މެމްބަރު މުއިއްޒު، އަލިފާނާއި ޓެރަރިޒަމާ ގުޅުވީ ހިއެއްގެ މައްޗަށް: އިމްރާން

މެމްބަރު މުއިއްޒު: އޭނަގެ ވާހަކަތަކަކީ، ހީއެއްގެ މައްޗަށް ދެއްކި ވާހަކަތަކެއް ކަމަށް އިމްރާން ވިދާޅުވި --- ފޮޓޯ/ މަޖިލިސް

ހެންވޭރު އަބަދަށްފެހިމަގުގައި ހިނގި އަލިފާނުގެ ހާދިސާއާ ޓެރަރިޒަމްގެ ހާދިސާއަކާ ގުޅުވައި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ވާހަކަދެއްކެވީ ހިއެއްގެ މައްޗަށް ބިނާކުރައްވައިކަމަށް ވިދާޅުވިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ، އެކަކު މަރުވެ 26 ގެއަކަށް ގެއްލުން ލިބުނު އެ އަލިފާނުގެ ހާދިސާ އަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް މުއިއްޒު ތުހުމަތުކުރައްވައި، ސޯޝަލް މީޑިއާގައި ވާހަކަދެއްކެވިއެވެ. އަދި އެ ވާހަކަތައް މެމްބަރު އިތުރަށް ތަކުރާރުވެސް ކުރެއްވިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، މުއިއްޒުގެ ވާހަކަތަކުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދުނު ކަމަށެވެ. އަދި އެ ވާހަކަތަކާ ގުޅިގެން ފުލުހުން އޭނާއާ ސުވާލުވެސް ކުރި ކަމަށެވެ.

"[މުއިއްޒު ވިދާޅުވީ] ލިބިފައިވާ އެއްވެސް ކަހަލަ ސާފު މައުލޫމަތުގެ މައްޗަށް ވިދާޅުވި ވާހަކައެއް ނޫން ކަމަށް. އެބޭފުޅާ ހީކުރެއްވި ގޮތެއް ހާމަކޮށްލެއްވީ ކަމަށް،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އެހާ ސީރިއަސް ބޮޑު ކަމެއްގައި ހީއެއްގެ މައްޗަށް އެއްވެސް ބޭފުޅަކު އެފަދަ ރައްޔިތުން ކަންބޮޑުވާ އެއްޗެއް ވިދާޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާއަށް ދެންނެވި ކަމަށެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މުއިއްޒުގެ ވާހަކަތަކަށް ބާރުދޭ އެއްވެސް ހެއްކެއެ ނެތް ކަމަށެވެ. އަދި އެއީ ޓެރަރިޒަމްގެ އަމަލެއް ކަަމަށް މިހާތަނަށް ލިބުނު މައުލޫމަތުން އެނގޭކަން ނެތް ކަމަށެވެ.

"[މުއިއްޒުގެ] އެ ވާހަކަތައް ސަބްސްޓޭންޝިއޭޓް [ބާރު ލިބޭ] އިތުރު ހެއްކެއް، އިތުރު ގަރީނާއެއް ނުވަތަ އިތުރު މައުލޫމަތެއް އަޅުގަނޑުމެންނަށް ލިބިފައެއް ނެތް،" ސީޕީ ހަމީދު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ

ކެމިކަލް ގުދަނުުގެ އަލިފާނުގެ ހާދިސާ ހިނގިތާ ހަފްތާއެއްހާ ދުވަސްތެރޭ އަނެއްކާވެސް ޓީޗެޓީ ސަރަހައްދުގައި އޮތް ލޯންޗެއްގައި ރޯވެ، ފަސް ބައުޒަރެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އެއާއެކު މިއީ ބަޔަކު ގަސްތުގައި ކުރަމުންދާ ކަމެއް ކަމަށް ވެސް ޝޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތު ކުރެއެވެ.

ސީޕީ ވިދާޅުވީ، ދެ ހާދިސާގެ ތަހުގީގަށް ވެސް މިހާތަނަށް އެއީ ޓެރަރިޒަމްއާ ގުޅުން ހުރި ކަމެއް ކަމަށް އެނގިފައި ނުވާ ކަމަށެވެ.

އަބަދަށްފެހިމަގުގެ އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެ ހާދިސާ އަދިވެސް ދަނީ ތަހުގީގުކުރަމުން ކަމަށާއި މިހާތަނަށް ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެ ހާދިސާއަކީ، އެއްވެސް މީހަކު ގަސްތުގައި ކުރި ކަމަކުން ނުވަތަ އިހުމާލުވުމުގެ ސަބަބުން ވީ ކަމެއް ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް ބެލި ބެލުމުން އެއްވެސް ފަރާތެއްގެ އިހުމާލެއް ނުވަތަ ޒިންމާއެއް ނުވަތަ ގަސްތުގައި މީހަކު ކުރިކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވޭ. އަދިވެސް މި ދަނީ މި މައްސަލައާ ގުޅޭ އިތުރު މައުލޫމަތު ސާފުކުރަމުން،" ބަޝީރު ވިދާޅުވިއެވެ.

އަބަދަށްފެހިމަގުގައި ހ. ތިލަފުށީ ގޭގައި ކެމިކަލް ގުދަނުގައި ރޯވީ، މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ކެމިކަލް ގުދަނުގައި ރޯވެ، ހިނގި ބިރުވެރި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، އެ ސަރަހައްދުގެ 26 ގެއަކަށް އެކިވަރުގެ ގެއްލުންވިއެވެ. އޭގެ ތެރޭގައި، ގެއްލުން ލިބުނު ހަ ގުދަނެއް ރޫޅާލައި، ތިން ގެއެއް މިހާރު ވަނީ ތަޅާލާފައެވެ. މީހުން ދިރިނޫޅެވޭ ވަރަށް އިތުރު ހަ ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ދިރިއުޅުމަށް ރައްކާތެރި ނަމަވެސް މަރާމާތުކުރަންޖެހޭ ހަ ގެއެއް ހިމެނެއެވެ.

މި ހާދިސާގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއޭއެން) އިން 100 އެއްހާ މީހުންނަށް އަދިވެސް އެންޑީއޭއިން ދަނީ، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް