ޖަލަށް މަނާ އެއްޗެއް ވައްދަން އެހީވާ އޮފިސަރުން ބަލައެއް ނުގަންނާނެ: އިމްރާން

ލަށް ވެއްދުން މަނާތަކެތި ހުއްޓުވުމާއި ގުޅޭ މަސައްކަތު ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ހޯމް މިނިސްޓްރީ

ޖަލުތަކަށް ވެއްދުން މަނާ އެއްޗެއް ވެއްދުމުގައި ޖަލު އޮފިސަރަކު އެއްވެސް ގޮތަކުން އެހީތެރިވެއްޖެނަމަ، އެ އޮފިސަރު ކަރެކްޝަން ސާވިސްގައި ހުރުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު މާފުށި ޖަލުގައި ފެށި ޖަލަށް ވެއްދުން މަނާތަކެތި ހުއްޓުވުމާއި ގުޅޭ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވައި ދެއްކެވި ވާހަކައިގައި މިނިސްޓަރު ވަނީ ޖަލަށް ވަންނަން ނުޖެހޭތަކެތި ވަނުމުގައި ކޮންމެވެސް ވަރަކަށް އޮފިސަރުންގެ ބައިވެރިވުން އޮންނަ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައިފަ އެވެ.

އެގޮތުން މުއައްސަސާގެ ހައިބަތާއި ރައްޔިތުން ކުރިމަތީގައި އޮންނަންޖެހޭ އިހުތިރާމާއި ގަދަރާއި، އިއްޒަތް ހިފަހައްޓާނީ މުވައްޒަފުން ކަމަށް މިނިސްޓަރު ހަނދާންކޮށްދެއްވި އެވެ.

އަދި މަނާ އެއްޗެއް ޖަލަށް ވެއްދުމުގައި އޮފިސަރަކު އެހީތެރިވެއްޖެނަމަ، އެ އޮފިސަރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވަނީ ކަމަށާއި އެފަދަ ކަންކަމަކީ އެމަނިކުފާނު ޓޮލަރޭޓް ކުރައްވާނެ ކަންކަން ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން ބޭނުންވާ ވާހަކައެއް އެބައޮތް. ޖަލުތަކަށް ގާނޫނީގޮތުން ވެއްދުން މަނާއެއްޗެއް ވެއްދުމުގައި އޮފިސަރަކު ބައިވެރިވެއްޖެނަމަ އެއީ ކަރެކްޝަން ސާވިސްގެ އޮފިސަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަނުވަނީ. އެފަދަކަމެއް ސާބިތުވެއްޖެ އޮފިސަރަކު މިމުއައްސަސާގައި ހުރުމަކީ އަޅުގަނޑު ގަބޫލުކުރާނެ ކަމެއްނޫން. އަޅުގަނޑުމެން ޓޮލަރޭޓް ކުރާނެ ކަމެއްނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި އަމާންކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖަލަށް ވަނުން ނުވަތަ ވެއްދުން މަނާތަކެތި ކޮންމެސް ގޮތަކަށް ޖަލަށްވަނުން ކަމަށެވެ.

އެހެންކަމުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު އެއް މަސައްކަތަކީ ޖަލަށް ވަނުން މަނާތަކެތި ޖަލަށް ވަނުން ހުއްޓުވުން ކަމަށެވެ.

މިއަދު ފެށި އެއް ދުވަހުގެ މަސައްކަތު ބައްދަލުވުން ނިމޭއިރު ނަތީޖާއަކަށް ވާން ޖެހޭނީ، ބައްދަލުވުމުގެ ހުރިހާ ބައިވެރިންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ޖަލަށް ވަނުން މަނާތަކެތި މަދުކުރެވޭނެ ގޮތްތައް ހޯދާ އެކަމަށްޓަކައި ރަނގަޅު ނިޒާމެއް އެކަށައެޅުންކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް