ދެވަނަ މެޗުގައި ސީރިއާ އަތުން ހިތްދަތި ގޮތަކަށް ބަލިވެ ރާއްޖެ ކަޓައިފި

ރާއްޖެއާއި ސީރިއާ މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު ސެލަބްރޭޓް ކުރަނީ --- ފޮޓޯ// އެފްއޭއެމް

މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފިކޭޝަނުގައި ކުޅުނު ދެވަނަ މެޗުން ހިތްދަތި ގޮތަކަށް ރާއްޖޭގެ ޒުވާން ޓީމު ބަލިވެ ކަޓައިފި އެވެ.

އޭޝިއާގެ ގަދަ ބާރެއް ކަމުގައިވާ ސީރިއާއާއި ދެކޮޅަށް ރާއްޖެއިން މިއަދު ކުޅުނު މެޗުން ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު ރާއްޖެ ވަނީ ކޮލިފިކޭޝަން ގުރޫޕުގެ ތާވަލުގެ އެންމެ ފުލަށް ވެއްޓިފަ އެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ތަޖިކިސްތާނައި ލުބުނާނެވެ. ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ތަޖިކިސްތާން އަތުން ބަލިވީ 0-9 ގެ ތަފާތު ބޮޑު ނަތީޖާ އަކުންވެ.

ރާއްޖެއާއި ސީރިއާ މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު ސެލަބްރޭޓް ކުރަނީ --- ފޮޓޯ// އެފްއޭއެމް

ތަޖިކިސްތާނުގެ ވެރިރަށް ޑުޝާންބޭގައި ކޮލިފިކޭޝަން ކުރިއަށްދާއިރު، މިފަހަރުގެ ކޮލިފިކޭޝަނަށް ރާއްޖެ އައީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދިޔަ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ތިންވަނަ ހޯދުމަށްފަހު އެވެ. ނަމަވެސް ދިގު ދަތުރުކަށް ފަހު ޓީމު ފުރަތަމަ މެޗަށް ދިޔަ އިރު ކުޅުނީ އެއްވެސް ވަރަކަށް ރެސްޓެއް ނުލިބި އެވެ.

ގްރޫޕްގެ އެއްވަނަ ހޯދާ ޓީމަކަށް 2020 ވަނަ އަހަރު ބާއްވާ 19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕުން ޖާގައެއް ލިބިގެންދާއިރު، ދެވަނައަށްދާ ޓީމަކަށް ޖާގައެއް ލިބުމުގެ ހަނި ފުރުސަތެއް އޮންނާނެއެވެ. ނަމަވެސް މިއަދު ސީރިއާއާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވުމުން ވަނީ ދެވަނަ ލިބުމުގެ ފުރުސަތު ވެސް ގެއްލިފަ އެވެ.

މިއަދު ކުޅުނު މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ރާއްޖެއިންނެވެ. މެޗު ފެށިގެން ވެސް މޮޅަށް ކުޅެމުން ދިޔަ ރާއްޖެއަށް ފުރަތަމަ ހާފުގެ 19 ވަނަ މިނަޓު އެ ގޯލު ޖަހައިދިނީ ސަވީ އިބްރާހިމް އެވެ.

ރާއްޖޭގެ ގޯލަށް ފަހު ސީރިއާއިން ކުޅުން ރަނގަޅުކޮށް ޓީމު ކުރިއަށް ޖައްސައި ހަމަލާތައް އިތުރު ކުރި އެވެ. ނަތީޖާއެއްގެ ގޮތުން 25 ވަނަ މިނަޓުގައި ރާއްޖޭގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި ވަނީ ބައިކޮޅަށް ގޯލެއް ވަދެ ނަތީޖާ ހަމަހަމަ ވެފަ އެވެ. އޭގެ އިރަކޮޅެއް ފަހުން ސީރިއާއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ މުހައްމަދު އަލަވަދް އަލްމަހެް އެވެ.

އެއަށްފަހުން ވެސް ސީރިއާއިން ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އުފެއްދި އިރު ރާއްޖޭގެ ޑިފެންސުން ވަނީ އެ ބޯޅަތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ދެވަނަ ހާފު ފެށިގެން ދިޔައީ ރާއްޖޭގެ ގޯލަކާ އެކު އެވެ. ރާއްޖޭގެ ޒުވާން ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) ގެ އެގޯލާ އެކު ރާއްޖެ އުންމީދާ އެކު ކުޅެމުން ދަނިކޮށް ސީރިއާއަށް އަލުން އަނބުރާ ލީޑު ނަގައިދިނީ އަމަރް ރަމަދާން އެވެ.

comment ކޮމެންޓް