މަޖުބޫރު ވީމާ - 17

މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

"ދޮންބޭ!... މަންމާ! ކޮން ވާހަކައެއްގަ؟" އަލޫކްގެ މޫނުމަތިން ފެނުނީ ހިނިތުންވުމެކެވެ. ނަވީންއަށް އަލޫކްގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ނުފެނުމާއެކު އޭނާވެސް ހަމަޖެހިފައިވާ މޫނަކާއެކު އެ ސުވާލަށް ޖަވާބުދެމުން މައްޗަށް ދާން ހިނގައިގަތީ ލައިލާއަށް ބަލާލާ ކޮންމެވެސް ވަރަކަށް ލޯ އަޅާލާފައެވެ. ލައިލާ އޭރުވެސް ހުރީ ތުންފަތައް ވިހަ ހިނިތުންވުމެއް ވެރިކޮށްލައިގެންނެވެ. ލައިލާއަށް ބަލާލާފައި އަލޫކްވެސް އިތުރު އެއްޗެއް ނުބުނެ ނަވީންގެ ފަހަތުން ހިނގައިގަތެވެ. ނަވީންގެ ކޮޓަރީގެ ދޮރާ ހިސާބުން އަލޫކް ނަވީންއަށް ގޮވާލިއެވެ.

"ދޮންބޭ... ދެންމެ އަހަންނަށް އަޑު އިވުނީ ތެދެއްތަ؟" އަލޫކް ކުއްލިއަކަށް ސުވާލުކޮށްލިއެވެ.

"ކޮން ވާހަކައެއް؟" ހުއްޓި ފަހަތް ބަލާލަމުން ނަވީން ކުޑަކޮށް ހައިރާންވެފައި ސުވާލުކޮށްލިއެވެ.

"ދޮންބެ ތީ... މަންމަގެ ދަރިއެއް ނޫންތަ؟ އަހަންނާ ދޮންބެ މީ އެއްބަނޑު އެއްބަފާ..." ވަކި ހިސާބަކަށް ބުނެފައި އަލޫކް އޭނާގެ ވާހަކަ ހުއްޓާލިއެވެ. އޭރު އެ މޫނުމަތިން ފެންނަނީ ދެރަވެފައި ހުރިފަދަ އަސަރުތަކެވެ. އޭނާ ނަވީންގެ ދެލޮލަށް ބަލާލީ އެ ސުވާލުގެ ޖަވާބު ވީހާވެސް އަވަހަކަށް ބޭނުންވެފައިވާ ފަދައަކުންނެވެ. އޭރު އެ ސުވާލުގެނޖަވާބު ލިބޭނެ ގޮތް ނޭނގި އޭނާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. އުންމީދުކުރެވޭ ޖަވާބު ނަވީންގެ ފަރާތުން ނުލިބިދާނެތީ ނުހަނު ކަންބޮޑުވިއެވެ.

ނަވީން އަލޫކްއަށް ބަލަހައްޓައިގެން ހުއްޓެވެ. އިތުރަށް އަލޫކްއަށް އޮޅުވާލާކަށް ނަވީންވެސް ބޭނުމެއްނުވިއެވެ. އަނެއްކޮޅުން ދޮގު ހެދިނަމަވެސް ހަޤީގަތް ބަދަލެއްނުވާނެއެވެ. ކޮންމެވެސް ދުވަހަކުން ހަޤީގަތް އެނގޭނެތާއެވެ. ނަވީންގެ ކޮޓަރިއަށް އިޝާރާތްކޮށް އެތެރެއަށް ވަންނަން ބުނުމަށްފަހު ނަވީން އެތެރެއަށްވަނެވެ. ނަވީންގެ ފަހަތުން އަލޫކްވަނެވެ. ނަވީން އަލޫކްއަށް ސޯފާ ދައްކާލާ ސޯފާގައި އިށީންނަން އެދުނެވެ. އަލޫކް އިށީނުމާއެކު އެ މޫނަށް ފުންކޮން ބަލާލަމުން ނަވީން ފުރަތަމަ ދޫކޮށްލީ ފުންނޭވާއެކެވެ. އެ ހަބަރު ލިބިގެން އަލޫކްގެ އަމަލުތައް ހުންނާނީ ކިހިނެތްކަން ލަފާކޮށްލަން ވެސް އޭނާގެ ސިކުނޑި ނުކުޅެދުނެވެ.

"ލޫކް" ނަވީން ވާހަކަ ފެށީ އަލޫކްއަށް ގޮވާލަމުންނެވެ.

"ދެންމެ ލޫކްއަށް އަޑު އިވުނީ ހަމަ ހަޤީގަތް... އަހަރެންމީ ލޫކްއާއި އެއްބަނޑު އެއްބަފާ ކުއްޖެއްނޫން... އެއްބައްޕައެއްނަމަވެސް ދެ މަންމައެއް... މި ހަޤީގަތް މިގޮތަށް ލޫކްއަށް އެނގޭކަށް ދޮންބެ ބޭނުމެއްނުވި... މިއީ އަސްލު ހަޤީގަތުގައި މި ހަޤީގަތް ލޫކްއަށް އެނގެން ޖެހޭ ގޮތެއް ނޫން..." ނަވީން ވާހަކަ މެދުކަނޑާލީ އަލޫކް އިތުރު އެއްޗެއް ބުނޭތޯއެވެ. އަލޫކް އިނީ ހަޤީގަތުގައިވެސް ވަރަށް ދެރަވެފައެވެ. އެންމެ ކުޑަ އިރުއްސުގެ އޭނާ އެންމެ ލޯބިވީ ނަވީން ދެކެއެވެ. ބޮޑުވަމުން އައިއިރު އަމިއްލަ ބޭބެއެއް ފަދައިން އޭނާއަށް ހިމާޔަތް ދިނީ ނަވީންއެވެ. ހުދު ނަވީންވެސް އޭނާ ދެކެ އެހާ ލޯބިވާކަން އަލޫކްއަށް އެނގެއެވެ. އޭނާއަށް އެއްޗެއް ނުބުނެވުނީ ހަޤީގަތުގައި ދެރަވެފައި އިން ވަރުންނެވެ. ކިތަންމެ ވަރަކަށް ވާހަކަ ދައްކަން ބޭނުންވިނަމަވެސް އޭނާގެ ދުލުގައި ވަނީ ތަޅެއްލެވިފައެވެ.

"ލޫކް ކޮންމެވެސް އެއްޗެއް ބުނެބަލަ" ނަވީން ވާހަކަދެއްކިއެވެ.

"އެންމެން ތި ހަޤީގަތް އަހަންނަށް ސިއްރު ކުރަން ޖެހުނީ ކީއްވެ؟ ތިއީ އާއިލާގެ އެންމެނަށް އެނގޭ ބޮޑު ސިއްރަކަށް ވާން ޖެހުނީ ކީއްވެ؟ އަދި ދޮންބެއާއޮ މަންމައާއި ދޭތެރޭ ތި ފަދަ ނަފްރަތެއް އުފެދެން މެދުވެރިވި ސަބަބަކީ ކޮބާ؟ ދޮންބެގެ... ދޮންބެގެ މަންމަ ކޮބާ؟" އަލޫކް ނިތުގައި އަތް ޖައްސާލާ އިސްޖަހާލިއެވެ. މަންމަގެ ވާހަކަ ހުރި ގޮތް އަޑު އިވި އޭނާ މިއަދު ނަވީންއާއި ކުރިމަތިލާންވެސް ލަދުގަނެއްޖެއެވެ. އަލޫކް ބޭނުންވެއްޖެނަމަ އެ މަގާމު ވަގުތުން ނަވީން ދޭނެކަން އޭނާއަށް އެނގެއެވެ. ނަވީން ދުވަހަކުވެސް އެފަދަ މަޤާމަކަށް ދަހިވެތި ވެގެނެއްނޫޅެއެވެ. އޮޅިގެން އުޅެނީ މަންމައަށެވެ. ދޮންބެ ބޭނުންވަނީ އޭނާ ހަޤީގަތުގައިވެސް ޒިންމާދާރު މީހަކަށް ހަދާށެވެ. އެހާވަރުން ކުންފުނީގެ ކަންތައްތައް ދަސްކުރަން ބާރު އަޅަނީ އެހެންވީމަތާއެވެ. ދޮންބެ މަޤާމުގެ ދަހިވެތިކަމުގައި އުޅޭނަމަ އެފަދަ ކަމެއް ނުކުރާނެއެވެ. އަމިއްލަ މަންމަ ނަމަވެސް ހިތުގައި ޝަކުވާ އުފެދުނެވެ. އެންމެ ކުޑައިރުއްސުރެ ނަވީން އަތުގައި އޮންނަ ކުޅޭ އެތިވެސް އަލޫކް ބޭނުންވެއްޖެނަމަ ނަވީން ދޭނީ އުފަލުންނެވެ. އެއްވެސް ޝަކުވާއަކާ ނުލައެވެ.

ދޮންބެ ބޭނުންވަނީ ހުދު އޭނާގެ ކިބައިގައި އަޚްލާގީ ރަނގަޅު ސިފަތައް އަށަގަންނުވާ ތެދުވެރިކަމާއެކު ކޮންމެ ނިންމުމެއްވެސް އެއްވެސް ފަސްޖެހުމެއްނެތި ނަގަން ކެރޭ ގާބިލް މީހަކަށް އަލޫކް ހަދަންކަން އަލޫކްއަށް އެނގެއެވެ. ދޮންބެއާ މެދު އޭނާގެ ހިތުގައި އޮތް އެއްބަނޑު އެއްބަފާ ކަމުގެ ކުލުނާއި ލޯބި އެތައް ގުނައެއް އިތުރުވިއެވެ. މަންމައާއި މެދު ކޮންމެވެސް ކަހަލަ ކިލަނބުކަމެއް އުފެދިގެން ދިޔަ ސަބަބަކީ ފުރަތަމަ ފަހަރަށް މަންމަގެ ހަޤީޤީ ސިފަ އޭނާގެ ކުރިމަތީގައި ފާޅުވުމެވެ.

"ލޫކް... ދޮންބެ... ދޮންބެ ދެކެ ރުޅިއަޔަސް މައްސަލައެއްނެތް... ބޭނުމެއްނޫން.... ފަހަރުގައިވެސް ދެމީހުންގެ ދެމެދު ދެބަސްވުމެއް ހިނގާކަށް....ލޫކް ނުޖެހޭނެ ދޮންބެ ގެ މަޤާމު ހޯދުމަށް ތަޅާފޮޅުމަކަށް ދާކަށް... ލޫކް ބޭޏުންވެއްޖެއްޔާ ދޮންބެ ގާތު އައިސް ރީތިކޮށް ބުނޭ މަގާމު ބޭނުމޭ... ދޮންބެ މަގާމުން ދުރަށް ދާނަން.... " ނަވީން ވާހަކަ ދެއްކިއެވެ.

"ނޫން..." އަލޫކް ކުއްލިއަކަށް ބުނެލިއެވެ. ދެމީހުންގެ ދެމެދުގައި އެތަކެއް ވާހަކައެއް ދެކެވުނުނަމަވެސް ނަވީން އޭނާގެ މަންމަގެ ވާހަކައެއް ނުބުނެއެވެ. އަލޫކްއަށް ކިޔައިދިނީ ގޭ އެހެންމީހުންނަށްވެސް އެނގޭ މިންވަރަށެވެ. އޭނާގެ މަންމަ މަރުވެފައިވާކަމުގައެވެ.

*****

ސައިކަލު ޕާރކުކޮށްލުމަށްފަހު ހަރު ހިނގުމެއްގައި ގޮސް ގެއަށް ވަތް ޒުވާނާ ގޭގެ ދޮރު ބާރަކަށް ލައްޕާލިއެވެ. އެއަށްފަހު ސޯފާގައި އިށީނެވެ.

"ޔާސިރު... ޝަކީބު... އަހަރެން ކަލޭމެން ދެމީހުންގެ ކިބައިން ބަދަލު ނުހިފައިފިއްޔާ މަގޭ ނަމަކަށް ރާފިހްއެއް ނުކިޔާނެ..." ދަތްތަކަށް ބާރުކޮށްލައިގެން އިނދެ އެ ޒުވާނާ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. އޭނާގެ އުމުރުން އެންމެ ހަ އަހަރުގެ ހިތި ތަޖުރިބާއާއި އެ ބިރުވެރި ހަނދާން އަދިވެސް އޭނާގެ ސިކުނޑިން ފިލާ ގޮތެއް ނުވެއެވެ. ބަޔަކު ކުރި ނުބައި އަމަލެއްގެ ޝިކާރައަކަށް އޭނާގެ ހިތާ ނަފްސު ވީ އެ ސަބަބާ ހެދިއެވެ. އެންމެ ލޯބިވާ ބައްޕަގެ ގާތިލުން އުފަލުގައި އުޅުމަށް އެދޭނީ ވެސް ކާކުހެއްޔެވެ؟ ޔާސިރު އާއި ޝަކީބު ކުރި ނުބައި އަމަލް އަދި އަދަށް ދާންދެންވެސް އެމީހުން ވަނީ ފަސް އަޅާ ފޮރުވާލާފައެވެ. އެމީހުންގެ މައްޗަށް ކުށެއް ސާބިތުކުރުމަކީ އޭނާ ފަދަ ނިކަމެއްޗަކަށް ކުރެވޭނޭ ކަމެއްނޫނެވެ. އޭނާއަށް މަދަދާ އެހީތެރިކަން ދޭނެ މީހަކު ހުންނާނެ ނަމަ ކިހާ ރަނގަޅުހެއްޔެވެ؟ އެކަނި މާއެކަނި ޔާސިރުމެންނާ ކުރިމަތިލުމަކީ އޭނާއަށް ކުރެވޭނޭ ކަމެއް ނޫނެވެ. އިންސާފުނުލިބެންވީ ކީއްވެހެއްޔެވެ؟ އޭނާ ނިކަމެތިވީމަހެއްޔެވެ؟ މުދަލާއި ފައިސާއިން ގަނެވޭ އެއްޗަކަށް އިންސާފުވަނީ ކީއްވެހެއްޔެވެ؟ އުމުރުން ހަ އަހަރުގައި ދިމާވި ހާދިސާއަށްފަހު މަންމައާއެކު ރާއްޖެތެރެއަށް ދިރިއުޅުން ބަދަލުކުރި ރާފިހް އަކީ ކިޔެވުމަށް މާ މޮޅުކުއްޖެއްނޫނެވެ. އެހެންނަމަވެސް ސްކޫލް ނިންމާ ރަށުގައި އޭރު ހިންގި ކޮންޕިއުޓަރ ކޯހެއްގައި ބައިވެރިވެ އޭނާ ވަނީ އައިޓީ އިން ޑިޕްލޮމާ ހާސިލްކޮށްފައެވެ.

އޭނާއަށް އެނގިފައި ވާގޮތުން މަންމަ ބައްޕަ ގާތުން ވަރިވީ އަމިއްލައަށެވެ. އުމުރުން އެންމެ އަހަރެއްގައި ބައްޕަގެ އަތް މައްޗަށް އޭނާ ދޫކޮށްލުމަށްފަހު މަންމަ ދިޔުން ވެގެން ދިޔައީ އޭނާގެ ހިތުގައި މަންމައާމެދު ނަފްރަތު އުފެދެން މެދުވެރިވި ސަބަބެއްކަމުގައެވެ. އެއަށްފަހު އޭނާ ގެންގުޅުނީ ބައްޕައެވެ. ބައްޕަގެ މަރަށްފަހު އޭނާއަށް ޖެހުނީ މަންމަ ގާތަށް ރަށަށް ދިރިއުޅުން ބަދަލުކުރާށެވެ.

ބައްޕަގެ މަރުގެ ހާދިސާ ތަފްސީލުކޮށް އޭނާ މަންމައަށް ކިޔައިދިނެވެ. އެހެންނަމަވެސް މަންމަ އޭނާގާތު އެވާހަކަ ސިއްރުކުރަން ބުނީއެވެ. މަންމަ އުޅުނީ ބަލިވެއެވެ. ތެދުވެވެނީ ކިރިޔާއެވެ. ޔާސިރުމެންގެ ނުފޫޒުގަދަކަން މަންމައަށް ވެސް އެނގެނީއެވެ. އެމީހުންފަދަ ނިކަމެތި ބަޔަކަށް ޔާސިރުމެންނާ ދެކޮޅަށް ދައުވާއެއް ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނޭ ބުންޏެވެ. އެކަމާ އޭނާއާއި މަންމައާއި މެދު ނުތަނަވަސްކަމެއްވެސް އުފެދުނެވެ. ބޮޑުވަމުން އައި ވަރަކަށް މަންމަގެ ފަރާތުން އިތުރު ކަންތައްތަކެއް އެނގިގެން ދިޔައެވެ. އެ ދުވަސްކޮޅު ޔާސިރު އާއި ޝަކީބުވެގެން ރާއްޖޭން ބޭރުގެ ބަޔަކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކޮންމެވެސް ވަރަކަށް ކުރިއެވެ. އެކަމާ ރާފިހްގެ ބައްޕަ ވެސް ބައިވެރިވާތީ މަންމަ އެތަކެއް ފަހަރަކު އެކަން ހުއްޓުމަށް ބައްޕައަށް ނަސޭހަތް ދިންކަމަށް ބުންޏެވެ. އެއީ ހަރާމް ލާރިކަމަށް ބުނެ ނަސޭހަތް ތެރިވިނަމަވެސް ބައްޕަ ހުރީ އޭރު ފައިސާއާހެދި މޮޔަވެފައެވެ. އެހެންނަމަވެސް އޭރު ރާފިހް ދޫކޮށްލަން ނުޖެހޭ ކަމާއި އެއީ އޭނާއަށް ހެދުނު ގޯހެއްކަމުގައެވެ. އިނދެގެން އުޅުނު އިރު ޔާސިރު އާއި ޝަކީބުވެސް އެމީހުންގެއަށް އަންނަކަމާއި އެމީހުންނާ ދެކޮޅަށް ތެދުވާ ކޮންމެ މީހަކު އެމީހުން ޖަލުގެ ތޭރިތަކުގެ ތެރެއަށް ކޮށްޕާލަނީ ދާދި ފަސޭހަކަމާއެކުގައި ކަމަށް މަންމަ ބުންޏެވެ. ބައްޕަގެ މަރުގެ ހާދިސާ ސިއްރުކުރަން ބުނީ ރާފިހްގެ މުސްތަޤްބަލް އަނދިރިވެދާނެތީ ބިރުންކަމުގައެވެ. މަންމަ ނިޔާވީ ދާދި އިހަކަށް ދުވަހުއެވެ. ކެންސަރު ބަލީގައި ފަސްއަހަރު ހޭދަކުރުމަށްފަހުގައެވެ. ފަހަކަށް އައިސް ނޫސްތަކުންވެސް ޔާސިރުމެންގެ ކުންފުނީގެ ހަބަރުތައް ގެނެސްދޭ މިންވަރު އިތުރުވުމާއެކު ރެޑް ލީފް ކުންފުންޏާ ދެމެދު އޮތް ނުތަނަސްވަމުގެ ވާހަކަ ހަބަރު ތަކުގެ ސުރުހީއަށް އަރަމުން ދިޔައީ ތީ އަނެއްކާ ބަދަލު ހިފުމުގެ ރޫހް އާލާވެގަތީއެވެ. އޭނާއަށް ނޭނގޭ އެއްކަމެއް އަދިވެސް އެބަވެއެވެ. ބައްޕަ މަރާލަން ޖެހުނު ހަޤީގީ ސަބެކެވެ. އެނގޭހާވެސް އެއްޗަކީ ބައްޕައާއި ދެމެދު ހަމަނުޖެހުމެއް ހިނގިކަމެވެ.

އެރޭގެ ހަނދާންތައް އޭނާގެ ސިކުނޑީގައި ކުރެހެން ފެށުމާއެކު ރާފިހް ސޯފާގައި އިނދެފައި ބޮލުގައި ހިފައްޓާލިއެވެ.

*****

ރާފިހް އަކީ ހާދީގެ ހުރި ހަމައެކަނި ކުއްޖާއެވެ. އާދައިގެ މަތިން އެރޭވެސް ރާފިހް އިނީ ފިލާވަޅު ދަސްކުރަން މޭޒުކައިރީގައެވެ. ހިސާބު ފިލާވަޅު ހެދުމަށްފަހު އޭނާ ވާހަކަ ފޮތެއް ހުޅުވާލިއެވެ. އޭރު އަށެއްޖަހަނީއެވެ. އެއީ ކޮންމެ ރެއެއްގެވެސް ހާލެވެ. ހާދީއަށް ގެއަށް އާދެވޭނީ ބާރަ ޖަހާ ބޮޑުވާފަހުންނެވެ. ގިނަ ފަހަރު ރާފިހްއަށް ސޯފާގައި ނިދިފައި އޮވެފައި ހޭލެވޭނީ ހާދީ އައިސް ގެއަށް ވަންނަ އަޑަށެވެ. ފޮތް ކިޔާ ނިންމާފާއި ރާފިހް މިރޭވެސް ގޮސް ސޯފާގައި ޖައްސާލިއެވެ. އެއާއެކު ދާދި ފަސޭހައިން އޭނާއަށް ނިދިއްޖެއެވެ. ރާފިހްއަށް ހޭލެވުނީ ގޭގެ ދޮރު ޖެހި އަޑަށެވެ. މީގެ ދެ ރޭ ކުރިންފެށިގެން ހާދީ ފެންނަނީ ވަރަށް ހާސްވެ ކަންބޮޑުވެފައި ހުއްޓައެވެ.

ހާދީ ގެއަށް އައިސް ރާފިހް ކޮޓަރިއަށް ވައްދާފައި ސިޓިން ރޫމަށް ނުކުތީ ފެންޖަގަށް ފެން އަޅައިގެން އެބަ އަންނަމޭ ކިޔާފައެވެ. ރާފިހްވެސް އެނދުގައި އޮށޯވެލިއެވެ. އިރުކޮޅެއްނުވެ އޭނާގެ ކަންފަތުގައި އެއްޗެއް ވެއްޓުނު އަޑުޖެހުނެވެ. މަޑުމަޑުން ބައްޕައޭ ކިޔާ ގޮވާލުމަށްފަހު އޭނާ ގޮސް ކުޑަކޮށް ހުޅުވިފައި ހުރި ދޮރުކައިރީގައި މަޑުކޮށްލީ ހާދީއާއި އިތުރު ދެމީހަކު ވާހަކަ ދައްކާއަޑު އިވޭހެން ހީވެގެންނެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔައީ ފުދޭވަރަކަށް ބާރަށެވެ.

"އަހަރެން އޭރުވެސް ކަލޭ ކައިރީ ބުނިން ފުލުހުންނަށް މިކަން އަންގަން ނޫޅެއްޗޭ... މާދަމާ ހުރިހާ ވާހަކައެއް ކިޔައިދޭން ފުލުސް އޮފީހަށް ދެވޭނީ އަހަރެން ކަލޭއަށް އެ ފުރުސަތު ދިނިއްޔާތާ؟" ރާފިހް ދޮރާ ކައިރިވެލާ ސިޓީންރޫމަށް ރީތިކޮށް ނަޒަރު ހުއްޓާލިއެވެ. އޭރު އޭނާއަށް ރީތިކޮށް ހާދީގާތުގައި ތިބި ދެމީހުން ފެނެއެވެ. ކޮޓަރި އެތެރޭގައި ވަނީ ނިދާ ބޮކީގެ ފަނޑު އަލިކަމެކެވެ. އެކަކު ހާދީއާއި ކައިރިވެލިތަންވެސް ރާފިހްއަށް ފެނުނެވެ. ޖީބުން ނެގި ސިރިންޖު ކަރަށް ކޮށްޕާލިއެވެ. އެއާއެކު ހާދީގެ ގައިން ހަކަތަ ހުސްވިއެވެ. އެމަންޒަރު ބަލަން ހުރި ރާފިހްގެ ދެފައިން ވާގި ދޫވެގެން ދާހެން ހީވިއެވެ. ކޮޅަށް ހުންނަން އުނދަގޫވުމާއެކު މަޑުމަޑުން ދޮރު ބުޑުގައި ކަކޫ ޖައްސާލައިގެން ރާފިހް އިށީނެވެ. އެހެން އިންދާ އެކަކު ގޭގެ އެތަން މިތަން ކެޗް ކުރަން ފެށިއެވެ. އެ ދިމާލަށް އަންނަން ފެށުމުން އޭނާ އަވަސް އަވަހަށް ގޮސް އަލަމާރި ދޮރުފަތް ހުޅުފާވައި އޭގެ ތެރެއަށް ވަދެ ފިލިއެވެ. އެމީހާ ނުކުތްކަން ޔަގީން ވުމާއެކު އޭނާ މަޑު މަޑުން އަލަމާރި ތެރެއިން ނުކުތެވެ. އެއަށްފަހު އަނެއްކާވެސް ގޮސް ދޮރު ބުޑުގައި އިށީނެވެ.

"އެކަކުވެސް ނެތް ދޯ..." އެކަކު ސުވާލުކޮށްލިއެވެ.

"ހާދީގެ ދަރިވެސް ނެތްތަ؟" އަނެކަކު އަހާލިއެވެ. އޭރު އޭނާއަކަށް އެއިން އެކަކަށް ކިޔާ ނަމެއްވެސް ނޭނގެއެވެ. އެއާއެކު އެ ދިމާލަށް އައި މީހާ ބޯޖާހިއެވެ. އެމީހުން މަޑުމަޑުން ހާދީގެ ކަރުގައި ވާގަނޑެއް އެއްސިއެވެ. އެއަށްފަހު ފަންކާގައި ހާދީގެ ހަށިގަނޑު އެލުވިއެވެ.

ހާދީގެ ހަށިގަނޑު އެހެން ބަހައްޓާފައި އެމީހުން ގޭން ނުކުމެގެން ދިޔައީ ނުލަފާ ވައްތަރަކަށް ހިނިގަނޑެއް ޖަހާލާފައެވެ. އެކަން ކުރީ ޔާސިރު އާއި ޝަކީބުއެވެ. އެތައް އިރަކު ކޮޓަރި ތެރޭގައި ހުރެފައި ރާފިހް ނުކުތެވެ. އެތައް އިރަކު ހާދީގެ މަސްގަނޑާ ދިމާލަށް ބަލަން ހުރެ ރާފިހް ރުޔެވެ. ލިބުނު ޝޮކުގެ ސަބަބުން ކޮންމެވެސް ވަރަކަށް ނަފްސާނީ އަސަރު ރާފިހްއަށް ކުރިއެވެ. ރާފިހްގެ ރުއިމުގެ އަޑު އިވިގެން އައި އަވައްޓެރި މީހާ ވަގުތުން ފުލުހުންނަން ގުޅާ ހަބަރު ދިނެވެ. އެއާއެކު ފުލުހުން އައެވެ. އަނެއްދުވަހު މުޅި މީޑިއާގައި ހާދީގެ މަރުގެ ހަބަރު ފެތުރުނެވެ. އެހަބަރު ލިބުމާއެކު މަންމަ އޭނާ ބަލާ މީހަކު ފޮނުވިއެވެ. ފުލުހުން ސުވާލު ކުރުމުންވެސް ރާފިހްއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ވާހަކަ ދައްކަން ވެސް ރާފިހް ނުކުޅެދުނެވެ. އޭނާއަށް ލިބުނު ޝޮކުގައި ނަފްސާނީ އެހީތެރިއެއްގެ އެހީ ހޯދަން ޖެހުނެވެ. ރާފިހް ކުޑަކޮށް ވެސް ހަމައަކަށް އެޅުނީ މަންމަ ގާތަށް ރަށަށް ދެވުނު ފަހުންނެވެ. ދުވަސްކޮޅެއް ފަހުން މައްސަލަ ނިމުނީ ހާދީ އަމިއްލައަށް މަރުވީ ކަމަށެވެ.

*****

ހިޔާލުތަކުން ނުކުތް ރާފިހްގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އޭނާ ދިޔައީ ޔާސިރު އާއި ޝަކީބުގެ ނުބައި އަމަލްތައް ދުނިޔޭގެ ލޯ ތަކުގެ މައްޗަށް ހާމަކުރަން އަތުކުރި އޮޅަމުންނެވެ. އޭރު އޭނާއަށް ނޭނގުނު ކަމަކީ ޔާސިރުމެން ފަދައިން ހާދީ އަކީވެސް މީހެއްގެ ގާތިލެއްކަމެވެ. ޔާސިރުމެން އެ ކުރިހާ ނުބައި އަމަލެއް ހާދީވެސް ކޮށްފައިވާކަމެވެ. ހަޤީގަތް އެނގޭ ދުވަހަކުން އޭނާ އެ ހަޤީގަތާ ކުރުމަތިލުމުގެ ހިތްވަރު ހުންނާނެބާއެވެ؟.

************************************

"ކީކޭ... ފުލުހުންނަށް ހަޤީގަތް ހާމަ ކުރާށޭ! މިހުރިހާ ކަމެއް މިހިސާބަށް ޕެލޭން ކޮށްފަ އެންމެ ފަހު ވަގުތު ފުލުހުންނަށް އެންގީމަ ކިހިނެތްވާނީ؟ އޭތް" ޔާސިރު ގާތަށް އައި ރުޅީގައި އޭނާ ގޮސް ހާދީގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ.

"އަހަރެންނަށް މިހެނެއް ނޫޅެވޭނެ... ފާޑެއްގެ ގޮތެއް ވެފަ ހުންނަނީ... ރޭގަނޑު ނުވެސް ނިދޭ" ހާދީ އޭނާގެ ގިރުވާނުގައި ހިފައްޓާފައި އޮތް ޔާސިރުގެ އަތް ނައްޓާލަމުން ބުނެލިއެވެ.

"އެކަން ކުރިއިރު ކަލޭއަށް އެއްވެސްކަމެއް ނުވޭތަ؟ އަހަރެން ކަލެއަށް ލާރި ދިން ވަރު މަދިއްޔާ އަދިވެސް ދީފާނަން... އެކަމަކު އެކަން ސިއްރުކުރޭ ނޫނީ ރަނގަޅެއް ނުވާނެ" ޔާސިރު އިންޒާރުގެ ބެލުމަކުން ހާދީއަށް ބަލަން ހުއްޓެވެ.

"އަހަރެން ބުނާނަން... މާދަމާ އަހަރެން ފުލުހަށް ދާނަން" އިރުގަނޑެއްގެ ބަހުސަކާއި ހޫނު ހަމަލާތަކަށްފަހު ހާދީ ހަޅޭއްލަވައިގަތެވެ. އެމީހުން ތިބީ އެ އިމާރާތުގެ ތެރޭގައެވެ. އާތިކާ މަރާލިފަހުން ހާދީ އުޅުނީ އުނދަގޫވާތީއެވެ. އެހެންވެ އެންމެ ފަހުން އެ ހުރިހާ ވާހަކައެއް ފުލުހުންނަށް ކިޔައިދޭން އޭނާ ނިންމީއެވެ. ރޭގަނޑު ނުވެސް ނިދެނީއެވެ. ބިރުވެރި ހުވަފެންވެސް ފެންނަނީއެވެ. ނުފެންނަ މީހަކު ގާތުގައި ހުންނަފަދަ އިޙްސާސްއެއްވެސް އޭނާއަށް ކުރެވެނީއެވެ. އެ ހުރިހާ ކަމަކާ ހެދި ހާދީ ހުރީ ހެދުނު ގޯހާ މެދު ކަންބޮޑުވެފައެވެ. އޭނާއަށް ވާ އުނދަގޫ ތަކަކީ މީގެ ކުރިން ދުވަހަކުވެސް ވީ އުނދަގޫ ތަކެއް ނޫނެވެ. ލޯ މަރާލިޔަސް ފެންނަނީ އާތިކާގެ މަރާލާފައިވާ މަސްގަނޑެވެ. ހާދީ އެވާހަކަ ޔާސިރު މެންނާ ހިއްސާކުރުމުން ޔާސިރުމެން ބުނީ ފަހުން ރަނގަޅުވާނެކަމުގައެވެ. އެހެންނަމަވެސް ހާދީގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. އެންމެ ފަހުން އޭނާ ހުރިހާ ވާހަކައެއް ފުލުހުންނަށް ކިޔައިދޭން ބުނުމުން ޔާސިރުމެން އެކަމާ ދެކޮޅު ހެދީއެވެ.

"ހާދީ! ކަލޭ... ފަޤީރު ކަމުގައި އުޅެނިކޮށް އަހަރެންނޭ ކަލޭ ތިހާ ހިސާބަށް ގެނެސް ދިނީ؟ ކަލޭ ފުލުހުންނާ ހަވާލުވީމަ ކަލޭގެ ދަރި ބަލާނީ ކާކު؟" ޔާސިރު ފަހު ފަހަރަށްވެސް ހާދީއަށް ވިސްނައިދެވޭތޯ ބުނެލިއެވެ. އެހެންނަމަވެސް އެ ބަސް ގަބޫލު ނުކޮށް ހާދީ އެތަނުން ނުކުމެގެން ދިޔައީ އޭނާގެ ފަހުގެބަސް އިއްވާފައެވެ.

"ދެން ނޯންނާނެ އިތުރު ގޮތެއް! އޭނަ މަރާލަން ވީ!" ހާދި ނުކުމެގެން ދިޔުމާއެކު ޔާސިރު ބަލާލީ ޝަކީބުއަށެވެ. އެވަގުތާ ހާލަތުގެ ގޮތުން ޝަކީބުވެސް އެއްބަސްވިއެވެ. އެމީހުން ހާދީ މަރާލާނެ ގޮތަކާއި މެދު މަޝްވަރާ ކުރަން އެތައް އިރަކު ތިއްބެވެ.

*****

ސިއްސައިގެން ދިޔަ ޔާސިރުއަށް މޭޒުމަތިން ބޯ ހިއްލާލެވުނީ ފޯން ރިންގުވި އަޑަށެވެ. އޭރު އޭނާގެ ބޮލަށް ވަނީ ބަރުވެފައެވެ. ވިސްނަން އޮއްވާ ސިކުނޑީގެ ހިޔާލުތައް މީގެ އެތައް އަހަރެއްގެ ކުރިއަށް އަމިއްލަ ނަފްސު ބީއްސައިލީ އޭނާއަށް ކުރެވިފައި ހުރި ފާފަތައް ހަނދާން އާ ކުރުވަމުންނެވެ.

ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ޔާސިރު ވާހަކަ ދެއްކިއެވެ. ގުޅީ ޝަކީބުއެވެ. ބައްދަލުކުރަން އެދުމުން އޭނާ ދެކޮޅު ހެދިއެވެ. ޝަކީބުއާ ދިމާލަށް ހަޑިހުތުރު ބަހެއް ބުނެލުމަށްފަހު އޭނާ ފޯނު ކަނޑާލިއެވެ.

*****

ހަލުވިކަމާއެކު އަނެއްކާވެސް ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. ހެނދުނުގެ ވަގުތެވެ. މާހިރާއަށް ކާންދީ ހަދާފައި އިބާ ނުކުމެލީ ބެލްކަންޏަށެވެ. ސޯފާގައި އިން މާހިރާ އިބާއަށް ބަލަން ފެށިކަން ފާހަގަވެގެން އޭނާ މަޑުމަޑުން މާހިރާއަށް އައުމަށް އިޝާރާތް ކޮށްލިއެވެ. މާހިރާ ކުޑަ އިރުކޮޅަކު ބަލަން އިނދެފައި މަޑުމަޑުން ސޯފާއިން ތެދުވިއެވެ. ހިނގައިގަތީ އިބާއާ ދިމާލަށެވެ. މާހިރާ އެ ދިމާލަށް އަންނާތީ އިބާ ހިނިތުންވެލިއެވެ. ބެލްކަންޏަށް ނުކުތުމުގެ ކުރިން މާހިރާ ފިޔަވަޅުތައް މަޑުޖައްސާލިއެވެ. އިބާ މަޑުމަޑުން ބޯ ޖަހާލިއެވެ. އޭނާ އަންނާށޭ ބުނެ ބޮލުން އިޝާރާތް ކޮށްލިއެވެ. އެއާއެކު މާހިރާ ފިޔަވަޅެއް ކުރިއަށް އަޅާލިއެވެ. ބެލްކަންޏަށް ނުކުތުމާއެކު އިބާ މާހިރާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އެތައް ދުވަހަކަށްފަހު އިރުގެ އަލި މާހިރާގެ ހަށިގަނޑުގައި ޖެހުމުން އޭނާއަށް އާދަޔާ ހިލާފް އިޙްސާސްއެއް ކުރެވުނެވެ. މުޅިހަށިގަނޑަށްވެސް ތާޒާކަން ވެރިވަމުން ދިޔައެވެ. ކުރިމަތިން ފެންނަމުންދިޔަ އުސް އިމާރާތް ތަކަށް އޭނާ ބަލާލީ އާތަނަކަށް ބަލާލެވޭ ފަދައަކުންނެވެ. މީން ޒަމާނަކު އޭނާއަށް ނުފެންނަ ފަދަ ހިތްގައިމު މަންޒަރެކެކެވެ. ފުރަތަމަ ފަހަރަށް މިނިވަންކަން އިޙްސާސްކުރެވުނެވެ. މާހިރާ އިބާއަށް ބަލާލިއެވެ. މަޑުމަޑުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އިބާ ކުރިމަތިން ފެންނަމުން ދިޔަ އިމާރާތްތަކަށް ބަލަން ހުރެ މާހިރާއަށް ވަރަށް ގިނަ ވާހަކަ ކިޔައިދިނެވެ. އޭނާ މާހިރާ އަވަހަށް ރަނގަޅުވާން ބޭނުންވާކަމާއި އޭރުން ބޭރަށް ނުކުމެ އެކުގައި ހިނގާލަން ދެވޭނޭކަމަށްވެސް ބުންޏެވެ. އެވާހަކަތައް އަޑުއަހަން މާހިރާ ހުރީ ޝައުގުވެރިކަމާއެކުގައެވެ. ދެމީހުން އެތަނުގައި ތިއްބާ ނަވީން ގެއަށް އައިސް ވަނެވެ. އެތަން ފެނި ނަވީންގެ ތުންފަތް މައްޗަށް ވެސް ވެރިވީ ހިނިތުންވުމެކެވެ. އޭނާ ވެސް ގޮސް ބެލްކަންޏަށް ނުކުތެވެ. އިބާގެ އެއްފަރާތަށް ހުއްޓިފައި އޭނާ އިބާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އިބާ، ނަވީންއަށް ބަލާލަމުން ހިނިތުންވުން ފުޅާކޮށްލިއެވެ. ނަވީން ބަލަން ފެށުމުން އިބާ ލަދުން އިސްޖަހާލިއެވެ. ނަވީން ކުޑަކޮށް ހީލިއެވެ. އެ މަންޒަރު ބަލަން މާހިރާ ހުރިއިރު އޭނާ ދެފަހަރަކު ބޯ އަރިކޮށްލިއެވެ. ނަވީންއަށް ބަލާލާފައި، އިބާއަށް ބަލާލުމަށްފަހު މާހިރާ ހީލިއެވެ.

އިބާގެ ހިތުގައި އޮތް ބިރުވެރިކަން ދޫކޮށްލާ އިބާ ނަވީންއަށް ފުރުސަތު ދިނީ އޭނާގެ މުސްތަގްބަލް އުޖާލާ ކުރުމަށް ފަހި ފުރުސަތެއް ނަވީންއަށް ދިނުމުގެ ބޭނުމުގައެވެ. ނަވީން އޭނާއަށް ދެރަގޮތެއް ނުހަދާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އޮތެވެ. ޒައިދުގެ ހަބަރެއްވެސް މިދުވަސްކޮޅު ވަނީއެއްނޫނެވެ. ހީވާގޮތުން އަނެއްކާ ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔައީއެވެ. ކިތަންމެ ވަރަކަށް ހައްޔަރުކުރި ނަމަވެސް ކޮންމެ ފަހަރަކުވެސް ދޫކޮށްލަނީއެވެ. ޒައިދު މެން ފަދަ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރަން ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. ގައުމުގެ ޒުވާން ޖީލު މި ގޮތަށް ހަލާކުވެގެން ދާތަން ބެލަން އަތް އުރާލައިގެން ތިބެން ޖެހުމަކީ ދެރަކަމެއްކަމަށް އިބާ ގަބޫލުކުރެއެވެ.

ކުޑައިރު މަންމަ އާއި ބައްޕަ ނިޔާވުމުގެ ސަބަބުން އިބާ އުޅެން ޖެހުނީ ދަތި ދިރިއުޅުމެކެވެ. ގޭތެރޭންނާއި ގޭން ބޭރުން ތަފާތު އަނިޔާތަކާ ކުރިމަތިލާން ޖެހުނު އިބާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލުނީ އޭނާއަށް ދިމާވަމުން ދިޔަ އަނިތާކުގެ ސަބަބުންނެވެ. ހަނު ހުރުމަކީ ހައްލެއް ނޫންކަން އެނގި ހުރެ، މަޖުބޫރުވީ ހަނު ހުންނާށެވެ. ވަންނާނޭ ގެދޮރެއް ނެތީތީއެވެ. މަދަދަށް އެދޭނޭ މީހަކު ނެތީތީއެވެ. އެހެންނަމަވެސް މިއަދު އޭނާއާއެކު ނަވީން އެބަ ހުއްޓެވެ. ބޭނުންވަނީ އޭނާއަށް ދިމާވި ކަންތައްތަކުގެ އަލީގައި އޭނާފަދަ ކުދިންނަށް އެހީތެރިވުމަށެވެ.

ދިވެހިރާއްޖޭގެ ޔުނިވާރސިޓީއިން ކައުންސެލިން ކިޔަވަން އިބާ ނިންމީ އެހެންވެއެވެ. އިބާ ނިންމައިގެން ހުރީ އަންނަ އަހަރު ކޯސްތަކަށް އިއުލާން ކުރުމުން ނަވީން ގާތު އެވާހަކަ ބުނެގެން ކިޔަވަން ފަށާށެވެ.

ހަޤީގަތުގައި ނަވީން ބޭނުންވަނީ އިބާ އާއި ވީހާވެސް އަވަހަކަށް ކައިވެނިކުރާށެވެ. އެހެންނަމަވެސް އަދި ހާލަތު ތަން ނުދެނީއެވެ.

މަންމަގެ އެހާލަތުގެ ފަހަތުގައި ވާ ސަބަބު ހޯދުމަށް ފުލުހުންގެ އެހީތެރިކަން ހޯދަން ވެސް ބޭނުންވެއެވެ. އެހެންނަމަވެސް ޔާސިރު އަކީ އަމިއްލަ ބައްޕައަށް ވީތީ އަދި އެކަށީގެންވާ ހެކި ނެތުމުން އެ ފިޔަވަޅު އަޅަން ފަސްޖެހެނީއެވެ. ޔާސިރު އާ ދެކޮޅަށް ތެދުވަން ޖެހޭނީ ވަރަށް ވިސްނައިގެންނެވެ. ކިރިޔާވެސް ހިލަމެއް ޔާސިރުއަށް ވެއްޖެނަމަ އޭނާވެސް މަރާލަން ޔާސިރު ފަހެއް ނުޖެހޭނެއެވެ. މާހިރާއަށް ބަލާލުމުން އެކަނިވެސް އެކަން އެނގި ހާމަވެއެވެ.

މާހިރާއާއި ޔާސިރުގެ ކައިވެންޏަކީ އެރޭންޖެ މެރިޖެއްކަމުގައި މާމަމެންގެ ފަރާތުން އޭނާއަށް އެނގުނެވެ. އެހެންނަމަވެސް އެއްވެސް އިރެއްގައި ދެމީހުންގެ ދެމެދުގައި މައްސަލައެއް ނުޖެހެއެވެ. އެހެންވެއްޖެނަމަ މަންމައަށް އެހެން ހަދަން ޔާސިރުއަށް ޖެހުނު ސަބަބަކީ ކޮބައިބާވައޭ ނަވީންގެ ހިތަށް އަރައެވެ.

*****

ނުދަންނަ ނަންބަރަކުން ގުޅުމުން ޔާސިރު ފޯނު ނުނަގަން އިނދެފައި ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އޭނާ އިނީ ޓެރެސްގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެންނެވެ.

"ޔާސިރު" އެއީ އޭނާ ދަންނަ އަޑެއްނޫނެވެ. އެހެންނަމަވެސް އެ އަޑުގައި ހިސާބެއްގެ ބަރުކަމެއްވެއެވެ. ކޮންމެވެސް ކަހަލަ ނަފްރަތު ކަމެއް އެ އަޑުން އެކަނިވެސް ޔާސިރުއަށް އިޙްސާސްކުރެވުނެވެ. ރޭގަނޑު ދިހައެއްޖަހާވެސް ބޮޑުވެއްޖެއެވެ. އެވަގުތު ގުޅާނީ ކާކުބާއޭ ހިތަށް އެރިއެވެ.

"އަހަރެން ބޭނުން ބައްދަލުކުރަން... " ޔާސިރު އެއްޗެއް ނުބުނެ ހުންނަން ފެށުމުން އެކޮޅުން ވާހަކަ ދެއްކިއެވެ.

"ކާކު؟" ޔާސިރު ސުވާލުކޮށްލިއެވެ.

"ހާދީ މަރާލިތަން ފެނުނު މީހެއް.... އަހަންނަކީ ކާކުކަން ހޯދަން ބޭނުންވަންޏާ މިރޭ ބާރަ ޖަހާއިރު އަހަރެން ބުނާ ތަނަކުން ބައްދަލުކުރޭ. ހަނދާންކުރާތި އެކަނި އަންނާތި... އިތުރު މީހަކު ގެނެސްފިއްޔާ އަހަރެން ބައްދަލެއް ނުކުރާނަން..." އެކޮޅުން ބުނެލިއެވެ. އެއާއެކު ޔާސިރު ކުއްލިއަކަށް ގޮނޑިން ތެދުވިއެވެ.

"އަހަރެން ނުޖެހޭނެ މީހަކު ގުޅާލާފަ ބުނެލާއިރަށް މީހަކާ ބައްދަލުކުރަން ދާކަށް... އަހަރެން މީ ތިހީކުރާހާ ފިނޑިމީހެއް ނޫން. އަނެއްކޮޅުން ތި ކިޔާ ހާދީއެއް އަހަންނަކަށް ނުވެސް އެނގޭ..." އިތުރު އެއްޗެއް ބުނުމެއްނެތި ޔާސިރު ފޯނު ކަނޑާލީ ބިރުގަތީތީއެވެ. ފޯނަށް ބާރުކޮށްލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ދެން އައީ މެސެޖަކާއި ރިކޯޑިންއެކެވެ. މެސެޖުގައި އޮތީ ދާންވީތަން ބުނެފައެވެ. އެއަށްފަހު އޯޑިއޯ ފައިލް ހުޅުވާލާ އޭނާ އެ ޕްލޭކޮށްލިއެވެ.

"ހާދީ.. ކަލެއަށް އެނގޭނެ މަށަކީ ޔާސިރުކަން... އަދި ޔާސިރު އަކީ ކަންތައްތަކުގެ ބަލި އެހާ ފަސޭހައިން ގަބޫލުކުރާ މީހެއް ނޫން ކަން... އަދިވެސް ވިސްނާލަން އަހަރެން ފުރުސަތެއް ދޭނަން.... ވިސްނާލާފަ މިރޭ އަހަންނަށް ޖަވާބެއް ދޭން ބައްދަލުކުރޭ... އެހެންނޫނީ ކަލޭގެ ސަޒާ އަކީ މަރު.... އަހަރެން ކަލޭ މަރާލާނަން... ކަލެއަށް އެނގޭނެ އަހަރެން ފަސްނުޖެހޭނެކަން..." ހާދީ އާ އޭނާ އެއްރޭ ފޯނުން ދެއްކި ވާހަކައިގެ ރިކޯޑިންއެކެވެ. ޔާސިރުގެ ލޭ ކެކިގަތެވެ. އެހެން އޭނާއާ ކުޅެން ކެރެނީ ކާކަށްހެއްޔެވެ؟ އެއްފަރާތުން މާހިރާއެވެ. އަނެއްފަރާތުން ހާދީއެވެ. ފުރަތަމަ ފަހަރަށް ހަތަރު ފަރާތުން ފިތެމުން ދާފަދަ އިޙްސާސްއެއް ޔާސިރުއަށް ކުރެވުނެވެ.

ރާފިހް ހުރީ ފަޅު އިމާރާތެއްގެ ޓެރެސްމަތީގައެވެ. ފޯނު ތިރިކޮށްލަމުން އޭނާ އެ ކޯލް ރެކޯޑިން ޔާސިރުއަށް ފޮނުވާލިއެވެ. އޭނާ ބޭނުންވަނީ ޔާސިރުގެ ވަސް މި ދުނިޔެއިން ފުހެލާށެވެ. ބައްޕަ އަމިއްލައަށް މަރުވީކަމަށް ނިންމުމަށްފަހު އޭނާ ރަށުގައި ވެސް އުޅުނީ ނުހަނު ހާލުގައެވެ. ބައްޕައޭ ކިޔާ މީހުން ފަތުރަމުން ގެންދިޔަ ވާހަކަތަކަށް ބިރުކަންފަތެއް ދޭން ބޭނުންވި ނަމަވެސް ކޮންމެ ފަހަރަކު އޭނާގެ ދެލޮލުން ކަރުނަ ފާއްދާލަނީ އެ ބަސްތަކުގެ ހިތިކަން އަރުތެރޭގައި ލާތީއެވެ. މީހުންގެ މަލާމާތާއި ފުރައްސާރަ ލިބުނެވެ. އެކުގައި ކުޅޭނެ އެކުވެރިއަކު ނުލިބުނެވެ. ބުލީގެ ޝިކާރައަކަށް ވިއެވެ. މަންމަ ދުނިޔޭގައި ޔާސިރުގެ ފަރާތުން ބަދަލު ހިފަން ފުރުސަތު ނުލިބުނަސް މިއަދު އޭނާއަށް އެވަނީ އެ ފުރުސަތު ފަހިވެފައެވެ. ބައްޕަ މަރުވުމަށްފަހު ބައްޕަގެ ފޯނުން އެ ރެކޯޑިން ފެނުނު ކަމީ ނަސީބެކެވެ. ބަދަލުހިފެން އޮތް ހަމަ އެކަނި ގޮތަކީ ޔާސިރުމެން މަރާލުން ކަމުގައި ވާނަމަ އޭނާ އެކަން ވެސް ކުރާނެއެވެ. އޭނާ އިންތިޒާރުގެ ވަގުތު ތައްގުނަން ފެށީ ޔާސިރު އަންނާނޭ ވަގުތަކަށެވެ. އެ ރިކޯޑިން އަޑު އެހުމަށްފަހު ޔާސިރު އެތަނަށް އަންނާނޭ ކަމުގެ ފުރިހަމަ ޔަގީން ކަން އޭނާއަށް އޮތެވެ. ޔާސިރުގެ ކަންތައް ނިންމާލުމަށްފަހު އޭނާ ދެން ދިމާކުރާނީ ޝަކީބުއާއެވެ. އެއަށްފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ދާން ޖެހުނަސް ހެވެ. އުމުރު ދުވަހު ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރުވިނަމަވެސް ވަރިހަމައެވެ. އޭނާ ބޭނުންވަނީ އިންސާފެވެ.

ބާރަޖަހަން ގާތްވެފައި ހުއްޓާ ނަވީން ތިރިއަށް ފޭބީ ކޮޓަރީގައި ފެން ނެތުމުންނެވެ. ކަރުހިއްކާވަރުން ފެންފޮދެއް ބޯލުމަށެވެ. ސިޑިން ފައިބަނިކޮށް ވަރަށް ބާރަށް، ގޭން ބޭރަށް ނުކުންނަންދިޔަ ޔާސިރު އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ގަޑީގައި ޔާސިރު ދާ ތަނަކާ ބެހޭގޮތުން ސުވާލު އުފެދުނު ނަވީން ކޮޓަރިއަށް ވަދެ ގަމީހެއް ގަޔަށް މަހާލަމުން ނިކަން އަވަހަށް ގޭން ނުކުތެވެ. އޭރު ޔާސިރު ކާރުގައި ގޭޓުން ނުކުންނަނީއެވެ. ޑްރައިވަރުވެސް ނުލާ މި ގަޑީގައި ޔާސިރު ދާ ތަނެއް ބަލަން ނަވީން ބޭނުންވިއެވެ. އޭނާ ގޮސް އޭނާގެ ކާރަށް އަރާ ދުއްވާލިއެވެ. ޔާސިރުގެ ފަހަތުން ދުއްވަމުންދިޔަ ނަވީން ޔާސިރު ކާރު މަޑުކުރިތަނާ ތަންކޮޅެއް ދުރުގައި ކާރު ޕާރކުކޮށްލުމަށްފަހު މަޑުމަޑުން ޔާސިރުގެ ފަހަތުން ދާން ފެށިއެވެ. ޔާސިރު ވަންނަން ފެށީ ފަޅު އިމާރާތަކަށެވެ. އެ އިމާރާތަކީ މީގެ ކުރިން އެއް އިރެއްގައި އޭނާ ހާދީއަށް ހަދިޔާއަކަށް ދިން ގެއެކެވެ. އެގެއަކީ އޭނާއާއި ޝަކީބު ވެގެން ހާދީ މަރާލި ގެވެސް މެއެވެ. އެހާ ދުވަސްފަހުން އެގެއަށް ވަންނަންވުމުން ކޮންމެވެސް ވަރަކަށް ޖެހިލުން ވިއެވެ. އެގެއަށް ވަތް އިރު މުޅިގޭގައިވެސް ރަސްކަން ކުރަމުން ދިޔައީ ކަނު އަނދިރިކަމެވެ. ފޯނުގެ ލައިޓް ޖައްސާލަމުން ގޭގެ ސިޑި އޭނާ ހޯދިއެވެ. ސިޑިން މައްޗަށް އަރަމުން އަރަމުން ގޮސް އޭނާ މަޑުވީ ގޭގެ ޓެރެސްއަށް އެރުނު ފަހުންނެވެ. ޔާސިރުގެ ފަހަތުން އައި ނަވީން ވެސް އެހާ މަޑުމަޑުން ޔާސިރުގެ ފަހަތުން އަރަމުންދިޔައެވެ. ޔާސިރުއަށް އެނގިދާނެތީ ނަވީން އެތެރެއަށް ވަނީ އެއްވެސް އައްޔެއްގެ އެހީތެރިކަމަކާއި ނުލައެވެ. ވަރަށް ބަލައިގެން ސިޑިން އަރާ އޭނާ ޓެރެސްއަށް ވަންނަ ދޮރުކައިރީގައި މަޑުކޮށްލިއެވެ.

"ވެލްކަމް ޔާސިރު" އިތުރު ޒުވާނެއްގެ އަޑު އިވުނެވެ.

"ކާކު ތީ؟" ޔާސިރު ސުވާލުކޮށްލިއެވެ.

"އަހަންނަކީ ކާކުކަން ހޯދަން ހާދަ އަވަސް އަރުވާލައިގެން ތިއުޅެނީ؟" މާސްކަކުން މޫނު ނިވާކޮށްގެން ހުރި އެ ޒުވާނާގެ ބޮލުގައި ތޮއްޕެއްވެސް އަޅާލާފައި ވެއެވެ. އެއްފަރާތުގައި ހުރި މޭޒެއްގެ ދޮށުގައި ފާނޫޒެއް ދިއްލާފައި ހުރުމުގެ ސަބަބުން ހުރި އަލިކަމާއި ހަނދުވަރުގެ އަލި ކޮންމެވެސް ވަރަކަށް ހުއްޓެވެ. އެ ނޫން އެހެން އަލިކަމެއް ނެތެވެ.

އަހަންނަށް އެނގޭ އަންނާނެކަން... ހާދީ މަރާލާފަ އެކަން ވެސް ފޮރުވާލިލެއް ހާދަ މޮޅޭ!' އެ ޒުވާނާ ވާހަކަ ދެއްކިއެވެ.

ނަވީން ކުޑަކޮށް ބޯ ދިއްކޮށްލިއެވެ. އެ ޒުވާނާ މަޑުމަޑުން އޭނާގެ ޖީބުން ކުޑަ ވަޅިއެއް ނަގަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތެވެ. ދެލޯ ބޮޑުކޮށްލި ނަވީން ހިންދިރުވާލިއެވެ.

"ކާކުތީ؟" ޔާސިރު ހަރުކަށިކަމާއެކު ސުވާލުކޮށްލިއެވެ.

"ކަލޭ އަހަންނަށް ފާޑު ފާޑުގެ އެއްޗެހި ފޮނުވާފައި އެންމެ ފަހުން މިހެން އަހަންނާއި ދިމާކުރުން ނިންމީތަ؟" ޔާސިރު ވާހަކަދެއްކިއެވެ.

"އެ ރިކޯޑިން އެކަންޏެއް ނޫން ހުރީ... އެތައް ބައިވަރު ރިކޯޑިން އެއް އެބަހުރި..." އެ ޒުވާނާގެ ވާހަކަ ދައްކަމުން ދިޔައީ ނުހަނު ހަމަޖެހިލައިގެން ހުރެއެވެ. އެކަމުން ޔާސިރުއަށް އުނދަގޫވިއެވެ. ނަވީން ބަލަން ހުއްޓާ އެ ޒުވާނާ ޔާސިރުއާ ދިމާލަށް ވަޅި ދިމާކޮށްލަމުން ދުއްވައިގަތެވެ. އޭނާއަށް ވަގުތުން އެތެރެއަށް ވަންނަން ކުރިއަށް ޖެހިލެވުނެވެ. ހަޅޭއްލަވައި ނުގަނެވުނީ ކިރިއާއެވެ. އެހެންނަމަވެސް ޔާސިރު ހުޝިއާރުކަމާއެކު އެ ޒުވާނާގެ އަތުގައި ހިފެއްޓުމާއެކު އޭނާ އަނެއްކާވެސް ފަހަތަށް ޖެހިލިއެވެ. އެ ޒުވާނާ އަތުން ވަޅި ވިއްސައިގެން ދިޔުމާއެކު ޔާސިރު އެދިމާލަށް ދުއްވައިގަންނަން އުޅުނެވެ. އެހެންނަމަވެސް އެ ޒުވާނާ ހަދާލި ގޮތަކުން ޔާސިރު ގޮސް ރެއިލިންގެ ދަގަނޑުގައި ބޯ ޖެހި ބޯ ފަޅައިގެން ދިޔައެވެ. ވެއްޓުނު ޔާސިރުގެ ލޯ މައްޗަށް އަނދިރިވިއެވެ. އެ ދިމާލަށް އަންނަމުން ދިޔަ ޒުވާނާ އޭނާއަށް ފެނުނީ މެރެމުން ދިޔަ އެސްފިޔަތަކުގެ ދޭތެރެއިންނެވެ.

ޔާސިރުއާ ހިސާބަށް ރާހިފްއަށް ދެވުނީ ކިރިއާއެވެ. ފަހަތުން އައި މީހަކު އައިސް ރާހިފްގެ އަތުގައި ހިފައްޓާ ފަހަތަށް ވައްޓާލިއެވެ. ރާހިފްއަކީ ޖާނުން ވަރުގަދަ ހަށިގަނޑެއްގެ ވެރިއަކަށް ވީތީ އޭނާގެ އަތް މަތިން ސަލާމަތް ވާން މާކަ އުނދަގުލެއް ނުވެއެވެ.

ނަވީން ނަގާ ދުރަށް ހޫރާލުމާއެކު ގޮސް އެތަނުގައި ހުރި މޭޒުގައި ޖެހި މަތަވިއެވެ. މޭޒަށް އެރި ގުޑުމާއެކު އެތަނުގައި ހުރި ފާނޫޒު ވެއްޓި، ނިވުމާއެކު އަނދިރިކަން އެތަނަށް ވެރިވިއެވެ. ހަނދުވަރުގެ އަލިކަމުގެ ތެރެއަށް ލޯ ހޭނިލަން ދެމީހުންނަށްވެސް ކުޑަ ވަގުތު ކޮޅެއް ނެގިއެވެ. ނަވީން ފާނޫޒުގައި އަތް ޖައްސާލިއެވެ. އެއަށްފަހު އަތަށް އެ ހެޔޮވަރު ކޮށްލިއެވެ. އެއީ ޔާސިރު އާއި ކޮންމެފަދަ ދުޝްމަންކަމެއް އޮތް މީހަކަސް މިވަގުތަށް އޭނާ ހުއްޓުވުން މުހިންމެވެ. އޭނާ އެ އަންނަނީ ނަވީންއަށް ހަމަލާދޭށެވެ. ނަވީން ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން މިއައީ ކަލެއަށް ގެއްލުމެއް ދޭކަށް ނޫން" އެހެންނަމަވެސް އެ ޒުވާނާ އެއްވެސް އެއްޗެއް ނުބުނެ ނަވީން އާއި ދިމާލަށް ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅަމުންދިޔައެވެ. ނަވީންއަށް ގޮސްހުސްވިއެވެ. ގާތަށް އައި ޒުވާނާ އޭނާގެ ގަމީހުގައި ހިފާ ނެގުމުން އޭނާ އެ ޒުވާނާގެ ތޮފި ނައްޓާލާ އަތުގައި އޮތް ފާނޫޒުން އެ ޒުވާނާގެ ނިތްކުރިމަތީގައި ޖެހީ އެ ޒުވާނާ އޭނާގެ ކަރުގައި ހިފަން އުޅުނީތީއެވެ.

އެއާއެކު ރާހިފްއަށް ނަވީންގެ ގައިން ދޫކޮށްލެވުނެވެ. ނިތްކުރިމައްޗަށް ތަދުވީތީ އޭނާ ފަހަތަށްޖެހިލިއެވެ. ބޮލަށް ކޮންމެވެސް ވަރަކަށް އެނބުރުން އެރިއެވެ. ބޮލުގައި ހިފައްޓައިގެން ހުރެ ސިޑިއާ ދިމާލަށް ދުއްވައިގަތުމާއެކު ނަވީން ވެސް އެދިމާލަށް ދިޔައެވެ. އޭނާ ގޮސް ރާހިފްގެ ޓީޝާޓުގައި ހިފިއެވެ.

"ކާކު ތީ؟" ޔާސިރު މަރާލީ ކޮން ހާދީއެއް؟" ނަވީން ސުވާލުކޮށްލިއެވެ. އެއާއެކު އެ ޒުވާނާ ނަވީންއަށް ބަލާލިއެވެ. ފަނޑު އަލިކަމުގެ ތެރެއިންވެސް ދެ ޒުވާނުންގެ ހަތަރު ކަޅި ބައްދަލުވިއެވެ. ކޮންމެވެސް ވަރަކަށް ހަނދުވަރު ދޭކަމީ ނަސީބެކެވެ. ކިރިޔާ ލޮލަށް އެނގޭ ވަރުގެ އަލިކަމެއް އެބަ ހުރިވިއްޔާއެވެ. އެ ޒުވާނާ ހުރީ ކަޅު ކުލައިގެ މާސްކެއް އަޅާފައިކަމުން މޫނު ވަކި ވާގޮތެއް ނުވިއެވެ. އޭރުވެސް އެ ޒުވާނާގެ ނިތްކުރިމަތިން ލޭ އަންނަމުން ދިޔައެވެ.

އެ ޒުވާނާ އެއްޗެއް ނުބުނެ ނަވީން ކޮށްޕާލާފައި ތިރިއަށް ފޭބިއެވެ. ނަވީން ފުންނޭވާއެއްލިޔެވެ. އޭނާ ގޮސް ޔާސިރުގެ ގާތަށް ހުއްޓި ޔާސިރުގެ ގައިގައި ދެފަހަރަކު ކޮށްޓާލިއެވެ. ޔާސިރު ދެފަހަރަކު އެސްފިޔަތައް ތަޅުވާލިތަން ފެނި ނަވީން އަވަސް އަވަހަށް ތެދުވެ ފަހަތަށް އެނބުރުނެވެ. ޔާސިރު ކާކުހޭ ބުނެލި އަޑާއެކު އޭނާ ފިޔަވަޅުތައް ބާރުކޮށްލަމުން ގޮސް ސިޑިން ފައިބައިފިއެވެ. ބާރުބާރަށް ކާރާ ހިސާބަސް ގޮސް ނަވީން ބޮލުގައި ދެފަހަރަކު ޖަހާލިއެވެ. އޭރު އޭނާއަށް ވިސްނެނީ އެ ޒުވާނާއާ މެދުގައެވެ. އެ ޒުވާނާ ފެނިއްޖެނަމަ ކޮންމެވެސް އެއް ކަމެއް އޭނާއަށް އެނގިގެން ދާނެކަމުގެ ޔަޤީންކަން އެބައޮތެވެ. ޔާސިރު ނުކުތްތަން ފެނި ކާރު ދުއްވާލި ނަވީންގެ އަމާޒަކަށް ވީ ޔާސިރުއަށް ވުރެ ކުރިން ގެއަށް ދިޔުމެވެ.

ޔާސިރުގެއަށް އައިސް ކޮޓަރިއަށް ވަތް އިރު ލައިލާ އޮތީ ނިދާފައެވެ. އޭނާ މަޑުމަޑުން ގޮސް ލައިލާ އަށް ގޮވާލިއެވެ. ބޮލުގައި ރިއްސަމުން ދިޔައީ އެހާވަރަށެވެ.

"ކިހިނެތްވީ؟" ލައިލާ ހާސްވިއެވެ.

ފައި ކައްސާލައިގެން ވެއްޓުނީ!" ލައިލާއަށް ބަލާލަމުން ޔާސިރު ބުނެލިއެވެ.

"ކޮންތާކަށް؟"

"ފާހާނާތެރެއަށް" ބޯ ދައްކާލަމުން ޔާސިރު ބުނެލިއެވެ.

"އެއްޗެހިވެސް ބަދަލް ނުކުރަންތަ؟" ލައިލާގެ ސުވާލާއެކު ދޭނެ ޖަވާބަކަށް ޔާސިރު ވިސްނާލިއެވެ.

"މިހާރު އެއޮތް އެކެއް ޖަހަނީ... އަދިވެސް ނުނިދަންތަ؟" ލައިލާ ގަޑި ބަލާލިއެވެ. އަދި ދެވަނަ ސުވާލެއް އޭނާ ޔާސިރުއަށް އަމާޒުކޮށްލިއެވެ.

"ޓެރެސްގައި އިންދާ ކުޑަކޮށް ނިނުނީ.... ހޭލެވުނީމަ އައިސް ފާހާނާއަށް ވަތް ތަނާ ވެއްޓުނީ" ޔާސިރު އޮޅުވާލިއެވެ.

އޭގެ ތިން ދުވަސްފަހެވެ. ނަވީން އޮފީސް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ޓްރެފިކްގައި ޖެހުނެވެ. ކޮންމެވެސް ކުޑަ ވަރެއްގެ އެކްސިޑެންޓެއް ހިނގައިގެން ފުލުހުންވެސް ހަރަކާތްތެރިވާތަން ފެނެއެވެ. އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި އެއްފަރާތު ސައިކަލުގައި އިން ޒުވާނާ އަޅައިގަތެވެ. ނިތްކުރިމަތި ކޮންމެވެސް ވަރަކަށް ހަލާކުވެފައި ވެއެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އެރޭގެ ހަނދާނެއް އައެވެ. އެޒުވާނާއަށް ފަރުވާތެރިކަމާއެކު ނަވީން ބަލާލިއެވެ. ދާދި އެއްވަރެއްގެ ހަށިގަނޑެކެވެ. އެ ޒުވާނާ ފޯނު ނަގާ ފޯނަށް ނަޒަރު ހުއްޓާލިތަން ފެނުނެވެ. އައިނު އަޅަމުން ނަވީން ކާރުގެ ލޯގަނޑު ތިރިއަށް ކަހާލިއެވެ.

"ކިހިނެތްވެގެން މިއުޅެނީ؟" ނަވީން އަހާލީ އެއްފަރާތުގައި މަޑުކޮށްގެން އިން ޒުވާނާގާތުއެވެ.

"އެކްސިޑެންޓެއް ވެގެން އުޅެނީ." އެ ޒުވާނާގެ އަޑު އިވުމާއެކު ނަވީންއަށް ޔަޤީންވިއެވެ. އޭރު އެ ޒުވާނާ އެއްއަތުން ފޯނާ ކުޅެން އިނުމުން އެހާ ވަރަށް ނަވީންއަށް ސަމާލުކަން ދެވޭގޮތެއްނުވިއެވެ. އެއަޑަށްވެސް މެއެވެ. ޖަވާބު ދީފައި އޭނާ ކުޑަކޮށް ބަލާލިއިރު ނަވީން ލޯގަނޑު މައްޗަށް އަރުވާލަނީއެވެ.

މާގިނަ އިރަކު މަޑުކުރާކަށް ނުޖެހުނެވެ. ކުރީގައި ހުރި ވެހިކަލްތައް ދުއްވާލުމާއެކު ނަވީންއާއި އެ ޒުވާނާވެސް ދުއްވައިލިއެވެ. ނަވީން ގެ މިސްރާބުހުރީ އެ ޒުވާނާގެ ފަހަތުންނެވެ. އެ ޒުވާނާ ސައިކަލު އެއްފަރާތުގައި ޕާރކުކޮށްފައި ގޮސް ގެއަށް ވަނެވެ. ނަވީންގެ ކާރުވެސް އޭނާ ޕާރކުކޮށްލިއެވެ. އެއަށްފަހު އެ ޒުވާނާގެ ފަހަތުން ގޮސް އެ ވަތް ތަނަކަށް ވަނެވެ.

އެންމެ ފުރަތަމަ ފަންގިފިލާއިން އޭނާ އާއި ދިމާވީ މުސްކުޅި ދެމަފިރިއަކާއެވެ. އެގާގައި އިތުރު މީހަކު ނޫޅޭކަން ޔަގީން ވުމުން ދެން އޭނާ އެރީ ދެވަނަ ބަޔަށެވެ. އެބައިން ދޮރެއް ނުހުޅުވައެވެ. ތިންވަބައިގައި ޓަކި ޖަހާލާ ނަވީން މަޑުކޮށްލިއެވެ. އެތެރޭން ވަންނާށޭ ބުނެލި އަޑު އިވުނެވެ. މަޑު މަޑުން ދޮރުފަތް ހުޅުވާލާފައި އެތެރެއަށް އަޅާލި ފިޔަވަޅާ އެކު އޭނާގެ ކަރާ ދިމާލަށް އަމާޒުވީ ތޫނު ވަޅިއެއްގެ މިޔައެވެ.

(ނުނިމޭ...)

https://sun.mv/124832

comment ކޮމެންޓް