މަޖުބޫރު ވީމާ - 18

މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

އެންމެ ފުރަތަމަ ފަންގިފިލާއިން އޭނާ އާއި ދިމާވީ މުސްކުޅި ދެމަފިރިއަކާއެވެ. އެގޭގައި އިތުރު މީހަކު ނޫޅޭކަން ޔަގީން ވުމުން ދެން އޭނާ އެރީ ދެވަނަ ބަޔަށެވެ. އެބައިން ދޮރެއް ނުހުޅުވައެވެ. ތިންވަބައިގައި ޓަކި ޖަހާލާ ނަވީން މަޑުކޮށްލިއެވެ. އެތެރޭން ވަންނާށޭ ބުނެލި އަޑު އިވުނެވެ. މަޑު މަޑުން ދޮރުފަތް ހުޅުވާލާފައި އެތެރެއަށް އަޅާލި ފިޔަވަޅާ އެކު އޭނާގެ ކަރާ ދިމާލަށް އަމާޒުވީ ތޫނު ވަޅިއެއްގެ މިޔައެވެ.

"ކާކު؟ ކީކުރަން އަހަރެންނަށް ފާރަ ލަނީ؟" ފުރަގަހުގައި ހުރެ އެ ޒުވާނާ ސުވާލުކުރުމާއެކު ނަވީން ވާހަކަ ދެއްކިއެވެ.

"އަހަރެންމީ.. ކާކުކަމެއް ހަނދާނެއް ނެތްތަ؟" ބިރުން ހުރިނަމަވެސް ނަވީން އަޑަށް ބާރުލަމުން ވާހަކަދެއްކިއެވެ.

"އަހަރެން މީ ކަލެއަށް ގެއްލުމެއް ދޭން އުޅޭ މީހެއް ނޫން... އަހަންނަކީ ވެސް ކަލެއެކޭ އެއްގޮތަކަށް ޔާސިރުގެ ކިބައިން ބަދަލު ހިފަން އުޅޭ މީހެއް..." ނަވީން ދެވަނަ ފަހަރަށް ވާހަކަދެއްކިއެވެ. އެއާއެކު ހިނދުކޮޅަކަށް ކޮންމެވެސް ކަހަލަ ލުޔެއް އެ ޒުވާނާ ދިނެވެ. އެހެންނަމަވެސް ސިކުންތުކޮޅެއް ފާއިތުވުމާއެކު އަނެއްކާވެސް ވަޅިއަށް ބާރު ކޮށްލަމުން އިހުނަށްވުރެ ވަޅި ނަވީންގެ ކަރާ ކައިރިކޮށްލިއެވެ.

"އަހަރެން ކިހިނެތް ތި ވާހަކަ ގަބޫލުކުރާނީ؟" ރާފިހް ވާހަކަދެއްކިއެވެ.

'އަހަރެން ދައްކާ ވާހަކަ ވެސް އަޑު އަހާލީމާ ދޯ އެނގޭނީ... ފެންނަ އިރަށް ކޮންކްލޫޝަންއަކަށް ދިޔައިމަ ނޭނގޭނެ ހަޤީގަތެއް" ނަވީން ވިސްނައިގެން އޭނާގެ ވާހަކަ ބައްޓަން ކުރަމުން ގެންދިޔައެވެ.

"ކާކުތީ؟" ވަޅި ތިރިކޮށްލާ ނަވީންއާއި ދުރަށް ޖެހިލަމުން އެ ޒުވާނާ ސުވާލުކުރިއެވެ.

"އަހަރެންނަށް ބަލާލާފަ ކާކުކަމެއް ނޭނގޭތަ؟" ރީތިކޮށް ރާފިހްއާ ކުރިމަތިލަމުން ނަވީން ސުވާލުކޮށްލިއެވެ.

"ދަންނަ މޫނަކާ ވައްތަރު.. އެކަމަކު ސީދާ ކާކުކަމެއް ނޭނގެ" ރާފިހްގެ ސިކުނޑިއަށް އެއީ ކާކުކަމެއް ނަގައެއް ނުގަނެވުނެވެ.

"އަހަރެންމީ ނަވީން.... ބިޒްނަސް އެކްޕާރޓްސް..."

"ކުންފުނީގެ އެމްޑީ... ޔާސިރުގެ ދަރިފުޅު" ކުއްލިއަކަށް ރާފިހްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

'އާނ... އެރޭ ޔާސިރު މަރުނުވެ ސަލާމަތްވީ އަހަރެންގެ ސަބަބުން" ނަވީން ވާހަކަދެއްކިއެވެ.

"ޔާސިރުގެ ދަރި.... ނަވީން.... ކަލޭ ކީ ކުރަން އަހަރެންގެ ފަހަތުން ތިއުޅެނީ...؟"

"އަހަރެން ކުރިންވެސް ބުނެފީމެއްނު އަހަރެން ބޭނުންވަނީ ޔާސިރުގެ ކިބައިން ބަދަލް ހިފާށޭ" ނަވީން ކުރިން ބުނި ވާހަކަ ތަކުރާރު ކޮށްލިއެވެ.

"ކަލޭ ތިއުޅެނީ ކޮންމެވެސް ފައިދާއެއް އަހަރެންގެ ފަރާތުން ނަގަންތަ؟ ބައްޕައާ ދެކޮޅަށް ދަރިއަކު ތެދުވަން ޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުފެނޭ" ރާފިހްގެ މޫނުމަތިން ރުޅިވެރިކަން ފެނުނެވެ.

"ރާހިފް ތި ބަދަލް ހިފަން ބޭނުންވާ ކަމުގައި އަހަރެން އެއްބާރުލުން ދޭނަމޭ ބުނެފިއްޔާ؟" ނަވީން ސުވާލުކޮށްލިއެވެ.

"ކަލޭ އަހަންނަށް އެހީތެރިވާން ޖެހޭ އެއްވެސް ސަބަބެއް ނުފެނޭ. އެހެންނޫނީ އެރޭ އަހަރެން އޭނާ މަރާލަން ފުރުސަތު ދިނީނެއްނު..." ރާފިހް ވާހަކަ ދެއްކިއެވެ.

"އޮވެދާނެއެއްނު... އަހަންނަކީ ވައުދެއް ވިއްޔާ އެއަށް ކަމޭހިތާ މީހެއް..... އެ އުވައެއް ނުލާނަން... ޔާސިރުގެ ކިބައިން އަހަރެން ބަދަލު ހިފަން ބޭނުންވަނީ ބޮޑު ސަބަބަކާ ހެދި.. ކަލޭގެ އެހީތެރިކަން އަހަރެން ބޭނުން... އޭރުން އަހަރެން ކަލެއަށް އެހީތެރިވާނަން" ނަވީން ބުނެލިއެވެ.

"އަހަރެން ޔާސިރުއަށް ގުޅާފަ ކަލޭ މިތަނަށް އައި ވާހަކަ ބުނެފިއްޔާ؟"

"ކަލޭ އެކަހަލަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އަހަރެންނަށް އެބައޮތް... ޔާސިރުގެ ކިބައިން ބަދަލުހިފަން ފެންބޮވައިގަނެފައި ހުރި ވަރު އަހަރެންގެ ދެލޮލުން ދުށިން...އެކަމަކު އަހަރެން އެރޭ ކަލޭ ހުއްޓުވި ސަބަބެއްވެސް އެބައޮތް... ޔާސިރު ހާ ދަށި ދަރަޖައަށް ކަލޭ ވެއްޓެން ބޭނުންނުވީތީ..." ނަވީން ހަމަޖެހެމުން ވާހަކަދެއްކިއެވެ.

"އަހަންނަކީ ރާފިހް... ކަލޭގެ ބައްޕަ އަކީ އަހަރެންގެ ބައްޕަގެ ޤާތިލް" ރާފިހްގެ ލޮލުން ކޮންމެވެސް ވަރެއްގެ ރިހުމެއް ފެނިލިހެން ހީވިއެވެ. އޭނާ ނަވީންއަށް ބަލާލާ ދެވަނަ ފަހަރު އެއްޗެއް ބުނަން އުޅުނު ނަމަވެސް ދެވަނަ ސިކުންތުގައި ދުރުބަލާލިއެވެ.

"އަހަންނަށް އެނގޭ ކަލެއަށް އަހަރެން ދައްކާ ވާހަކަ ގަބޫލުކުރަން ފަސޭހަ ނުވާނެކަން... އެކަމަކު އަހަރެންނާ އެއްބައިވެއްޖެއްޔާ ކަލެއަށް ވެސް އެކަމުގެ ފައިދާ ލިބޭނެ.... އަހަރެން މި ދައްކާ ވާހަކައާއި އަމަލުތަކާ ދިމާނުވަންޏާ އަހަންނަށް އޯކޭ ކަލޭ އަހަރެން މަރާލިޔަސް... އެކަމަކު އަހަރެންގެ ވާހަކަވެސް އަޑު އަހާލާފަ ގޮތެއް ނިންމުން މުހިންމު... އަހަރެންގެ އެހީތެރިކަމާއި ނުލާ ކަލެއަށްވެސް ޔާސިރުގެ ކިބައިން ބަދަލުހިފަން އުނދަގޫވާނެ. އަނެއްކޮޅުން އެހެންމީހެއްގެ އެހީތެރިކަމާއި ނުލާ އަހަންނަށްވެސް ޔާސިރު ފަޟީހަތް ކޮށެއް ނުލެވޭނެ... އަހަރެމެން ދެމީހުންނަށް ވެސް އެކަކު އަނެކަކުގެ އެހީތެރިކަން ވަރަށް މުހިންމު... ކީކޭ ބުނަނީ؟" ނަވީން ބުމަ އަރުވާލިއެވެ.

"އިރުކޮޅަކު ވިސްނަން ހުރި ފަދައިން ހުރުމަށްފަހު ރާފިހް ބޯ ޖަހާލިއެވެ. އެހެންނަމަވެސް އޭނާ ފުރިހަމައަށް ނަވީން އަކަށް އިތުބާރެއް ނުކުރެއެވެ. އޭނާ އެއްވެސް މީހަކަށް އިތުބާރު ކުރާކަށްވެސް ބޭނުމެއް ނޫނެވެ.

"ސަލާމައް އަތް ދިއްކޮއްލަމުން ދެވަނަ ފަހަރު ނަވީން އޭނާގެ ނަން ތަކުރާރު ކޮށްލިއެވެ. އެއާއެކު ރާފިހް ވެސް ނަވީންގެ އަތުގައި ހިފަމުން އޭނާގެ ނަން ބުނެލިއެވެ.

މާގިނަ ވާހަކައެއް ދެއްކުމެއްނެތި ނަވީން އެގެއިން ނުކުތީ ރާފިހްގެ ފޯނު ނަންބަރު ވެސް ނަގައިގެންނެވެ. ނަވީން ދިޔަފަހުން އަނެއްކާ އޭނާއަށް އެކުރެވުނީ ރަނގަޅުކަމެއް ބާއޭ ހިތަށް އަރާ ރާފިހްއަށް ވިސްނާލެވުނެވެ. ނަވީންއަކީ އިތުބާރު ކުރެވޭ ވަރުގެ މީހެއްހެއްޔެވެ؟ ނަވީންގެ ސިއްރެއް އޭނާއަކަށް ނޭނގެއެވެ. އެހެންނަމަވެސް ނަވީންގެ މޫނުމަތިން ފެނުނު އަސަރުތަކުން އޭނާ ވެސް ޔާސިރުއަށް ނުހަނު ނަފްރަތު ކުރާކަން ދޭހަވެއެވެ. އޭނާ އެއިން އެއްވެސް ވާހަކައެއް މީހެއް ކައިރި އަދި އަމްދުން ޔާސިރު ކައިރީގައި ނުދައްކާނެކަން ނަވީންއަށް އެނގުނީ ކިހނެތް ހެއްޔެވެ؟ އޭނާ ހުރީ ކޮންމެ ހާލެއްގައިވެސް ޔާސިރުގެ ކިބައިން ބަދަލް ހިފަން ބޭނުންވެފައިކަން ނަވީންގެ ވިސްނުން ތޫނު ސިކުނޑިއަށް ނަގައިގަނެވުނީ ހެއްޔެވެ؟ އެހާ ޔަޤީންކަން އޮންނާނީ އެހެންވެ ނޫންހެއްޔެވެ؟

ނަވީން ކާރަށް އަރާ ސީޓުގައި ހަމަޖެހިލިއެވެ. މިކުރެވުނީ އަނެއްކާ ރަނގަޅު ކަމެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އާއެކެވެ. ކާމިޔާބު ވާނީ ކަންތައްތަކާ ކެރިގެން ކުރިމަތިލުމުންނެވެ. މި ވަގުތަށް އޭނާއަށް އެންމެ މުހިންމީ ޔާސިރުގެ ހަޤީގަތް ފަޅާ އަރުވާލުމެވެ. އަމިއްލަ ބައްޕައަށް ވިޔަސް ޔާސިރު އާމެދު އޭނާގެ ހިތުގައި ވަނީ ހުސް ނަފްރަތެވެ.

*****

ޝަކީބުއަކީ ސައްތާރުގެ ތިބި ހަތަރުކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. ސައްތާރު ކައިވެންޏެއް ކުރުމުގެ ކުރިން ކުރި ވިޔާނުދާ އަމަލެއްގެ ނަތީޖާއަކަށްވެގެން ދިޔައީ ޝަކީބު ދުނިޔެއަށް އުފަންވެގެން ދިޔުމެވެ. ޝަކީބު ވިހާފައި ނަބީލާ ދުނިޔެ ދޫކުރުމުގެ ސަބަބުން ޝަކީބު ބަލަމުން ގެންދިޔައީ ސައްތާރެވެ. ސައްތާރުގެ އާއިލާގެ ތެރޭގައިވެސް ޝަކީބުއަށް މާބޮޑު އަޅާލުމެއް ނުލިބެއެވެ. އެމީހުން ތިބެނީ ޝަކީބުއާ ހެދި އުނދަގޫވެފައެވެ. އާއިލާގެ ވެސް އެދުމާއެކު ސައްތާރުވެސް މީހަކާ އިނީއެވެ. މީހަކާ އިންއިރު ޝަކީބުގެ ވާހަކަ އޮތީ ސިއްރުކޮށްފައެވެ. ދުރުތާ ތިމާގެ ކުއްޖެއްގެ ގޮތުގައި ޝަކީބު ވަނީ ލޭބަލްކޮށްފައެވެ. އެހެންނަމަވެސް ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވެ އަންހެނުން ހަބީބާއަށް ޝަކީބުއަކީ ކާކުކަން އެނގުނީއެވެ. އެހިސާބުން އެމީހުންނަށް މަޖުބޫރުވީ ޝަކީބު އެމީހުންނާ ދުރުގައި ގެންގުޅޭށެވެ. އެހެންވުމުގެ ސަބަބުން މާލޭން ގެއެއްގަނެ މެއިޑަކާއެކު އެމީހުން ޝަކީބު އެގޭގައި ބެހެއްޓީއެވެ. ސައްތާރު ވެސް އެހާ ހިންހަމެޖެހޭ ކުއްޖަކަށް ޝަކީބު ނުވެއެވެ. ކޮންމެވެސް ވަރެއްގެ ހަމްދަރުދީއެއް ނަބީލާއާ މެދު ވީތީ ދެން ޝަކީބު ގެންގުޅެނީއެވެ. އާއިލާގެ ނަފްރަތު އަމާޒުވެގެން ދިޔުންވެގެން ދިޔައީ ޝަކީބުގެ ހިތުގައ ސައްތާރުއާ މެދުވެސް ނަފްރަތު އުފެދެން މެދުވެރިވި ސަބަބަކަށެވެ. އުމުރުން އަށާރަ އަހަރު ފުރި ނަވާރަ އަހަރުފުރުނު ފަހުން އަމިއްލަ ފައިމައްޗަށް ތެދުވެ ވަޒީފާގެ މާހައުލަށް ނުކުންނަން ވެގެން ޝަކީބު ސައްތާރު ގާތު ބުނުމުން ސައްތާރު އާއެކޭ ބުނިނަމަވެސް އެ އާބަހުގެ ސަބަބުން އަނެއްކާވެސް ޝަކީބުއަށް ލިބުނީ ހިތްދަތިކަމެކެވެ. ބައްޕަގެ ކުންފުނީގެ ވަޒީފާއެއް އޭނާއަށް ފަހު ވަގުތު ނުލިބޭނޭކަމަށްބުނީއެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރަން ޖެހުނީ މީހެއްގެ ގަރާޖެއްގައެވެ. އެތަނުން ލިބޭ މަދު ލާރިކޮޅުން އޭނާ ކޯހެއް ހެދޯ ތޯ އުޅުނެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ފޫހިވެގެން ހުއްޓާލީއެވެ.

އަހަރުތަކެއް ފާއިތުވެ ހިނގައްޖެއެވެ. ސައްތާރުގެ ދެން ތިބި ތިން ކުދިންވެސް ތިބީ ބޮޑުވެފައެވެ. އެ ތިން ކުދިންނަށް ވެސް ސައްތާރުގެ އޮފީހުން ވަޒީފާ ލިބުނެވެ. ކުންފުނީގެ އިސްމަގާމުތަކެވެ. އެހެންކަމުން އަނެއްކާވެސް ހިތްވަރުކޮށްފައި ޝަކީބު ސައްތާރު ކައިރިއަށް އޭނާއަށް ވަޒީފާއެއް ލިބޭތޯ ދިޔައެވެ. މިފަހަރު ކުރީ ފަހަރާ ހިލާފަށް ސައްތާރު އެއްބަސްވިއެވެ. އޭރު ޝަކީބު އުޅުނީ މީހަކާވެސް އިނދެގެންނެވެ. ހިތްދަތިކަން އިންތިހާއަށް ދިޔައީ ސައްތާރުގެ އަމަލުތައް މި ފަހަރުވެސް ހުރިގޮތުންނެވެ. އޮފީހުން އޭނާ އަށް ދިނީ މަސައްކަތު މީހެއް ވަޒީފާއެވެ. އެކަމާ އިންތިހާއަށް ދެރަވިނަމަވެސް ޝަކީބު ޝަކުވާއެއް ނުކުރެއެވެ. އެހެންނަމަވެސް ހިތުގައި އުފެދެމުން ދިޔައީ އންތިހާ ނަފްރަތެވެ. އޮފީހުގައި އެހެން އުޅެން ޖެހުމާއި ބައްޕަގެ ފަރާތުން އެހެން ކުދިންނަށް ލިބެމުންދާ ލޯބި ފެނި ޝަކީބުގެ ހިތުގައި ދިޔައީ ނަފްރަތުގެ ހުޅު ރޯވަމުންނެވެ. ކުންފުނީގެ މުހިންމު މައުލޫމާތުތައް އޭނާ ވަގަށް ނަގަން ފެށީ އެ ކުންފުނި ބަނގުރޫޓް ކޮށްލުމުގެ ބޭނުމުގައެވެ. އެހެން އުޅުމުގެ ތެރޭގައި އޭނާ ޔާސިރުގެ ލޮލުގައި އަޅައިގަތީއެވެ.

ޔާސިރުގެ ފަރާތުން އޭނާ އަށް ލިބުނީ އޮފާއެކެވެ. އެ ކުންފުނީގެ އިސްމަޖާމަކަށް އައުމަށެވެ. ހަޤީގަތުގައި ރެޑް ލީފް ކުންފުންޏަކީ އޭރުވެސް ޔާސިރުމެންގެ ކުންފުންޏާއި އެންމެ ބޮޑު ދުޝްމަނުކަމެއް އޮތް ކުންފުންޏެވެ. ޔާސިރުގެ އެދުމަށް އެއްބަސްވެ އޭނާ އެ ކުންފުންޏާއި ގުޅުން ވެގެން ދިޔައީ ސައްތާރު އާއި ޝަކީބުއާ ދެމެދު ރުޅިވެރިކަން އުފެދުނު ސަބަބަކަށެވެ. ޔާސިރު ކައިރީގައި އެތައް އަހަރެއް ހޭދަ ކުރުމަށްފަހު މިއަދު އަނެއްކާވެސް ޝަކީބު ބައްޕަގެ ކުންފުންޏާއި ގުޅުނު އެންމެ ބޮޑު ސަބަބަކީ އެ ކުންފުނީގެ ބާރު އޭނާގެ އަތްމައްޗަށް އެރުމެވެ. އަނެއްކޮޅުން ޔާސިރު އޭނާ ހުރި މަޤާމުން ދުރުކުރުމަށްފަހު އެއަށްވުރެ ދަށް މަޤާމަކަށް ހަމަޖެއްސުން ވެގެން ދިޔައީ ޔާސިރު އާ މެދުވެސް ދެކޮޅުވެރިކަން އުދެފެން މެދުވެރިވި ސަބަބެވެ. ރެޑްލީފް ކުންފުނިން ތިބީ އެފަދަ ދަނޑި ވަޅަކަށް ބަލަބަލައެވެ. އެމީހުންގެ އަމިއްލަ ބޭނުމަށް އެމީހުން އަނެއްކާވެސް ޝަކީބު ގެނައީއެވެ. ބޭނުމަކީ ޝަކީބުގެ ފަރާތުން މުހިންމު މައުލޫމާތުތަކެއް ހޯދައިގެން އެމީހުންގެ ކުންފުނި ކުރިއެރުވުމެވެ. ކުރިއަށް ޔާސިރުމެން ރާވާފައިވާ ކަންތައްތަކުގެ މައުލޫމާތު އެއްކުރުމެވެ. އެންމެ ކުރީއްސުރެ ދެކޮޅުވެރި ދެ ކުންފުނި ކަމަށް ވުމުން އެއްބަޔަކަށް ކުރިއެރުމެއް ލިބޭކަށް އެއްއިރެއްގައިވެސް އަނެއް ބަޔަކު ނޭދެއެވެ. އެކަމެއް އަދި އަދަށް ދާންދެންވެސް ޝަކީބުއަކަށް ނޭނގެއެވެ. ސައްތާރު ޤަބޫލުކުރާގޮތުގައި އެނގޭކަށްނުވެސް ޖެހޭނެއެވެ. އަދިވެސް އޭނާގެ ވިސްނުން ހުރީ ޝަކީބުގެ ފަރާތުން އޭނާގެ އެދުން ހާސިލް ވުމާއެކު ޝަކީބު މަޤާމުން ދުރުކުރުމެވެ.

"އަދިވެސް އޭނާ މަޤާމުން ދުރުކުރާކަށް ނުވޭތަ؟ މިހާރު ކޮން ދުވަހެއް.... އަދިވެސް ތި ކުރަން އުޅޭކަމެއް ނުވޭ؟" ހަބީބާ ނުރުހުން ފާޅުކުރިއެވެ.

"އަހަރެން މަޑުކުރީ އޭނަ ހަމައަކަށް އެޅެންދެން... އެޅުނީމަ އެ ކުންފުނީގެ މައުލޫމާތުތައް އަހަރެން އޮޅުން ފިލުވާނަން... ހަބީބާ ކަންބޮޑުނުވެބަލަ. އަހަރެން މިހާރުވެސް މިއުޅެނީ އަހަރެންގެ އަދި އަހަރެންގެ ދަރިންގެ ފައިދާއަށޭ.... އޭނައަކީ އަހަރެންގެ ދަރިއަކަށް ވިނަމަވެސް އަހަރެންގެ ހިތުގައި އޭނައާމެދު ދަރި ކުލުނެއް ނެތް.... އޭނަ އަހަރެމެން ދޫކޮށްލާފަ ޔާސިރުމެން ގާތަށް ދިޔައީތީ އެކަނިވެސް އަހަރެން ބޭނުން އޭނާގެ ކިބައިން ރަނގަޅު ބަދަލެއް ހިފަން" ސައްތާރު ކޯކް ތަށިން ކޯވަރެއް ދަމާލަމުން ވާހަކަދެއްކިއެވެ. ދެމީހުން ތިބީ ގޭގެ ޓެރެސްގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި މަޑުކޮށްލައިގެން ވާހަކަދައްކާށެވެ.

އޭނާ ޝަކީބު ގެނައި އެމީހުންގެ ކުންފުންޏަށް އެތައް މިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ފަހުންނެވެ. ފަހުން ކޮންމެ ޕްރޮޖެކްޓެއްވެސް ކާމިޔާބު ކުރަނީ ޔާސިރުމެންނެވެ. ކުންފުނީގެ އާމްދަނީ ދިޔައީ ހައްތަހާ ދަށަށެވެ. އެގޮތުން ޔާސިރުމެން ކުންފުނީގެ ކޮރަޕްޝަންގެ އަމަލުތައް އެކަނިވެސް އެމީހުންނަށް ފަޅާއަރުވާލެވިއްޖެއްޔާ ބޮޑު ފައިދާއަކަށް ވާނެއެވެ.

*****

ފަސްމަސް ފާއިތުވެގެން ދިޔައިރު ވެސް ޔާސިރުމެންނަށް ލިބެމުން ދިޔަ އިންޒާރުތައް ލިބެމުން ދިޔައެވެ. ކޮންމެ ދުވަހަކު ނޫނަސް ދޭތެރެ ދޭތެރެއިން އެ މެސެޖްތައް ލިބެއެވެ. ހީވަނީ ޔާސިރުމެންގެ އެ އަމަލު މަތިން ހަނދާން ނެތިދާނެތީ ހަނދާންކޮށްލަދޭހެންނެވެ. ނަވީންއާއި ރާފިހްގެ އެކުވެރިކަން ވެސް ފުދޭވަރަކަށް ބޮޑުވެފައިވާއިރު ކަންތައްތައް ގޮސްފައިވާ ހިސާބު ނަވީން ވަނީ އާހިލްއަށްވެސް ކިޔައިދީފައެވެ. އަނެއްކޮޅުން އިބާގެ ފަރާތުންވެސް ނަވީންއަށް ހިތްވަރު ލިބެއެވެ. މާހިރާއަށް ލިބެމުންދާ ކުރިއެރުމަކީ ނަވީން އެކަމާ އެންމެ އުފާ ކުރާކަމެވެ. އެކަކަށްވެސް ނޭނގުނު ކަމަކީ ހާދީ އަކީ ވެސް މާހިރާއަށް އެހާލަތު ކުރިމަތި ވުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތެއްކަމެވެ. މިއަދު ދުނިޔޭގައި ނެތްނަމަވެސް މެއެވެ. ހާދީގެ ދަރިފުޅު ރާފިހްއަކީ ކާކުކަން އެނގޭ ދުވަހަކުން އެ މީހުންގެ އެކުވެރިކަން މިގޮތުގައި އޮވެދާނެބާއެވެ. ނޫނީ އެ ދުވަހަކުން އަނެއްކާ ނަވީންއާއި ރާފިހް ވެސް ދުޝްމަމުންނަށް ވާނީބާއެވެ. އެ އަމަލު ހިންގީ ހާދީކަމުގައި ވިނަމަވެސް ރާފިހްގެ ހަށިގަނޑުގައި ހާދީގެ ލޭ ހިނގުން ވެގެންދާނީ ރާފިހް ކުށްވެރިކުރަން ނަވީންއަށް ލިބިގޭންދާނޭ ފުރުސަތަކަށްހެއްޔެވެ؟ ކޮންމެއަކަސް އެންމެންގެވެސް އެއްމަގްސަދެކެވެ. ޔާސިރުގެ ކިބައިން ބަދަލް ހިފުމެވެ.

ރާފިހް ޑްރެސިންޓޭބަލް ކައިރީގައި ހުރެ ރީތިވެ ނިންމާލައިގެން ނަވީންއަށް ގުޅާލިއެވެ. ފޯން ކޯލް ނިންމާލާފައި އޭނާ ވޮލެޓް ނަގާ ފަހަތު ޖީބަށް ލަމުން ގޭން ނުކުންނަން ހިނގައިގަތެވެ. ގެ ތަޅުލުމަށްފަހު ތިރިއަށް ފައިބާ މަޑުމަޑުން ސައިކަލާ ހިސާބަށް ދިޔައެވެ. ސައިކަލަށް އަރާ ދުއްވާލީ ނަވީންމެން ގެއަށް ދިޔުމަށެވެ. ނަވީންގެ މަންމަ ބަހައްޓާފައި ހުންނަ ގެއަކީ އެމީހުންގެ މަޝްވަރާތައް ކުރިއަށް ދާގެއެވެ. އެގެއަށް ގޮސް ބެލް ޖަހާލިއެވެ. މާގިނަ އިރެއްނުވެ ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެ އޭނާ ގޮސް ސޯފާގައި ޖައްސާލިއިރު ނަވީން އާއި އާހިލްވެސް މަޑުކޮށްލައިގެން ތިއްބެވެ.

މާހިރާ ގޮވައިގެން އިބާ ނުކުތީ މާހިރާއަށް ކާންދޭން ވެގެންނެވެ. ރޭގަނޑު ނުވައެއް ޖަހަނީއެވެ ހަވީރު ނިދާފައި މާހިރާ ހޭލީ ދެންމެއެވެ. އަދި މެންދުރުއްސުރެ އެއްވެސް އެއްޗެއް ނުކައެވެ. މާހިރާ ބަލާލީ ނަވީންއަށެވެ. އެގެއަށް އާހިލްއާއި ރާފިހް އަންނާތީ ކޮންމެވެސް ވަރަކަށް މާހިރާއަށް އުނދަގޫވާކަން އެމީހުންނަށް އެނގެއެވެ. އެހެންނަމަވެސް ނަވީން އަދި އިބާވެސް ބޭނުންވަނީ މަޑު މަޑުން ނަމަވެސް މީހުންގެ ތެރެއަށް މާހިރާ ހާނުވާށެވެ. އަބަދާ އަބަދު ކޮޓަރި ތެރޭގައި ބަންދުކޮށްގެން ގެންގުޅުމަކީ ވެސް ހައްލެއްނޫނެވެ. ހަޤީގީ އާއިލާ އަކީ ކޮބައިކަމުގެ އިޙްސާސް ކޮށްދޭން ބޭނުންވެއެވެ.

މާހިރާ ކެނޑި ނޭޅި ނަވީންއަށް ބަލަން ފެށުމުން އެ ބުނަނީ ކީކޭކަން އޭނާއަށް އެނގުނެވެ.

"މަންމާ.... ހިނގާ ކާން... އެންމަން އެއްކޮށް ދޯ ކާނީ" ނަވީން ސޯފާގައި ތިބި އާހިލް އާއި ރާފިހް އަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ނަވީން ވަނީ ރާހިފްއަށް ހަޤީގަތް ކިޔައިދީފައެވެ. ރާފިހް ވެސްމެއެވެ.

މާހިރާ ގެންގޮސް ގޮނޑީގައި ބޭންދުމަށްފަހު އެއްފަރާތުގައި ހުރި ގޮނޑީގައި ނަވީން އިށީނެވެ. މާހިރާގެ އަނެއްފަރާތުގައި އިބާ އިށީނެވެ. އަނެއް ފަރާތުގައ ރާފިހް އާއި އާހިލް ތިއްބެވެ. މާހިރާ ގެ ތައްޓަށް އެއްޗެހި އަޅައިދިނުމުން ސަމުސަލުގައި އަމިއްލަ އަށް ހިފައްޓައިގެން އިނދެ މާހިރާ ކާންފެށިއެވެ. ނަވީން ހިނިތުންވެލިއެވެ. މާހިރާއަށް އަންނަމުން ދަނީ މުޅިންވެސް ރަނގަޅު ބަދަލްތަކެވެ. އެކަމުން އޭނާއަށް ހަމަޖެހުން ލިބުނެއްކަމަކު އެ ހަމަޖެހުން ގެއްލޭނީ ކޮންއިރަކުން ބާއޭ ނަވީންގެ ހިތަށް އަބަދުވެސް އަރައެވެ. މާހިރާ ދުނިޔޭގައި ހުރިކަން ފުލުހުންނަށް އެނގޭނަމަ ހާލަތު ބަދަލުވާނީ ކިހިނެތްހެއްޔެވެ؟ އެކަން ޔާސިރުއަށް އެނގޭނަމަ ޔާސިރުގެ ދެވަނަ ފިޔަވަޅަކަށް ވާނީ ކޮންކަމެއްހެއްޔެވެ؟ މާހިރާ އާހިލްއާއި ރާފިހްއަށް ބަލަނީ ބީރައްޓެހި ބެލުމަކުން ކަމުގައި ވިނަމަވެސް އެ ދެމީހުން ފެނިގެން ކުރިން އުޅޭހެން ބިރަކުން މިހާރަކު ނޫޅެއެވެ. އަބަދާ އަބަދު ފެންނާތީ ކަމަށްވެސް ވެދާނެއެވެ. މާހިރާ އެކުގައި ރަނގަޅު ނުވާނެކަން ހުދު ނަވީންއަށް ވެސް އެނގެއެވެ. އެހެނެއްކަމަކު ބަލީގެ ސަބަބުން ދިމާވާ އުނދަގޫތައް ކުޑަކުރެވޭނެއެވެ. އޭނާ ބޭނުންވަނީ އެންމެންގެ އެހީތެރިކަމެވެ.

ކައި ނިންމާލުމަށްފަހު ތަށިތައް ނަގާފައި އިބާވެސް މާހިރާ ގޮވައިގެން ގޮސް ވަނީ ކޮޓަރިއަށެވެ. ދެން އޭނާ ނުކުތް އިރު ރާފިހްއާއި އާހިލް އުޅެނީ ދާށެވެ. ރާފިހް އޭނާގެ ވޮލެޓް ނަގާ ކޮންމެވެސް އެއްޗެއް އޮތްތޯ ޗެކްކޮށްލިއެވެ.

"ކާޑު ވެސް ނުލާ އެ އާދެވުނީ! އޭޓީއެމްއަށް އެބަ ދާންޖެހޭ ލާރިއެއްނަގަން" އަދިވެސް އެއްފަހަރު އޭނާ ވޮލެޓް ހާވާލިއެވެ. އެ ހިނދު ވޮލެޓްގެ ތެރެއިން ކުޑަ ފޮޓޯގަނޑެއް ވެއްޓުނުކަން އޭނާ ނުދެނެ ހުއްޓެވެ. ވެއްޓުނު ގޮތަށް ފޮޓޯގަނޑު ދިޔައީ ސޯފާ ދަށަށެވެ. ރާފިހްއާއި އާހިލްވެސް ދިޔުމުން ނަވީން އިބާ ގާތަށް ޖެހިލާފައި އިބާގެ އަތުގައި ހިފާލިއެވެ.

"ދަނީ މިރޭ.... މާދަން އަންނާނަން" ނަވީން އިބާއަށް ބަލާލާ ހިނިތުންވެލިއެވެ. އޭނާ ފަހު ފަހަރަށް މަންމަގެ ހާލެއްވެސް ބަލާލިއެވެ. ނަވީން ނުކުމެގެން ދިޔައެވެ. އެއާއެކު އިބާވެސް ސޯފާ މަތީގައި ބަހައްޓާލެވިފައިވާ ކުޝަންތައް ރީތިކޮށްލާފައި ޓީވީ ރިމޯޓް ވެއްޓިފައި އޮތީތީ އެ ނަގަން ކުޑަކޮށް ގުދުވެލިއެވެ. އެއާއެކު އަނެއްފަރާތުގައި ކޮންމެވެސް އެއްޗެއް ވެއްޓިފައި އޮތްތަން އޭނާގެ ލޮލުގައި އަޅައިގަތެވެ. ރިމޯޓް ނަގާ މޭޒުމަތީ ބޭއްވުމަށްފަހު އަނެއްފަރާތުން ގޮސް ވެއްޓިފައި އޮތް ފޮޓޯގަނޑު އޭނާ ނެގިއެވެ. އެއަށްފަހު އެއަށް ނަޒަރު ހިންގާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ކުޑަކޮށް ބިރުގަތެވެ. އަތުން ދޫވެގެން އެ ފޮޓޯގަނޑު ވެއްޓުނުއިރު އިބާގެ ދުލުން ކޮންމެވެސް އެއްޗެއް ބޭރުވާން އުޅުނުހެން ހީވިއެވެ. އެހެންނަމަވެސް ލިބުނު ޝޮކުގެ ސަބަބުން އޭނާގެ ބަސް ހުއްޓުނެވެ. އަދިވެސް އެއްފަހަރު ވެއްޓިފައިވާ ފޮޓޯގަނޑަށް ބަލާލުމަށްފަހު އޭނާ ދެ ފިޔަވަޅު ފަހަތަށް އަޅާލިއެވެ.

(ނުނިމޭ...)

https://sun.mv/124996

comment ކޮމެންޓް