ނަހޫ އާއި ބިންމާ ގުޅިގެން ބައިސްކޯފް ސީރީޒެއް ގެނެސްދެނީ

ނަހުލާ އާއި ބިންމާ ގުޅިގެން ވެބް ސީރީޒެއް ގެނެސްދެނީ---

ރާއްޖޭގެ ނަން މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދާއި ޑައިރެކްޓަރު ފާތިމަތު ނަހުލާ ގުޅިގެން ސީރީޒެއް ގެނެސްދިނުމަށް ނިންމައިފި އެވެ.

ހުވާ ގެ ފުރަތަމަ ސީޒަނު ގެނެސްދިނުމަށްފަހު ނަހޫ ދެން ގެނެސްދޭ ސީރީޒް އަކީ “ދަޅަ” އެވެ. އޭގެ ވާހަކަ ލިޔަނީ ބިންމާ އެވެ. ބިންމާ މިހާރު ދަނީ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދެ ލިޔުންތެރިން އެކުވެގެން އެ ސީރިޒް ގެނެސްދިނުމަށް ނިންމާފައިވާއިރު އެ ސީރީޒް ވެސް ގެނެސްދޭނީ ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށެވެ.

ސީރިޒްގެ ޝޫޓިން މިއަހަރު ފަހުކޮޅު ފެށުމަށް ނިންމާފައިވާއިރު ދަޅަ ގެނެސްދޭނީ އަންނަ އަހަރު ކުރީކޮޅު ކަމަށް ނަހޫ ސަން އަށް ބުންޏެވެ.

ޖުމްލަ 56 އެޕިސޯޑުގެ އެ ސީރިޒްގެ އެޕިސޯޑެއްގައި 20 މިނެޓު ހިމެނޭނެ އެވެ. ދަޅަ އަކީ ފެމެލީ ޑްރާމާ އެކެވެ.

"އިމޯޝަންވާނެ މި ސީރީޒް ވެސް. ރީތި ސީރީޒެއް ބެލުންތެރިންނަށް ގެނެސްދެވޭތޯ މަސައްކަތް މިކުރަނީ،" ނަހޫ ބުންޏެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި އަބްދުލް ފައްހާތް ޑައިރެކްޓްކުރި "ތިއޭ މި ހިތުގެ ވިންދަކީ" އަކީ ވެސް ބިންމާގެ ވާހަކައެކެވެ.

ނަހޫ އާއި ބިންމާ ވަނީ 90ގެ ތެރޭގައި ޓީވީއެމުން ގެނެސްދިން ޑްރާމާ ކައްތިރި ގައިވެސް އެއްކޮށް މަސައްކަތްކޮށްފަ އެވެ.

comment ކޮމެންޓް