ފަތުރުވެރިކަން ވަރަށް ނާޒުކު، ސަމާލުވާންޖެހޭ: އެމްޔޫ މަނިކު

ޓޫރިޒަމް ކޮންފަރަންސްގައި މަޓީގެ ޗެއާމަން އެމްޔޫ މަނިކު --- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ރާއްޖެއާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ވަރަށް ނާޒުކު ސިނާއަތެއް ކަމަށާއި، ދުނިޔެއަށް ދިމާވާ މައްސަލަތައް ހައްލުކުރަން ގުޅިގެން މަސައްކަތް ނުކުރެވިއްޖެނަމަ ސިނާއަތުގެ ކުރިއެރުމަށް އަސަރުކޮށްފާނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށް ބާއްވަމުންދާ ޓޫރިޒަމް ކޮންފަރަންސްގައި ވާހަކަދައްކަވަމުން އެމްޔޫ މަނިކު ވިދާޅުވީ މީގެ 47 އަހަރު ކުރިން ވަރަށް އާދައިގެ ގޮތަކަށް ފެށި ފަތުރުވެރިކަމުގެ ސަބަބުން މިއަދު ރާއްޖެ ވަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގައި ގުނާލެވޭ މަންޒިލަކަށް ބަދަލުވެފައި ކަމަށެވެ.

ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް އެންޓަޕްރައިސެސްގެ ވެރިޔާ އެމްޔޫ މަނިކު ވިދާޅުވީ މުޅި ދުނިޔެއަށް ދިމާވަމުން އަންނަ ގޮންޖެހުންތަކުގެ އަސަރު ފަތުރުވެރިކަމަށްވެސް ކުރަމުންދާ ކަމަށެވެ.

"ދާއިރާގެ މުސްތަގުބަލާއި ކުރިއެރުމަށް އަސަރުކޮށްފާނެ ފަދަ ކަންކަން ދުނިޔެއަށް ދަނީ ކުރިމަތިވަމުން. [ހުރިހާ ސްޓޭކްހޯލްޑަރުން] އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ މޫސުމަށް އަންނަ ބަދަލުތަކާއި ޕޮލިއުޝަނާއި ޓެރަރިޒަމް ފަދަ ކަންކަމުގެ ނޭދެވޭ އަސަރު ކޮށްފާނެ. ރާއްޖެއަކަށް އެކަންޏެއް ނޫން، ދުނިޔޭގެވެސް ފަތުރުވެރިކަމުގެ ދާއިރާއަކީ ވަރަށް ނާޒުކު ސިނާއަތެއް،" އެމްޔޫ މަނިކު ވިދާޅުވި އެވެ.

އެހެންކަމުން މިއީ އެންމެން އެކުގައި ގުޅިގެން ސިނާއަތު ދެމެހެއްޓުމަށްޓަކައި އާ ހިތްވަރެއް ލައިގެން މަސައްކަތްކުރަންވީ ވަގުތުކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ މައުޟޫއު ގުޅެނީ ފަތުރުވެރިކަމާއި ވަޒީފާގެ ފުރުސަތުތަކާ އެވެ. މަނިކު ވިދާޅުވީ ޓްރެވަލް އެންޑް ޓޫރިޒަމްގެ ދާއިރާގައި 420 މިލިއަނެއްހާ މީހުން ވަޒީފާގައި އުޅޭ ކަމަށާއި، އެއީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 11 ޕަސަންޓު ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ 75 ޕަސަންޓު މީހުންވެސް ވަޒީފާ އަދާކުރަނީ ސީދާ އަދި ނުސީދާ ގޮތުން ޓޫރިޒަމާ ގުޅުންހުރި ދާއިރާތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝައްކެއްވެސް ނެތް، ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުތަކާއި ޓޫރިސްޓް އެރައިވަލްސް އިތުރުވަމުންދާ ވަރަކަށް ޓޫރިޒަމްގެ ތެރެއިން އުފެދެމުންދާ ވަޒީފާވެސް ދާނީ އިތުރުވަމުން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ފަތުރުވެރިކަމާއި ސިނާއަތުގެ ވަޒީފާތައް އިތުރުކުރުމަށް ކުރެވިދާނެ އިތުރު ކަންކަންވެސް މަނިކު ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ހޮޓެލް ސްކޫލްތައް ބިނާކުރުމާއި، ޓޫރިޒަމްގައި މަސައްކަތްކުރާ ދިވެހީންނަށް ރާއްޖެއިން ބޭރުގައި އިންޓާންޝިޕާއި އެކްސްޗޭންޖް ޕްރޮގްރާމްތަކުން ފުރުސަތުތައް ފަހިކޮށްދެވިދާނެކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، ނަމަވެސް ސިނާއަތާއި ދުނިޔޭގެ މަސްރަހު ބަދަލުވަމުންދާ ސްޕީޑުގައި ކަންކަން ޒަމާނީ ވާންޖެހޭކަމަށް މަނިކު ވިދާޅުވި އެވެ.

ކ. އެނބޫދޫފަޅުގައި ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށް ގެންދާ ޓޫރިޒަމް ކޮންފަރަންސްގައި ފަތުރުވެރިކަމުގެ ދާއިރާގެ އެކި މައުޟޫއުތަކަށް ޕެނަލް ޑިސްކަޝަންތައް ދަނީ ބާއްވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެން މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ވަރަށް ފުޅާ ދާއިރާއެއްގައި ފާހަގަކުރަމުން ދާ އިރު، މިއީ އެ މުނާސަބަތުގައި ބާއްވާ އެންމެ ފަހު ހަރަކާތެވެ. މި ކޮންފަރަންސްގައި ސަރުކާރުގެ އޮފިޝަލުންގެ އިތުރުން ޓޫރިޒަމް ދާއިރާގެ ތަފާތު ސްޓޭކްހޯލްޑަރުން ދަނީ ބައިވެރިވަމުންނެވެ.

comment ކޮމެންޓް