ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަން، ޖޯޖަށް ކަމުނުދޭ

ގޭމް އޮފް ތްރޯންސް ވާހަކަ ސީރީޒްގެ ލިޔުންތެރިޔާ ޖޯޖް އާރުއާރު މާޓިން --- ފޮޓޯ : މެޓްރޯ

ގޭމް އޮފް ތްރޯންސް ވާހަކަ ލިޔުންތެރިޔާ ޖޯޖް އާރުއާރު މާޓިން އަށްވެސް ގޭމް އޮފް ތްރޯންސް ޝޯގެ ފަހު ސީޒަން ކަމު ނުދާ ކަމަށް އިޝާރާތްކޮށްފި އެވެ.

އެޗްބީއޯގެ އެންމެ މަގުބޫލު ޝޯ ކަމަށްވާ ގޭމް އޮފް ތްރޯންސްގެ އެންމެ ފަހު ސީޒަން އަކީ ބެލުންތެރިންނަށް ކަމުދިޔަ ސީޒަނެއް ނޫނެވެ. އެ ސީޒަން ނިމިގެންދިޔައީ ބެލުންތެރިން ރުޅި އަރުވާލާފައެވެ. ޝޯގެ ފޭނުންނަށް ސީރީޒްގެ ފަހު ސީޒަން ހަމަ އެއްގޮތަކަށްވެސް ކަމަކު ނުދިޔައެެވެ.

ގޭމް އޮފް ތްރޯންސް ޝޯ އުފައްދާފައިވަނީ ޖޯޖް އާރުއާރު މާޓިންގެ ވާހަކަ ސީރީޒްއަކަށް ބިނާކޮށެވެ. ނަމަވެސް ވާހަކަ ސީރީޒް އަދި ނުނިމޭއިރު ސީރީޒް ނިންމާލާފައިވަނީ ސީރީޒްގެ ޕްރޮޑިއުސަރުންގެ އަމިއްލަ ސްކްރިޕްޓަށެވެ.

ޖޯޖް ބުނިގޮތުގައި ސީރީޒް ފިނާލޭ އަދި ފަހު ސީޒަން، އޭނާގެ ވާހަކައަށް އިންސާފުކޮށްފައެއް ނުވެއެވެ. އޭނާ ބުނީ ސީރީޒް ވަނީ ވާހަކައަށް "ބޭވަފާތެރި"ވެފައި ކަމަށެވެ.

ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަން ކަމު ނުގޮސްގެން ބެލުންތެރިން ވަނީ ސީޒަން އަލުން ހެދުމަަށް ބޮޑު ޕެޓިޝަނެއްވެސް ހަދާފައެވެ. އެގޮތުން އެ ޕެޓިޝަންގައި އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

comment ކޮމެންޓް