ފަސް އަހަރުގެ ޕްލޭންގައި އިންޓަނެޓް އަގު ހެޔޮ ކުރުމަށް ނެތް

އެސްއެޕޯ އިފްތިތާހު ކުރުމުގެ ތެރެއިން: އިންޓަނެޓް އަގު ހެޔޮ ކުރުމެއް ނެތް -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން އެކުލަވާލި ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި އިންޓަނެޓް އަގު ހެޔޮ ކުރުމުގެ އެއްވެސް ކަމެއް ނެތް ކަން ހާމަ ވެއްޖެ އެވެ.

އިންޓަނެޓް އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ރޭ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އިފްތިތާހުކޮށްދެއްވި އެމަނިކުފާނުގެ ވައުދުތައް ފުއްދުމުގެ ތަސައްވަރު ހިމެނޭ އެކްޝަން ޕްލޭންގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލިޖީ (އައިސީޓީ) ދާއިރާ އަށް ޖުމްލަ ހަ ކަމެއް ހިމެނިފައިވާއިރު، ކަނޑައެޅިގެން އިންޓަނެޓް އަގު ހެޔޮ ކުުރުމަށް ހިމަނާފައެއް ނުވެ އެވެ.

އެސްއޭޕީގައި އައިސީޓީ އަށް ހާއްސަ ކޮށްފައިވާ ދާއިރާގައި ބުނެފައި ވަނީ، މޯބައިލް ޑޭޓާ އާއި އައިސީޓީ ގެ އެހެނިހެން ވަސީލަތްތައް ބޭނުން ކުރާ މިންވަރު ރާއްޖޭގައި އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އެއާއެކު، ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ހާލަތު ބަދަލުވެ، ރަށްތައް ފެތުރިފައިވާ ގޮތުގެ ސަބަބުން ކުރިމަތިވެފައިވާ ތަރައްގީގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް އިތުރު ފަސޭހަކަމެއް ލިބިފައިވާ ކަމަށެވެ.

"ޑިޖިޓަލް ދުނިޔޭގެ ފަސޭހަތަކާއެކު ހިންގުމުގެ ނިޒާމު ހަރުދަނާ ކުރެއްވިޖެ ނަމަ، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ގިނަ ފަސޭހަތަކެއް ލިބި، ހިދުމަތުގެ ސްޕީޑް އަވަސްވެގެންދާނެ،" އެސްއޭޕީގައި އައިސީޓީއަށް ހާއްސަ ކުރެވިފައިވާ ބައިގައި ލިޔެފައިވެ އެވެ.

އިންޓަނެޓް އަގު ހެޔޮ ކުރުމަށް ފަސް އަހަރުގެ ޕްލޭންގައި ހިމެނިފައި ނުވާކަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލުވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

އޭނާ މިރޭ "ސަން" އަށް ވިދާޅުވީ، ސީދާ އިންޓަނެޓް އަގު ހެޔޮ ކުުރުމަށް އެ ޕްލޭންގައި ނެތް ނަމަވެސް އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފުޅާ މާނައެއްގައި އެ ޕްލޭންގައި ލިޔެފައިވާ ކަމަށެވެ.

އިންޓަނެޓް އަގު ހެޔޮވުން ލަސް ވެގެން ދާތީ، މިނިސްޓަރު މަލީހަށް ބައެއް އާންމުުގެ ފާޑު ކިޔުންވެސް ވަނީ އަމާޒުވެފައިވެ އެވެ. މަލީހު ވިދާޅުވީ، އިންޓަނެޓް އަގު ހެޔޮ ކުރުމަށް އެ މިނިސްޓްރީން ކުރަން ޖެހޭ ކަންކަން މީގެ ތިން މަހެއްހާ ދުވަސް ކުރިން ނިންމައި، ސަރުކާރުގެ ޕޮލިސީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

"ވަރަށް ގިނަ ބޭފުޅުން ފާޑު އެބަ ކިޔާ މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ނުކުރެވިގެންނޭ. އިންޓަނެޓް އަގު ހެޔޮ ކުރުމަށް މިނިސްޓްރީން އިތުރަށް ކުރަން ޖެހޭ ކަމެއް ނެތް. މިނިސްޓްރީން ހުރިހާ ކަމެއް ނިންމައި، ރައީސް އޮފީހުގެ ޕޮލިސީ އޮފީހާ ވަނީ ހިއްސާ ކުރެވިފައި. ދެން އެބޭފުޅުންގެ އިންސްޓްރަކްޝަނަށް އިންޓަނެޓް އަގުހެޔޮ ކުރުމުގެ ކަންކަން ކުރިއަށް ދާނީ،" މަލީހް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރޭ އިފްތިތާހު ކުރި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ރިޔާސީ އިންތިހާބުގައި ރަައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއިން ނެރުނު އެޖެންޑާ 19 މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކެވެ.

އޭގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުން އައި މަސައްކަތްތައްވެސް މި ޕްލޭނުގައި ހިމަނާފައިވެ އެވެ. އެގޮތުން އެ ކަންކަމަށް ހިނގާނެ ހަރަދާއި ފައިސާ ހޯދާނެ ގޮތާއި ނިންމަން ޖެހޭ ތާރީހުތައް ވަނީ ތަފްސީލްކޮށް ލިޔެފަ އެވެ.

comment ކޮމެންޓް