަގަކުރެއްވިއެވެ.